އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިއުޑީސީ) މެންބަރު އައިޝަތު ނަޖާ ވަހީދު އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ނަޖާ މިކަން ހާމަކުރައްވާފައިވަނީ އެކަމަނާގެ ރަސްމީ ފޭސްބުކް ޞަފުޙާގައި މިއަދު ޝާއިޢުކުރެއްވި ލިޔުމެއްގައެވެ. ނަޖާ ވިދާޅުވި ގޮތުގައި މިއީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ނަމަވެސް، މިވަގުތުގެ ޙާލަތަށް ބަލާއިރު މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އިސްތިއުފާ ދެއްވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން ނަޖާ ވިދާޅުވީ، އޭނާ މި މަޤާމަށް ކުރިމަތިލީ އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމުގައި ކަމަށެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތުގެ މާޙައުލު މިހާރު އޮތް ގޮތުން، ރައްޔިތުން ދެއްވި ވޯޓާ އެއްގޮތަށް އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަން ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ކޮމިޓީގެ ތެރޭގައި އޮތް ނުރަނގަޅު ސަގާފަތާއި، މަސައްކަތުގެ ތެރެއަށް ޒާތީ ކަންކަމާއި ސިޔާސީ ނުފޫޒު ވަދެފައިވުމުގެ ސަބަބުން، ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރުމުގެ ބަދަލުގައި މިވަގުތު އޮތީ 'ޓޮކްސިކް' މާޙައުލެއްގެ ތެރޭގައި ވަގުތުތަކެއް ބޭކާރު ކުރުން،"
ނަޖާގެ ލިޔުމުގައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަދަ މާޙައުލެއްގައި ހުރެގެން ރައްޔިތުންނަށް ދެވޭނެ ހަގީގީ ޚިދުމަތެއް ނެތް ކަމަށް ފެންނާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.
ނަޖާގެ އިސްތިއުފާއާ ގުޅިގެން ދާއިރާގެ ބައެއް ބޭފުޅުން އަންނަނީ ޝުޢޫރު ފާޅުކުރަމުންނެވެ. އެގޮތުން ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ޒިޔާދާ ވިދާޅުވީ، ނަޖާ އަކީ ކޮމިޓީގައި ހުންނެވި އެންމެ އަޚުލާގު ރަނގަޅު އަދި ތަޢުލީމީ މެންބަރު ކަމަށެވެ. އަދި އޭނާ ވަކިވުމަކީ ހުޅުދޫ ރައްޔިތުންނަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ޒިޔާދާ ސިފަކުރެއްވިއެވެ.
މީދޫ ޑަބްލިއުޑީސީގެ މެންބަރު ލުބުނާ ވެސް ވަނީ މިއީ މުޅި މުޖުތަމަޢަށް ލިބުނު އުނިކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
ނަމަވެސް މީދޫގެ ކުރީގެ ކައުންސިލަރު ސާލިހާ ވިދާޅުވީ، އިސްތިއުފާ ދެއްވުމަކީ އެންމެ އެކަށީގެންވާ ނިންމުން ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ހަގީގީ ބަދަލެއް ގެނެވޭނީ ގޮންޖެހުންތަކާއެކުވެސް ސާބިތުވެ ތިބެގެން ކަމަށެވެ.
މަޤާމުން ވަކިވެވަޑައިގަތް ނަމަވެސް، ރަށުގެ ތަރައްޤީއަށް އަބަދުވެސް އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ނަޖާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

