ސްޕެއިނާއި އާޖެންޓީނާ ފައިނަލާ ހަމައަށް ދަތުރުކުރި ގޮތް
ސްޕެއިން:
2024 ވަނަ އަހަރުގެ ޔޫރަޕްގެ ޗެމްޕިއަނުން ވަނީ މުބާރާތެއްގައި ބަލިނުވެ ކުރިއަށްދިއުމުގެ އެންމެ ފުރިހަމަ ރެކޯޑް ދަމަހައްޓާފައެވެ. މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ސްޕެއިން ކޮޅަށް ލަނޑެއް ޖެހުނީ ހަމައެކަނި ބެލްޖިއަމްއަށެވެ. އެއީ ޗާލްސް ޑި ކެޓެލަރޭ ކާމިޔާބުކުރި ހަމައެކަނި ލަނޑެވެ.
އެހެން ހުރިހާ ޓީމެއް ސްޕެއިނުން ވަނީ ހުއްޓުވާފައެވެ. އޭގެ ތެރޭގައި ސެމީ ފައިނަލާ ހަމައަށް އައިއިރު ހަ މެޗުން 16 ލަނޑު ޖަހާފައިވާ ފްރާންސް ޓީމުވެސް ހިމެނެއެވެ. ކުޅުނު ކޮންމެ މެޗެއްގައިވެސް ސްޕެއިނުން ވަނީ މެދުތެރޭގައި ރަސްކަންކޮށްފައެވެ. އާޖެންޓީނާއާ ދެކޮޅަށްވެސް އެ ޓީމުން ނުކުންނާނީ އެ އަޒުމުގައެވެ.
ގްރޫޕް ސްޓޭޖުގައި ސްޕެއިނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވިއެވެ. ކޭޕްވާޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު، ގްރޫޕްގެ ފަހު މެޗުގައި އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާއަށް ހެދުނު ގޯހަކުން ނޫންނަމަ އެ މެޗުން މޮޅެއް ނުލިބުނީހެވެ. ނަމަވެސް، ނޮކްއައުޓް ބުރުތަކުގައި ސްޕެއިން ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އަދި މުޅި މުބާރާތުގައިވެސް އެ ޓީމު ބަލިވެދާނެ ކަމުގެ ބިރެއް އެންމެ މިނެޓަކަށްވެސް އިހުސާސެއް ނުކުރެވެއެވެ.

އާޖެންޓީނާ:
އާޖެންޓީނާގެ ދަތުރު ސްޕެއިނާ މުޅިން ތަފާތެވެ. އެ ޓީމުވެސް މެޗުތަކުން މޮޅުވަމުން އައި ނަމަވެސް، ގްރޫޕް ސްޓޭޖު ފަސޭހަކޮށް ނިންމާލުމަށްފަހު ނޮކްއައުޓް ބުރުގެ ގިނަ މެޗުތަކެއްގައި އާޖެންޓީނާ އޮތީ ބަލިވުމުގެ ތުންފަތްމަތީގައެވެ.
ނޮކްއައުޓް ބުރުގައި އާޖެންޓީނާ ކިހާވަރަކަށް ހާސްވާންޖެހުނުކަން އެންމެނަށްވެސް އެނގެއެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑް އަތުން ހޯދި މޮޅަކީ ނޮކްއައުޓް ބުރުގައި އެއް ލަނޑަށްވުރެ ގިނަ ލަނޑުގެ ތަފާތުން އެ ޓީމު މޮޅުވި ހަމައެކަނި މެޗެވެ. އެކަމަކު ގްރޫޕް ސްޓޭޖުގައި އެ ޓީމުން ވަނީ ޖުމްލަ 8 ލަނޑު ޖަހާފައެވެ. ބައި ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.
ނޮކްއައުޓް ބުރުގައި އާޖެންޓީނާ މޮޅުވި ހަތަރު މެޗުގެ ލަނޑުތައްވެސް ފެނިގެންދިޔައީ މެޗުގެ ފަހުކޮޅު އިތުރު ވަގުތުގައި ނުވަތަ އެކްސްޓްރާ ޓައިމްގައެވެ. ކޭޕްވާޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 111 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑަކުންނެވެ. ގަދަ 16 ގައި އެންޒޯ ފެނާންޑޭޒް މޮޅުވި ލަނޑު ޖެހީ 92 ވަނަ މިނެޓުގައެވެ. މިއީ މެޗުގެ 75 މިނެޓު ހަމަވިއިރު 2-0 އިން ބަލިވަމުން ދިޔަ ޓީމެއް، ފުރިހަމަ ވަގުތުގެ ތެރޭގައި މޮޅުވި ފުރަތަމަ ފަހަރެވެ.
ކުއާޓާ ފައިނަލުގައި ހޫލިއަން އަލްވަރޭޒް ޖެހި ހިތްގައިމު ލަނޑު ފެނުނީ 112 ވަނަ މިނެޓުގައެވެ. އަދި ސެމީ ފައިނަލުގައި ލައުޓާރޯ މާޓިނޭޒް ބޮލުން ޖެހި ލަނޑު އައީ 92 ވަނަ މިނެޓުގައެވެ.

