މިދިޔަ ބުދަ ދުވަހު ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށް އެމެރިކާ ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ ތަރި ފޮލާރިން ބަލޯގަން އަށް ބެލްޖިއަމާ ދެކޮޅަށް އެމެރިކާ މިރޭ ކުޅޭ ގަދަ 16 ގެ މެޗުގައި ކުޅުމުގެ ފުރުސަތު ދިނުމަށް ފީފާ އިން ނިންމައިފިއެވެ.
މިއީ ފީފާގެ އަމިއްލަ ގަވާއިދުތަކާ ހިލާފު ނިންމުމެއް ކަމަށް ބެލެވެއެވެ.
![2ޖުލައި 2026 ގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އެމެރިކާގެ ފޯލަރިން ބަލޯގަން، ތާރިގް މުހަރެމޯވިޗްގެ ތަނބިކަށިމައްޗަށް ފައިން އެރުމާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ. [މާޓިން މައިސްނަރ/ އޭޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/07/Screenshot_7-7-2026_1328_www.aljazeera.com_.jpeg)
![ތާރިގް މުހަރެމޯވިޗަށް ކުރި ފައުލަކާ ގުޅިގެން، ރެފްރީ ރަފައެލް ކްލޯސް، ފޯލަރިން ބަލޯގަންއަށް ރަތް ކާޑު ދައްކަނީ. [މާޖާ ހިޓިޖް/ ފީފާ ވިއާ ގެޓީ އިމޭޖަސް]](http://voiceofmeedhoo.com/wp-content/uploads/2026/07/Screenshot_7-7-2026_1338_www.aljazeera.com_.jpeg)
ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ، ފީފާގެ މި ނިންމުމާ ދެކޮޅަށް އިސްތިއުނާފު ކުރުމަށް އޮތް ހުރިހާ ދޮރެއް ފީފާ އިން ބަންދުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ފީފާ އިން ވަނީ ބެލްޖިއަމްގެ އިސްތިއުނާފު ބޭރުކޮށްލާފައެވެ.
ބަލޯގަން އަށް ރަތް ކާޑު ދެއްކީ ބޮސްނިއާގެ ތާރިކް މުހަރެމޮވިޗްއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެ މެޗު އެމެރިކާ ކާމިޔާބުކުރީ 2-0 އިންނެވެ.
މި ރަތް ކާޑާ މެދު ސަޕޯޓަރުންނާއި ކޮމެންޓޭޓަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. ބައެއް މީހުން އެއީ ރަނގަޅު ނިންމުމެއް ކަމަށް ބުނާއިރު، އަނެއް ބަޔަކު ބުނަނީ އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި ބަލޯގަންގެ ބެލެންސް ކަޓައިގެން ހިނގައިދިޔަ ކަމެއް ކަމަށެވެ. ބަލޯގަން ބުނި ގޮތުގައި އެއީ ރަތް ކާޑެއްގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަންޖެހޭ ފަދަ ކަމެކެވެ. ނަމަވެސް، އެންމެ ފަހުން ޓްރަމްޕް މިކަމުގެ ތެރެއަށް ވެދެވަޑައިގަތުމުން، ސަސްޕެންޝަން އުވާލައި ބެލްޖިއަމް މެޗުގައި ކުޅުމުގެ ފުރުސަތު މިހާރު ވަނީ އޭނާއަށް ލިބިފައެވެ.
ފީފާ އިން މި ނިންމުން ނިންމުމުގައި ހަވާލާދިނީ ޑިސިޕްލިނަރީ ކޮމިޓީގެ ގަވާއިދުގެ 27 ވަނަ މާއްދާއަށެވެ. އެ މާއްދާގައި ބުނާ ގޮތުން، އަދަބެއް ތަންފީޒުކުރުން ފަސްކުރުމުގެ ނުވަތަ ބާތިލްކުރުމުގެ އިހުތިޔާރު ކަމާބެހޭ ފަރާތަށް ލިބިގެންވެއެވެ.
މީގެ ކުރިން މިފަދަ ކަމެއް ހިނގާފައިވޭތަ؟
1962 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި ރަތް ކާޑެއް ދެއްކުމަށްފަހު ސަސްޕެންޝަނެއް ނައިސް ސަލާމަތްވި މިއީ ފުރަތަމަ ފަހަރެވެ.
1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގަރިންޗާ އަށް ރަތް ކާޑު ދެއްކުމުން، އޭރުގެ އުސޫލުތައް އޮތްގޮތުން ޑިސިޕްލިނަރީ ޕެނަލަކުން މައްސަލަ ބަލައި އޭނާއަށް މާފުދީ ފައިނަލްގައި ކުޅުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި މިފަދަ ކަމެއް ހިނގާފައެއް ނުވެއެވެ.
ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ވަނީ ފީފާގެ މި އަމަލަށް މަލާމާތްކޮށްފައެވެ. އޭނާ ބުނީ ފީފާގެ އޮފީސްތަކުގައި ޖުލައި މަހުގެ ފަސްވަނަ ދުވަހަކީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަސް (އޭޕްރީލް ފޫލްސް ޑޭ) ކަން ނޭނގޭ ކަމަށެވެ. ޔޫއެފާ އިން ބުނީ މިއީ ދުވަހަކުވެސް ނުފެންނަ ފަދަ، ބަލައިގަނެވޭނެ އެއްވެސް ހަމައެއް ނެތް ނިންމުމެއް ކަމަށެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ، ރަތް ކާޑުގެ ނިންމުންތައް ބަދަލުކުރަންޖެހޭނީ ގަވާއިދުތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް މިނިވަން މުއައްސަސާތަކުން ކަމަށާއި، ސިޔާސީ ފޯނު ކޯލްތަކުން ނޫން ކަމަށެވެ.
ޓްރަމްޕް ވަނީ އިންފަންޓީނޯއަށް ގުޅުއްވައި، ބަލޯގަންގެ ރަތް ކާޑު މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެއީ ފައުލެއް ނޫނެވެ. އަދި އޭނާއަކީ ކުޅިވަރު ދަންނަ މީހެއް ކަމަށާއި، އެއީ ހަމައެކަނި ދެ ކުޅުންތެރިން ބާރަށް ދުވެފައި ގޮސް ޖެހުނު ޖެހުމެއް ކަމަށް ވިދާޅުވިއެވެ.
އިންފަންޓީނޯ ވިދާޅުވީ އޭނާ ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާ ވާހަކަދައްކަވާ ކަމަށާއި، ޓްރަމްޕްގެ ކޯލެއް ލިބުނު ނަމަވެސް ނިންމުންތައް ނިންމަނީ މިނިވަން ފަރާތްތަކުން ކަމަށެވެ.
ކޮންމެއަކަސް، ބެލްޖިއަމާއި އެމެރިކާ ބައްދަލުކުރާ މެޗު މިހާރު ކުޅެން ޖެހިފައިވަނީ މި ބޮޑު މައްސަލަގަނޑުގެ ހިޔަނި އެޅިފައި އޮއްވައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނިގެންދާނެ އެންމެ ބޮޑު އެއް ބަހުސަށް ވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

