ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ އިންގްލްވުޑްގެ ސޯފައި ސްޓޭޑިއަމްގައި ސްޕެއިން ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ. ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން މި މެޗަށް ނުކުންނަނީ މިހާތަނަށް މުބާރާތުގައި އެޓީމުން ދައްކަމުން އަންނަ މޮޅު ކުޅުން ދެމެހެއްޓުމުގެ ވަރުގަދަ އަޒުމަކާއެކުގައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ސްޕޭން ކޭޕް ވާޑޭއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވުމަށްފަހު، އޭގެފަހުން ސްޕޭން ކުޅުނު ހަތަރު މެޗުން ވަނީ މޮޅުވެފައެވެ.

މި މެޗުތަކުގައި އެޓީމުން 9 ލަނޑު ޖަހާފައިވާއިރު، ބައިކޮޅަށް އެއްވެސް ލަނޑެއް ވަދެފައެއް ނުވެއެވެ. ގަދަ 16 ގައި އަވަށްޓެރި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުން 1-0 އިން މޮޅުވުމަކީ ސްޕެއިނަށް ލިބުނު ބޮޑު އިތުބާރެކެވެ. އިތުރު ވަގުތުގައި މިކޭލް މެރީނޯ ޖެހި މި ލަނޑާއެކު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕްގެ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ.

އަނެއްކޮޅުން ބެލްޖިއަމަށް ގަދަ 32 އާ ހަމައަށް ދެވުނީ ކުޑަ ނަސީބަކުން ކަމަށް ބެލެވުނު ނަމަވެސް، އެންމެ ފަހުން އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި 4-1 އިން މޮޅުވެފައެވެ. ނަމަވެސް، އެ މެޗުގައި އަމާދޫ އޮނާނާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މުބާރާތުގެ ބާކީ މެޗުތަކުގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވުމަކީ ބެލްޖިއަމަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ.
މިރޭ ބެލްޖިއަމްއާއި ސްޕޭން ބައްދަލުކުރާ މެޗާ ބެހޭ މުހިންމު ބައެއް މައުލޫމާތުތައް:
ޓީމުތަކުގެ ލައިންއަޕް (ލަފާކުރެވޭ)
ސްޕެއިން:
އުނާއި ސިމޯންޕެޑްރޯ ޕޯރޯ، ޕާއު ކުބާސީ، އައިމެރިކް ލަޕޯޓް، މާކް ކުކުރެއްޔާޕެޑްރީ، ރޮޑްރީލަމީން ޔަމާލް، ޑެނީ އޮލްމޯ، އެލެކްސް ބައޭނާމިކޭލް އޮޔަރްޒަބަލް
ބެލްޖިއަމް:
ތިބޯ ކޯޓުއާޓިމޮތީ ކަސްޓޭން، ނޭތަން އެންގޯއީ، ބްރެންޑަން މެޗެލޭ، މެކްސިމް ޑި ކުއިޕާހޭންސް ވަނަކެން، ނިކޮލަސް ރަސްކިންޑޯޑީ ލުކެބާކިއޯ، ޔޫރީ ޓީލެމަންސް، ލިއަންޑްރޯ ޓްރޮސާޑްޗާލްސް ޑި ކެޓެލަރޭ
މި މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުގައިވެސް ސްޕެއިންގެ ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު އަދި އެޓީމުގެ އެޓޭކިންގް ކުޅުންތެރިން ބައެއް މެޗުތަކުގައި އާދައިގެ ކުޅުމެއް ދެއްކި ނަމަވެސް، ޑިފެންޑަރުން ތިބީ ވަރަށް ސާބިތުކަންމަތީގައެވެ.

ސްޕެއިންގެ މިހާރުގެ ޑިފެންސް ފެންނަނީ 2008 އާއި 2012 އާ ދެމެދު އެޓީމުން ރަން އަހަރުތަކުގައި ދެއްކި ފަދަ ވަރުގަދަ ކުޅުމެކެވެ. ޕާއު ކުބާސީ އާއި ލަޕޯޓް ފަދަ ކުޅުންތެރިންގެ ސަބަބުން އިދިކޮޅު ޓީމުތަކަށް ލިބޭ ފުރުސަތުތައް ހުއްޓުވުމުގައި ސްޕެއިން ވަނީ ކާމިޔާބު ހޯދާފައެވެ.
ބެލްޖިއަމްގެ އެޓޭކުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަނީ ލިއަންޑްރޯ ޓްރޮސާޑްއެވެ. މުބާރާތުގެ ފެށުން އޭނާއަށްވެސް އާދައިގެ ގޮތަކަށް ދިޔަ ނަމަވެސް، ފަހަކަށް އައިސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައި ދެ އެސިސްޓް ހަދާފައެވެ. ބެލްޖިއަމްގެ ކޯޗު ގާސިއާ، ޑޯކޫ އާއި ޑި ބްރޭނާ އަދި ލުކާކޫ ފަދަ ކުޅުންތެރިން ބެންޗުގައި ބޭތިއްބުމަށް ނިންމާފައިވާއިރު، މުޅި ޓީމުގެ އެޓޭކް ބިނާވެފައި އޮންނާނީ ޓްރޮސާޑްގެ މައްޗަށްކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

