އިންސާނާގެ ދުލަކީ އޭނާގެ ޝަހުސިއްޔަތު ހާމަކޮށްދޭ އެންމެ ވަރުގަދަ ވަސީލަތެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުން ފެންނަމުންދަނީ ދުލަށް އަންނަހާ އެއްޗެއް މީހުންނާ ދިމާލަށް ބުނުމުގެ ނުރަނގަޅު އާދަ އަށަގަންނަމުންދާ ތަނެވެ. މި ރިޕޯޓުގައި ބަލާލާނީ މިފަދަ ބަސްތަކުން ކުރާ ނޭދެވޭ އަސަރުތަކާއި، ވަޒީފާގެ މާހައުލުގައި މިކަން އޮތް ހިތާމަވެރި ހާލަތުގެ މައްޗަށެވެ.
ވިސްނުމެއް ނެތި ބުނެވޭ ބަހުގެ ނުރައްކާ
މީހަކާ ދިމާލަށް އެއްޗެކޭ ބުނުމުގެ ކުރިން ފުރަތަމަ ދެތިން ފަހަރު ވިސްނާލުމަކީ ނުހަނު މުހިންމު ކަމެކެވެ. ޚުދު ތިމާއާ ދިމާލަށް އެފަދަ ހިތްދަތި ބަހެއް އަނެކާ ބުނެފިނަމަ، ތިމާގެ ހިތަށް އަސަރުކުރާނެ ވަރާއި، ހިތުގައި އަޅާނެ ވޭނާއި، ސިކުނޑިއަށް ވާނެ އުނދަގޫ ތަސައްވަރު ކޮށްލަންޖެހެއެވެ. ތިމާގެ ނަފްސަށް ނޭދޭ ދެރައެއް، ހިތާމައެއް ނުވަތަ ބަދުބަހެއް އަނެކާގެ މައްޗަށް ރައްދުކުރުމަކީ އިންސާފެއް ނޫނެވެ.
އިހުތިރާމް ކުރުމާއި އިންސާނީ ކަރާމާތް
ކޮންމެ އިންސާނަކީވެސް އިސްލާމްދީނާއި ގާނޫނުގެ ކުރިމަތީގައި ހުރުމަތް ލިބިގެންވާ މީހެކެވެ. އަނެކާއަށް އިހުތިރާމް ކޮށްގެން ނޫނީ ތިމާއަށް އިހުތިރާމް ނުލިބޭނެކަން ގަބޫލުކުރަންޖެހެއެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ސިފަ އަންނަނީ ކެނޑެމުންނެވެ. ބަހުގެ ހަމަލާތަކަކީ ހަށިގަނޑަށް ލިބޭ އަނިޔާއަށްވުރެ ބޮޑު ޒަހަމެއް ހިތުގައި އުފައްދާ އެއްޗެކެވެ.
މުވައްސަސާތަކުގެ ހާލަތު
ހިތާމައަކީ، ބައެއް މުވައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނާ ދިމާލަށް އިހުތިރާމް ކުޑަ ގޮތްގޮތަށް ވާހަކަދެއްކުމެވެ. މުވައްޒަފުންނަށް ޖެއްސުންކުރުމާއި، ބަދުބަސް ބުނުމާއި، މަލާމާތްކުރުމަކީ ބައެއް މުވައްސަސާތަކުގައި އާންމުވަމުންދާ ކަމެކެވެ. އެއަށްވުރެ ބޮޑު ހިތާމައަކީ، އެ މުވައްސަސާތަކުގެ އެންމެ އިސްވެރިން މިފަދަ ދަށުދަރަޖައިގެ އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި، އެކަމަށް ތަރުހީބުދީ އަތްޖަހާ މަންޒަރު ފެންނަމުންދިއުމެވެ. މިއީ މުޅި މުވައްސަސާގެ އަބުރާއި، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލިގެންދާ ކަމެކެވެ.
އަޅުގަނޑުމެންގެ ދުލަކީ ހެޔޮ ބަސް ބުނުމަށް ބޭނުންކުރާ ގުނަވަނަކަށް ހަދަންޖެހެއެވެ. އަނެކާގެ ހިތް ހަލާކުކޮށްލުމުގެ ބަދަލުގައި، އިހުތިރާމާއެކު މުއާމަލާތް ކުރުމުގެ ސިފަ އަށަގަންނުވަން ޖެހެއެވެ. ވަކިން ހާއްސަކޮށް މުވައްސަސާތަކުގެ ވެރިންނަކީ ނަމޫނާ ދައްކަވާ ބަޔަކަށް ވާންޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އިހުތިރާމް އޮތް މާހައުލެއް ބިނާކުރެވޭނީ ކޮންމެ މީހަކުވެސް ތިމާގެ ދުލަށް ރައްކާތެރިވެގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

