އައްޑޫ މީދޫގައި ކުރިއަށްދާ 'މިނިވަން އުފާ 2026' ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ފޯރިގަދަ ވޮލީ މެޗާއި ބަށި މެޗުން މީދޫ ޓީމުތައް ކާމިޔާބީ ހޯދައިފިއެވެ.
ރޭ މީދޫ ކުޅިވަރު އެރީނާގެ ވޮލީ ކޯޓުގައި ކުޅެވުނު އަންހެން ވޮލީ މެޗުގައި ބައްދަލުކުރީ މީދޫ އަންހެން ވޮލީ ޓީމާއި ހުޅުދޫ އަންހެން ވޮލީ ޓީމެވެ.
ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު މީދޫ ޓީމުން ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މީގެ އިތުރުން، މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގެ ބަށި ކޯޓުގައި ކުޅެވުނު ބަށި މެޗުވެސް ކާމިޔާބުކުރީ މީދޫ ޓީމެވެ. ހިތަދޫ ޓީމާ ބައްދަލުކޮށް ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 16 ލަނޑު 16 ލަނޑުން އެއްވަރުވެފައެވެ. ނަތީޖާ އެއްވަރުވުމާ ގުޅިގެން މޮޅުވި ޓީމު ކަނޑައެޅީ ފޯލިއަށް ބަލައިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މީދޫ ޓީމުން އެ ޓީމުގެ ދެ އިނިންސްގައި 16 ލަނޑާއި 11 ފޯލި ހަދާފައިވެއެވެ. ހިތަދޫ ޓީމަށް ދެ އިނިންސްގައި ހެދުނީ 16 ލަނޑާއި 6 ފޯލިއެވެ. އެހެންކަމުން، ފޯލީގެ ތަފާތުން މި މެޗު ކާމިޔާބުކުރީ މީދޫ ޓީމެވެ.
މި މެޗުގެ އެންމެ މޮޅު ޖެހުންތެރިންގެ ގޮތުގައި ހޮވިފައިވަނީ މީދޫ ޓީމުގެ ނިހާނު އާއި ހިތަދޫ ޓީމުގެ އަގުލީމާއެވެ.
'މިނިވަން އުފާ 2026' ގެ މި ހަރަކާތްތަކަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ކުޅިވަރުގެ ރޫހު ދިރުވުމަށް ބޭއްވޭ ވަރަށް ކާމިޔާބު ހަރަކާތްތަކެއްކަން ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

