ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހުޅުދޫ ކައުންސިލާއި، އެ ކައުންސިލްގެ ރައީސް ޖާދުﷲ ޖަމީލާ ބެހޭގޮތުން ހަގީގަތާ ޚިލާފު، ދޮގު މައުލޫމާތު ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަމަކީ ރަށުގެ ތަރައްގީއަށާއި އިޖުތިމާއީ ބަދަހިކަމަށް އޮތް ބޮޑު ހުރަހެކެވެ.
ހުޅުދޫ ކައުންސިލްގެ ރައީސް ޖާދުﷲ ޖަމީލަކީ މަގާމާ ހަވާލުވެވަޑައިގަތީއްސުރެ ރަށުގެ ކުރިއެރުމަށްޓަކައި ދުރުވިސްނޭ، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާ ހިންގުންތެރި ބޭފުޅެކެވެ. އެމަނިކުފާނުގެ މަސައްކަތްތައް ބިނާވެފައިވަނީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ބަދަލުގައި، މުޅި ރަށުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށެވެ.
މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި މި ފެންނަ ހަސަދަވެރި އަމަލުތަކަކީ، ވަކި ބަޔަކު ބޭނުންވާ ނުފޫޒު ކައުންސިލަށް ފޯރުވަން ކުރާ މަސައްކަތްތައް ކާމިޔާބު ނުވެގެން ކުރާ މަސައްކަތްތަކެކެވެ.
އަދި ވަކި ބައެއްގެ އަމިއްލަ އެދުންތައް އިސްކޮށް، އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ނުގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، ކައުންސިލްގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތްތަކެކެވެ.
ކައުންސިލްގެ މި ދައުރަކީ އަދި ޅަފަތުގެ މަރުހަލާއެއްގައި އޮތް ދައުރަކަށް ވާއިރު، މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު ކައުންސިލާ ހަވާލުވި ފަރާތްތަކަކީ، ރަށަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރަން ފެށި ބައެކެވެ. މަގާމާ ހަވާލުވިތާ މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ހުރިހާ ކަމެއް އެއްފަހަރާ ފުރިހަމަނުވާ ނެކަން ގަބޫލް ކުރަންޖެހެއެވެ. ކޮންމެ ކަމަކީވެސް ވަގުތާއި ތަރުތީބުން ކުރަންޖެހޭ ކަންކަމަށް ވާއިރު، ކެތްތެރިކަމެއް ނެތި ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ ހިތާމަހުރި ކަމެކެވެ.
ހުޅުދޫގެ ތަރައްގީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވެއެވެ. އަމިއްލަ އެދުމަށްވުރެ ރަށުގެ މަސްލަހަތު އިސްކޮށް، ފިތުނަ އުފެދޭ ފަދަ ދޮގު ވާހަކަތަކަށް ފުރުސަތު ނުދިނުމަކީ އެންމެހާ ފަރާތްތަކުގެ ޒިންމާއެކެވެ. ކައުންސިލުން ކުރަމުންދާ ހެޔޮ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބަދަލުގައި، ރަށުގެ ކުރިއެރުމަށް އަތްގުޅާލުމަކީ މިއަދު އެންމެ މުހިންމު ކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

