ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް، ލަމީން ޔަމާލްގެ ހުނަރުވެރިކަމާއެކު ވޯލްޑްކަޕް 2026 ގެ ގަދަ 16 އަށް ނުކުންނައިރު މިއީ ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަކޮށްލެވޭ "އައިބީރިއަން ޑާބީ" އެކެވެ.

މިރޭ ކުޅެވޭ މި މެޗަކީ ދެ ޖީލެއްގެ ދެ ތަރިންގެ ކުރިމަތިލުމެކެވެ. އެއީ ފުޓްބޯޅައިގެ އުދަރެހުން އޮއްސެމުންދާ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، އަރަމުން އަންނަ ޒުވާން ތަރި ލަމީން ޔަމާލްގެ ކުރިމަތިލުމެވެ. މިއީ މިދިޔަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށްފަހު މި ދެ ގައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން މޮޅުވީ ޕޯޗުގަލްއެވެ.

ނަމަވެސް، އެމެރިކާގެ ޑަލަސްގައި ކުޅޭ މި މެޗުގައި މޮޅުވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރަނީ ޕޯޗުގަލްއެއް ނޫނެވެ. ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމަށް ބަލާއިރު، ރޮނާލްޑޯގެ ޓީމަށް ސްޕެއިންގެ އައު ރަން ޖީލާ ދެކޮޅަށް ކުޅުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ސްޕެއިން އަންނަނީ މުބާރާތުގެ ފަހުގެ މެޗުތަކުގައި ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ.

ޕޯޗުގަލް ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް 'ޖޭ' ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އުޒްބަކިސްތާން އަތުން ބޮޑު މޮޅެއް ހޯދި ނަމަވެސް، ކޮލަމްބިއާ އާއި ކޮންގޯއާ ކުޅެ އެއްވަރުވީއެވެ. ގަދަ 32 ގެ ބުރުގައި އެމީހުން ކުރިހޯދީ ކްރޮއޭޝިއާ އަތުން 2-1 އިންނެވެ.
ސްޕެއިން ވަނީ ގްރޫޕް 'އެޗް' ގެ އެއްވަނަ ހޯދާފައެވެ. ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބަލިކުރިއިރު، ކޭޕް ވާޑޭއާ ބައްދަލުކުރި މެޗްވަނީ އެއްވަރެވެ. ގަދަ 32 ގައި އޮސްޓްރިއާގެ މައްޗަށް 3-0 އިން ކުރިހޯދިއިރު، ސްޕެއިން މިހާރު ވަނީ ބަލިނުވެ 34 މެޗު ފުރިހަމަކޮށްފައެވެ.

ރޮނާލްޑޯގެ ފަހު ނެށުން؟
އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ އަދިވެސް ޕޯޗުގަލްގެ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާއެވެ. ދަނޑުމަތީގައި ކުރީގެ ބާރުގަދަ ކުޅުން ނުފެނުނު ކަމުގައިވިޔަސް، އޭނާގެ ހައިބަތު އަދިވެސް ވަރުގަދައެވެ. 2026 ގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު މުބާރާތް ކަމަށް ބެލެވޭއިރު، އޭނާގެ އާއިލާއިންވެސް ވަނީ މި މުބާރާތަށްފަހު އޭނާ ގައުމީ ޓީމުން ރިޓަޔަރ ކުރާނެކަމުގެ އިޝާރާތެއް ދީފައެވެ. އެހެންކަމުން، މި މެޗުން ބަލިވެއްޖެނަމަ، އެއީ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރުގެ ނިމުމަށް ވެދާނެއެވެ.
ލަމީން ޔަމާލް: "ވޯލްޑް ކަޕް މި ފެށުނީ"
އުމުރުން 18 އަހަރުގެ ޔަމާލް ވަނީ އޭނާގެ ހުނަރުވެރިކަމުން ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.
"އަހަރެމެން އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަނޭ. އަހަރެމެންނަކީ ސްޕެއިން،"
އޭނާ ބުންޏެވެ.
ސްޕެއިން އުންމީދު ކުރަނީ 16 އަހަރަށްފަހު ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލުމަށެވެ.
މެޗުގެ ނަތީޖާ ލަފާކުރުންއޮޕްޓާ ސުޕަރކޮމްޕިއުޓަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި:
ސްޕެއިން މޮޅުވުމުގެ ފުރުސަތު: % 49.2
ޕޯޗުގަލް މޮޅުވުމުގެ ފުރުސަތު: % 25.6
އިތުރު ވަގުތަށް ދިއުމުގެ ފުރުސަތު: %25.2
މެޗު ފަށާ ގަޑިމި މެޗު ކުޅޭނީ ރާއްޖޭގަޑިން މިރޭ 0:00 ގައެވެ.
މިދެޓީމްގެ ބައްދަލުވުންތައް:
މިހާތަނަށް ދެ ގައުމު 41 ފަހަރު ބައްދަލުކޮށްފައިވާއިރު، ސްޕެއިން 18 މެޗުން މޮޅުވިއެވެ. ޕޯޗުގަލް މޮޅުވީ 7 މެޗުންނެވެ. އަދި 16 މެޗު އެއްވަރުވިއެވެ. އެންމެ ފަހުން 2018 ގެ ވޯލްޑް ކަޕްގައި ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، އެ މެޗުގައި ރޮނާލްޑޯ ހެޓްރިކެއް ހެދިއެވެ.
މިދެޓީމްގެ އެންމެ ފަހުގެ ޚަބަރުތައް
ސްޕެއިންގެ ނިކޯ ވިލިއަމްސް ހުރީ އަނިޔާގައެވެ. ޕޯޗުގަލްގެ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.
ލަފާކުރެވޭ ފެށޭ އެގާރަ:
ޕޯޗުގަލް:
ކޮސްޓާ، ކަންސެލޯ، ޑިއާސް، ވޭގާ، މެންޑޭސް، ނޭވްސް، ވިޓީނިއާ، ނެޓޯ، ފެނާންޑޭސް، ލިއާއޯ، ރޮނާލްޑޯ.
ސްޕެއިން:
ސިމޯން، ޕޯރޯ، ކުބާސީ، ލަޕޯޓް، ކުކުރެއްލާ، ރޮޑްރީ، ޕެޑްރީ، ޔަމާލް، އޮލްމޯ، ބައޭނާ، އޮޔާޒަބަލް.
މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އެމެރިކާ ނުވަތަ ބެލްޖިއަމްއާއެވެ. އެ މެޗު އޮންނާނީ ޖުލައި 10 ވާ ހުކުރު ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

