އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މި ހަރަކާތްތަކުގެ ތެރެއަށް ރައީސް ޓްރަމްޕް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާތީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
އެމެރިކާގެ މިނިވަން ދުވަހާއި ގުޅިގެން ގިނަ އަދަދަކަށް ހޮޓްޑޮގް ކެއުމުގެ މުބާރާތްތަކާއި، ޕެރޭޑްތަކާއި، ހަވާއެރުވުމުގެ އިތުރުން ބޭސްބޯޅަ މެޗުތައް މުޅި ގައުމުގައި ކުރިއަށްދިޔައެވެ. ނަމަވެސް، މިއަހަރުގެ މިނިވަން ދުވަސް ތަފާތުވަނީ އެމެރިކާގެ ބާނީން އެ ގައުމު އުފެއްދިތާ 250 އަހަރު ފުރުމާ ދިމާވާތީއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެންމެ ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިނިވަން ދުވަހުގެ ފާހަގަކުރުންތަކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޮޝިންޓަން ޑީސީގެ ނޭޝަނަލް މޯލްގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ހަވާއެރުވުމުގެ ޝޯގެ ގޮތުގައި އިޝްތިހާރު ކުރެވިފައިވާ ހަރަކާތުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
ޕޮޓޮމެކް ކޯރުގެ ތެރެއިން 850,000 އަށްވުރެ ގިނަ ހަވާ އެރުވުމަށް ރޭވިފައިވީ ނަމަވެސް، މޫސުން ގޯސްވެ ގަދަވަޔާއެކު ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދަށް އެއްވެފައި ތިބި މީހުން ދިއުމަށް އޮފިޝަލުން ވަނީ އަންގާފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަކީ އާންމުކޮށް ވަކި ސިޔާސީ ފިކުރަކަށް ނުޖެހި ބާއްވާ ހަރަކާތްތަކެއް ނަމަވެސް، ޓްރަމްޕް ވަނީ މިރެލީއަކީ އޭނާގެ "އެންމެ ކުލަގަދަ ސިޔާސީ ރެލީއަށް" ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މި ހަރަކާތްތައް މި ބާއްވަނީ ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ ކޮންޓްރޯލް ދެމެހެއްޓުމަށް ރިޕަބްލިކަން ޕާޓީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި 250 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ 29 ގައި، ރައީސްކަމުގެ ދެވަނަ ދައުރު ފެއްޓެވިތާ އެންމެ 9 ދުވަސް ތެރޭގައި ޓްރަމްޕް ވަނީ މި އަހަރީ ދުވަހުގެ ހަރަކާތްތައް ބެލެހެއްޓުމަށް ވައިޓް ހައުސްގެ ޓާސްކް ފޯހެއް އުފައްދަވައި، އޭގެ މުގައްރިރަކަށް އަމިއްލަފުޅަށް ހަމަޖެހިވަޑައިގެންފައެވެ.

އެ ޓާސްކް ފޯހުގެ ދަށުން "ފްރީޑަމް 250" ގެ ނަމުގައި އާންމު އަދި އަމިއްލަ ޕާޓްނަޝިޕެއް އުފައްދައި، ނޭޝަނަލް މޯލްގައި ބޭއްވުނު "ގްރޭޓް އެމެރިކަން ސްޓޭޓް ފެއަރ" ފަދަ ބޮޑެތި ހަރަކާތްތައް އިންތިޒާމު ކުރިއެވެ. ނަމަވެސް، 2016 ވަނަ އަހަރު ކޮންގްރެސް އިން މި މަސައްކަތަށް އުފެއްދި "އެމެރިކާ 250" ޕެނަލަށް ލިބެންޖެހޭ ވަސީލަތްތައް "ފްރީޑަމް 250" އިން ނަގަމުންދާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

މިކަމުގެ ސަބަބުން ވަރަށް ބޮޑު އޮޅުންބޮޅުންތަކެއް ވެސް ވަނީ އުފެދިފައެވެ. މިސާލަކަށް، މެއި މަހުގެ ފަހުކޮޅު ބައެއް ފަންނާނުން ވަނީ ގްރޭޓް އެމެރިކަން ސްޓޭޓް ފެއަރ އިން ވަކިވެފައެވެ. އެއީ އެ އިވެންޓަކީ ޓްރަމްޕާ ގުޅުންހުރި ކަމެއްކަން އެނގުމުންނެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓުން ނެރުނު ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ގެންދަވަނީ މި ހަރަކާތްތައް ސިޔާސީ ބޭނުންތަކަށާއި އޭނާގެ އަރިސް ބޭފުޅުންނަށް ކޮންޓްރެކްޓްތައް ދިނުމަށް ބޭނުންކުރައްވަމުންނެވެ. އަދި މިކަމުގައި ކޮރަޕްޝަނާއި މާލީ އޮޅުވާލުންތައް އެކުލެވޭ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް، ނިއު ޔޯކްގައި ބޭއްވުނު ކަނޑުގެ ސިފައިންގެ ޕެރޭޑެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ޖޭ.ޑީ. ވެންސް ވަނީ މި ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ގައުމުގެ އުނިސިފަތަކާ ބެހޭގޮތުން ހުއްޓުމެއްނެތި ވާހަކަދައްކާ "މަދު ބައެއްގެ އަޑުތަކަށް" ފުރުސަތު ނުދިނުމަށެވެ. އަދި އެމެރިކާގެ ތާރީޚަކީ ވަރަށް ފުރިހަމަ ތާރީޚެއް ކަމަށާއި، ގައުމުގެ ކުށްތަކަށް އެކަނި ބެލުމުގެ ބަދަލުގައި ގައުމުގެ މަތިވެރިކަމަށް ބެލުމަށް އޭނާ ގޮވާލެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