ފަހު ވަގުތު ލަނޑު ޖެހުމުގައި އާޖެންޓީނާއާ އެއްވަރުކުރެވޭނެ އެހެން ޓީމެއް ނެތެވެ. އެހެންނަމަވެސް، ސްޕެއިންގެ ބަދަލު ކުޅުންތެރިޔާ މިކޭލް މެރީނޯގެ ސަބަބުން އެ ޓީމުންވެސް ވަނީ މިފަދަ ނަތީޖާތަކެއް ދައްކާފައެވެ. ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުގެ 91 ވަނަ މިނެޓުގައި މެރީނޯ ލަނޑު ޖަހައި ސްޕެއިން މޮޅުކޮށްދިނެވެ. އަދި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ 88 ވަނަ މިނެޓުގައިވެސް އޭނާ ވަނީ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި ފައިނަލުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް، މިއީ ފުޓްބޯޅައިގެ ޖީލު ބަދަލުވާ ވަގުތުކަން ޔަގީނެވެ. މިއީ އުމުރުން 39 އަހަރުގެ މެސީގެ ފަހު ވޯލްޑް ކަޕެވެ. އޭނާއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާކަން ސާބިތުކޮށްދެމުން ދިޔަ ނަމަވެސް، 2030 ގެ ވޯލްޑް ކަޕުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
އަނެއްކޮޅުން، އުމުރުން 19 އަހަރުގެ ލަމީން ޔަމާލަކީ މެސީއާއި ރޮނާލްޑޯ ފަދަ ކުޅުންތެރިން ހަދާފައިވާ ހަ ވޯލްޑް ކަޕްގެ ރެކޯޑާ އަރާ ހަމަކުރެވޭނެ ފަދަ ހުނަރެއް ހުރި ކުޅުންތެރިއެކެވެ. މުބާރާތުގެ ހަ މެޗުގައި އޭނާގެ ފަރާތުން އާދަޔާޚިލާފު ކުޅުމެއް އަދި ނުފެނުނު ކަމުގައިވިޔަސް، މެޗުތަކަށް އޭނާ ކުރާ އަސަރު ވަރަށް ބޮޑެވެ. މީގެ އަހަރުތަކެއް ކުރިން 20 އަހަރުގެ މެސީ، ތުއްތު ޔަމާލް ގޮވައިގެން ނަގާފައިވާ ފޮޓޯއަކީ މިއަދު ފުޓްބޯޅައިގެ ރަސްކަން ބަދަލުވާން އުޅޭކަމުގެ ރަމްޒެކެވެ.

އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް: ޗެލްސީގައި ހޭދަކުރި އުނދަގޫ ދުވަސްތަކަށްފަހު، އެންޒޯ ވަނީ އަނެއްކާވެސް އާޖެންޓީނާ ޓީމުގެ އެންމެ މުހިންމު އެއް ތަނބަށް ވެފައެވެ. އޭނާއަކީ ދަނޑުގެ އެކި މަގާމުތަކަށް ކުޅުމުގެ ގާބިލުކަން ހުރި ހުނަރުވެރިއެކެވެ. އާޖެންޓީނާގެ ކާމިޔާބީގައި މެސީއާއި ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ފިޔަވައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އޭނާއެވެ.
ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯ: ސްޕެއިންގެ ލަނޑު ލިސްޓުގެ ކުރީގައި އޮޔަރްޒަބަލް އޮތް ނަމަވެސް، އޮލްމޯއަކީ ސްޕެއިންގެ ކާމިޔާބީގެ އަސްލެވެ. އޭނާއަކީ ދަނޑުގެ މެދުތެރެއިން ފުރުސަތުތައް ތަނަވަސްކޮށްދޭ މައިގަނޑު ކުޅުންތެރިޔާއެވެ. މެސީ ހުއްޓުވުމުގައި ރޮޑްރީގެ ދައުރު ބޮޑުވާއިރު، އޮޔަރްޒަބަލްއާއި ޔަމާލަށް ފުރުސަތުތައް ހޯދައިދިނުމުގައި އޮލްމޯގެ ދައުރު ވަރަށް މުހިންމުވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

