ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އައްޑޫ މީދޫގައި ކުރިއަށްދާ "މިނިވަން އުފާ 2026" ހަރަކާތްތަކުގެ ތެރެއިން، ރަށުގައި މަސައްކަތްކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން ބޭއްވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗަކީ ރަށުގައި ދިރިއުޅޭ ބަނގްލަދޭޝް ރައްޔިތުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ ދެމެދުގައި ކުޅެވުނު ފޯރިގަދަ މެޗެކެވެ. މެޗު ފެށުނީއްސުރެ ނިމެންދެންވެސް ދެ ޓީމުގެ ފަރާތުން ކުޅަދާނަ ކުޅުމެއް ފެނިގެންދިޔައިރު، ދަނޑަށް އެއްވި ގިނަ އަދަދެއްގެ ބަގްލާދޭޝް މީހުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މި މެޗަކީ މިނިވަން ދުވަހުގެ އުފަލާއި ފޯރި ރަށުގެ އެންމެހައި ފަރާތްތަކަށް ހިއްސާކުރުމުގެ ގޮތުން ބޭއްވުނު މެޗެކެވެ. މިގޮތުން، އަޅުގަނޑުމެންނާއެކު ރަށުގެ އެކި މަސައްކަތްތަކުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ މި ހަރަކާތުގެ އެންމެ މުހިންމު އެއް މަގްސަދެވެ. މީގެ އިތުރުން، މިއީ އެފަރާތްތަކާއި ރަށުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރި މާހައުލެއް ގާއިމުކުރުމަށް ބޭއްވުނު މެޗެކެވެ.
"މިނިވަން އުފާ 2026" ގެ ތެރެއިން ބޭއްވުނު މި ފުޓްސަލް މެޗަކީ ބައިވެރިވި ބަނގްލަދޭޝްގެ މަސައްކަތްތެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގައި އެކަކު އަނެކަކަށް އޮންނަ އިހުތިރާމާއި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ފާހަގަކުރެވެއެވެ.
މިމެޗް އިންތިޒާމު ކުރި އައްޑޫމީދޫ ކައުންސިލުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

