ޓެކްސަސްގެ އާލިންގްޓަންގައި ކުޅުނު ވޯލްޑްކަޕް 2026 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސްގެ މައްޗަށް 2-0 އިން ކުރިހޯދައި، އަންނަ އާދީއްތަ ދުވަހު ބާއްވާ ވޯލްޑް ކަޕް ފައިނަލުން ސްޕެއިން ޖާގަ ކަށަވަރުކޮށްފިއެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ދެ ގަދަބާރުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުނު މި މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް، މޮޅު ކުޅުމެއް ދެއްކީ ސްޕެއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ސްޕެއިނަށް ކުރިހޯދައިދިނީ މިކޭލް އޮޔަރޒަބާލްއެވެ. މިއީ ފްރާންސްގެ އޭރިއާ ތެރެއިން ލަމީން ޔަމާލަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނު ގިނަ ގޯސްތަކުގެ ތެރެއިން އެއް ގޯހެވެ.
މި މުބާރާތަށްފަހު ފްރާންސްގެ ކޯޗުކަމުން ވަކިވާނެކަން އިޢުލާންކޮށްފައިވާ ދިދިއޭ ޑެޝޯމްޕްއަށް ލިބުނު އަނެއް ހިތްދަތިކަމަކީ، މެޗުގެ 30 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ފްރާންސްގެ ވިލިއަމް ސަލީބާ ދަނޑުން ބާލަން ޖެހުމެވެ.
2018 ވަނަ އަހަރުގެ ޗެމްޕިއަނުން އަދި 2022 ވަނަ އަހަރުގެ ރަނަރަޕް ފްރާންސް، ދެވަނަ ހާފުގެ ކުރީކޮޅު ކުޅުން ރަނގަޅުކުރި ނަމަވެސް، ސްޕެއިންގެ ދެވަނަ ލަނޑާއެކު އެ އުއްމީދުތައް ފެނަށް ދިޔައެވެ. މި ލަނޑު ޖަހައިދިނީ ޕެޑްރޯ ޕޯރޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މިޑްފީލްޑަރު ޑެނީ އޮލްމޯއާއެކު ދެއްކި މޮޅު ކުޅުމަކަށްފަހުއެވެ.
ފްރާންސްގެ ވަރުގަދަ ފޯވާޑް ލައިނަށް މި މެޗުގައި ސްޕެއިންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި ނަތީޖާއާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން މިވަނީ ތާރީޚުގައި ދެވަނަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލްގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ އާޖެންޓީނާއާއެވެ.
ރޭގެ މެޗުން އެނގިގެންދިޔައީ ފުޓްބޯޅައަކީ ޓީމު ގުޅިގެން ކުޅޭ ކުޅިވަރެއް ކަމެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ ރޭވުންތެރިކަމުގެ ކުރިމަތީގައި ފްރާންސްގެ ތަރިންގެ ބާރު ކެނޑުނެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުމާއި، ބޯޅަ ގެއްލޭ ހިނދު އަވަހަށް ހޯދުމަށް ސްޕެއިންގެ ކުޅުންތެރިން ކުރި މަސައްކަތުގެ ސަބަބުން ފްރާންސްގެ މިޑްފީލްޑަށް ބާރުބޮޑުވިއެވެ.
ފްރާންސްގެ އެމްބާޕޭ، ޑެމްބޭލޭ އަދި ބާކޯލާ ފަދަ ހަލުވި ކުޅުންތެރިންނަށް ޖާގަ ނުދީ ސްޕެއިންގެ ޑިފެންސްލައިނުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކޯޗު ޑެޝޯމްޕް ބަދަލުތަކެއް ގެނައި ނަމަވެސް، ސްޕެއިންގެ ތަރުތީބު ރޫޅާލެވޭ ގޮތެއް ނުވިއެވެ.
ތާރީޚީ ފައިނަލަކަށް ސްޕެއިން14 އަހަރަށްފަހު ސްޕެއިން ފައިނަލަށް ދަތުރުކުރިއިރު، ކުރިމަތީގައި އޮތީ ދެ ގޮތެކެވެ. އެއީ ޔޫރޯ 2024 ގެ ފައިނަލްގައި ބަލިކުރި އިންގްލެންޑާ ބައްދަލުކުރުން ނުވަތަ މެސީގެ އާޖެންޓީނާއާ ބައްދަލުކުރުމެވެ. ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހުނު ކަމުގައިވިޔަސް، މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު ސްޕެއިންއަކީ ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމެވެ.
މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ފޯވާޑް ލައިން، އެންމެ މުހިންމު ވަގުތު ފެއިލްވީއެވެ. އެމްބާޕޭއާއި އޮލީސޭ ފަދަ ކުޅުންތެރިންނަށް ސްޕެއިންގެ ޑިފެންޑަރުންނާއި މިޑްފީލްޑަރުން ނޭވާލާނެ ފުރުސަތެއްވެސް ނުދެއެވެ. ޚާއްޞަކޮށް ސްޕެއިންގެ ރޮޑްރީ ވަނީ ފްރާންސްގެ ހަމަލާތައް ހުއްޓުވުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
ސްޕެއިންގެ ވަރުގަދަ ޑިފެންސްމުޅި މުބާރާތުގައިވެސް ސްޕެއިން ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. ރޮޑްރީ، ޕޯރޯ، ލަޕޯޓް އަދި ކުބާސީ ހިމެނޭ ޑިފެންސްލައިނުން ވަނީ ފްރާންސްގެ ހުރިހާ ހަމަލާތަކެއް ހުއްޓުވާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްޕެއިންގެ ޑިފެންޑަރުން ވަނީ ކުރިމަތިލުންތަކުގެ 74 އިންސައްތަ ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބީއާއެކު، ސްޕެއިން މިވަނީ އަނެއްކާވެސް ދުނިޔޭގެ ރަސްކަމާ ގާތަށް ޖެހިލާފައެވެ.



















ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

