މިހާރު މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގެ ޕޮޒިޓިވް ކޭސްއެއް މީދޫން ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެވެ. މިއީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށަކުން މި ބަލި ފެނުނު ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ސިއްހީ އިދާރާތަކުން ދަނީ ބަލި އިތުރަށް ފެތުރުނު ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.
ހިމަބިއްސަކީ ކޮބާ؟
ހިމަބިއްސަކީ "މީސަލްސް" ވައިރަހުގެ ސަބަބުން ޖެހޭ، ވަރަށް ފަސޭހައިން އެކަކު އަނެކަކަށް ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ މައިގަނޑު ގޮތެއްގައި ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ދޫވާ ތިކިތަކުގެ ސަބަބުން މި ބަލި ފެތުރެއެވެ.
ބަލީގެ އަލާމާތްތައް:
ގަދައަށް ހުން އައުން.
ކެއްސުމާއި، ނޭފަތުން ފެން އައުން އަދި ލޯ ރަތްވުން.
ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނެގުން (މި ބިހިތައް އާންމުކޮށް ފެންނަން ފަށަނީ ހުން އަންނަން ފަށާތާ 3 ނުވަތަ 4 ދުވަސް ފަހުންނެވެ).
އަނގައިގެ ތެރޭގައި ހުދުކުލައިގެ ކުދި ތިކިތަކެއް ފެނުން.
ރައްކާތެރިކަމުގެ ފިޔަވަޅުތައް:
ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ ފަހި މަގަކީ ބައްޔަށް ދެވޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. މީގެ އިތުރުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމާއި، އެހެން މީހުންނާ ބައްދަލުވުން މަދުކޮށް އެކަހެރިވުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
މީދޫން މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން، އެ ރަށުގެ ސިއްހީ މަރުކަޒުން ދަނީ ބަލި މީހާއާ ކޮންޓެކްޓްވި މީހުން ދެނެގަނެ، ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިފަ ދަނޑިވަޅުގައި އާންމު ހުރިހާ ފަރާތްތަކުން ވެސް ސިއްހީ އިރުޝާދުތަކަށް ސަމާލުކަން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

