ލާމަރުކަޒީ ނިޒާމަކީ ދިވެހިރާއްޖޭގެ އިދާރީ ހިންގުމުގެ މައިބަދައެވެ. ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދީ، ރަށްރަށުގެ ތަރައްގީގެ އަމާޒުތައް ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ލިބިފައިވާއިރު، މި ދަތުރުގެ ކާމިޔާބީ ބިނާވެފައިވަނީ އެކަމަށް ބޭނުންކުރާ ވަސީލަތްތަކާއި ހިންގުމުގެ ނިޒާމުގެ ހަރުދަނާކަމުގެ މައްޗަށެވެ. ކައުންސިލްތަކުގެ ދައުރަކީ ހަމައެކަނި އިދާރީ މަސައްކަތްތަކެއް ކުރުމެއް ނޫނެވެ. އެއީ ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމުގެ މައި އިންޖީނެވެ.
ކައުންސިލްތައް ހިންގުމުގެ ދަތުރު ފެށުނުތާ އަހަރުތަކެއް ވެފައިވާއިރު، ގިނަ ކައުންސިލްތަކަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތްތަކުގެ މަދުކަމާއި، ހިންގުމުގެ އޮނިގަނޑުގައި ހުރި ބައެއް ބާގަނޑުތަކުގެ ސަބަބުން، ރައްޔިތުން އެދޭ ހަލުވިމިނުގައި ތަރައްގީގެ މަންޒިލަށް ވާސިލްވުމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. ޚާއްސަކޮށް ބައެއް ކައުންސިލްތަކުގެ ތެރޭގައި އުފެދޭ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ހިންގުމުގެ ދުވެލި މަޑުޖެހި، މަސައްކަތުގެ އަމާޒު ގެއްލިގެންދާކަން ފާހަގަކުރެވެއެވެ.
ކައުންސިލްތައް އެކަށީގެންވާގޮތެއްގައި ހިންގޭނީ ކައުންސިލްގައި ތިއްބެވި މާލިމީންނާއި ފަޅުވެރިންގެ މެދުގައި އެއްބަސްވުމެއް އޮވެގެންނެވެ. ހިންގުމުގެ ދަތުރު ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކައުންސިލަރުންގެ ޚިޔާލު ތަފާތުވެ، ކައުންސިލް ހިންގޭނެ ވަރު ނެތްނަމަ، ނުވަތަ ކައުންސިލްގައި ބިއްބެވި ބޭފުޅުންނަކީ މިޒަމާނުގެ އޮއިވަރާއި ވަޔަށް ހޭނިފައިވާ ބަޔަކަށް ނުވާވާނަމަ އެވަރުގެ ހިންގުތެރިބަޔަކަށް ފުރުސަތު ދޭންޖެހެއެވެ. މިކަމަށްޓަކައި ތިރީގައިވާ ކަންކަމަށް އިސްކަންދޭންޖެހެއެވެ:
ހިންގުމުގެ ނިޒާމު އިސްލާހުކުރުން:
ކުރީގެ ބޯދާ އުސޫލުތަކުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީ އާއި ހަރުދަނާ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމެވެ. މީގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް އަވަސްކުރުން ހިމެނެއެވެ.
ވަސީލަތްތައް އިތުރުކުރުން:
ކައުންސިލްތަކަށް ބޭނުންވާ މާލީ މިނިވަންކަމާއި، ފަންނީ މުވައްޒަފުން ހޯދައި، ކައުންސިލްގެ ހިންގުން ކުރިއަށް ގެންދެވޭނެ ފަދަ ވަރުގަދަ ބިންގަލެއް އަޅަންޖެހެއެވެ. އަދި އަމިއްލަ އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް މަސައްކަތް ކުރުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަމާޒު ކަނޑައެޅުން:
މަންޒިލަށް ވާސިލްވެވޭނީ ދާންވީ މިސްރާބު ސާފުކޮށް އެނގިގެންނެވެ. ރަށުގެ ތަރައްގީގެ ޕްލޭންތަކަކީ ހަގީގަތާ އެއްގޮތް، އަދި ވަސީލަތްތަކަށް ރިއާޔަތްކޮށް ތަންފީޒުކުރެވޭނެ ފަދަ ޕްލޭންތަކަކަށް ހަދަންޖެހެއެވެ.
ލާމަރުކަޒީ ދަތުރުގެ އެންމެ ފަހުގެ މަންޒިލަކީ ރައްޔިތުންނަށް ފުދުންތެރި، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ. މި މަންޒިލަށް ވާސިލްވެވޭނީ މިހާރު ހުރި ދަތިތަކުން އަރައިގަނެ، ހިންގުމުގެ ނިޒާމު އައު ހަކަތައަކާއެކު ވަރުގަދަކޮށްގެންނެވެ.
ކައުންސިލްތަކަކީ އައު ކައުންސިލްތަކަކަށް ވީނަމަވެސް، އިސްވެ ދެންނެވުނު ގޮތަށް އައު މިސްރާބަކަށް ދަތުރު ފަށައިފިނަމަ، ކައުންސިލްތަކުގެ އަސްލު މަގްސަދު ހާސިލްވާނެކަން ކަށަވަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

