ދުނިޔޭގެ އެންމެ ހުނަރުވެރި ދެ ފޯވާޑުން ކަމަށްވާ ވިނީޝިއަސް ޖޫނިއާ އާއި އާލިން ހާލަންޑްގެ ކުރިމަތިލުމެއް މި ރޭ ނިއު ޖާޒީގައި ފެނިގެންދާއިރު ނޯވޭއަކީ ވޯލްޑް ކަޕް ތާރީޚުގައި ބްރެޒިލް އަތުން ބަލިނުވެ ހިފަހައްޓާފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ބްރެޒިލަކީ ރަސްކަންކުރާ ގައުމެއް ނަމަވެސް، ތާރީޚީ ގޮތުން ނޯވޭ ބަލިކުރުމަކީ ބްރެޒިލަށް އަބަދުވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ ކުރިން ހަތަރު ފަހަރު ބައްދަލުކޮށް ބްރެޒިލަށް ނޯވޭ ބަލިކުރެވިފައި ނުވާއިރު، މި ފަހަރު އެ ނަތީޖާ ބަދަލުކޮށްލުމަކީ "ސެލެސާއޯ" ގެ ބޮޑު އުންމީދެކެވެ.
ކާލޯ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ކުޅޭ ހުނަރުވެރި ބްރެޒިލް ޓީމުގައި ބައެއް ބަލިކަށިކަންކަން ހުރިކަން ވަނީ ފާހަގަވެފައެވެ. ގަދަ 32 ގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުން ހަނި ގޮތަކަށް ސަލާމަތްވެފައިވާއިރު، މި މުބާރާތުގައި ތަފާތު ދައްކަމުން އަންނަ ނޯވޭއާ ދެކޮޅަށް ބްރެޒިލުން ކުޅުން ރަނގަޅުކުރަން ޖެހެއެވެ.
ހާލަންޑާއި މާޓިން އޮޑެގާޑްގެ ހިތްވަރާއެކު ނޯވޭ މެޗަށް ނުކުންނައިރު، އެ ގައުމަކީ ވޯލްޑް ކަޕެއްގައި ބްރެޒިލް އަތުން ދުވަހަކުވެސް ބަލިނުވާ ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ.
ބްރެޒިލާއި ނޯވޭ ގަދަ 16 އަށް ދަތުރުކުރި ގޮތް
ބްރެޒިލް ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ސްކޮޓްލޭންޑާއި ހައިޓީ ބަލިކޮށް، މޮރޮކޯއާ އެއްވަރުވެގެންނެވެ. ގަދަ 32 ގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 2-1 އިން ބްރެޒިލް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.
ނޯވޭ ގަދަ 16 އަށް ދިޔައީ ގްރޫޕް އައިގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ އިރާގާއި ސެނެގާލް ބަލިކޮށް، ފްރާންސް އަތުން ބަލިވެގެންނެވެ. ގަދަ 32 ގައި އައިވަރީ ކޯސްޓް އަތުން 2-1 އިން މޮޅުވިއިރު، މިއީ 1938 އަދި 1998 ގެ ފަހުން ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރުގައި ނޯވޭ ހޯދި ފުރަތަމަ މޮޅެވެ.
ހާލަންޑަށް ނޯވޭގެ ކާމިޔާބީ ދެމެހެއްޓިދާނެތަ؟
ކްލަބް ލެވެލްގައި ނުވަތަ ގައުމީ ޓީމުގައި ވިޔަސް، އިސްކޮޅުން ދިގު ފޯވާޑް ހާލަންޑްގެ ނުފޫޒަކީ ދަށަށް ދާނެ އެއްޗެއް ނޫނެވެ. މި މުބާރާތުގައި ނޯވޭއިން ޖެހި 10 ލަނޑުގެ ތެރެއިން ދެބައިކުޅަ އެއްބައި ޖަހާފައިވަނީ އުމުރުން އެންމެ 25 އަހަރުގެ ހާލަންޑެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕްކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން ނޯވޭއަށް ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނީ މިރޭ ހާލަންޑްގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންނެވެ.
"ބްރެޒިލަކީ މެޗުގެ ފޭވަރިޓުންކަން ޔަގީން، އެކަމަކު އަހަރެމެން މި ނުކުންނަނީ އެމީހުންނަށް ވަރުގަދަ ފައިޓެއް ދޭން. މިއީ ހަމައެކަނި ކުޅެލަން ކުޅޭ މެޗެއް ނޫން، އަހަރެމެން ބޭނުންވަނީ މޮޅުވެގެން ކުއާޓާ ފައިނަލަށް ދާން،"
ސޯލްބާކެން ބުންޏެވެ.
ނޯވޭއިން ބްރެޒިލްގެ ވިނީޝިއަސްއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. އޭނާ ވަނީ މި މުބާރާތުގައި 4 ލަނޑު ޖަހައި ބްރެޒިލްގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެފައެވެ. ވިނީޝިއަސްއަކީ 2002 ވަނަ އަހަރުގެ ފަހުން ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ލަނޑު ޖެހި ފުރަތަމަ ބްރެޒިލް ކުޅުންތެރިޔާއެވެ.
މެޗުގެ ނަތީޖާ ލަފާކުރުން
އޮޕްޓާ ސުޕަ ކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި ބްރެޒިލް މޮޅުވުމުގެ ފުރުސަތު 53.6 އިންސައްތައިގައި އޮތްއިރު، ނޯވޭ މޮޅުވުމުގެ ފުރުސަތު އޮތީ 22.4 އިންސައްތައިގައެވެ. އަދި މެޗު އިތުރު ވަގުތަށް ދިއުމުގެ ފުރުސަތު 24 އިންސައްތައިގައި އޮތް ކަމަށް ދައްކައެވެ.
މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ މެކްސިކޯ ނުވަތަ އިންގްލެންޑާއެވެ. އެ މެޗު އޮންނާނީ ޖުލައި 11 ވާ ހޮނިހިރު ދުވަހު މިއާމީގައެވެ.
ކުރިމަތިލުންތަކުގެ ތާރީޚު
ނޯވޭއަކީ ބްރެޒިލް އަތުން ދުވަހަކުވެސް ބަލިނުވާ މަދު ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ނޯވޭ މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން ދެ ޓީމު ބައްދަލުކުރީ 2006 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އަންޗެލޮއްޓީއަށް އޮތް އަނެއް ކަންބޮޑުވުމަކީ، 2002 ވަނަ އަހަރުގެ ފައިނަލްގައި ޖަރުމަނު ބަލިކުރި ފަހުން، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ކުޅުނު ފަހު ހަ މެޗުންވެސް ބްރެޒިލް ބަލިވެ މުބާރާތުން ވަކިވާން ޖެހިފައިވުމެވެ.
ޓީމުގެ ޚަބަރުތައް
ބްރެޒިލްގެ ލޫކަސް ޕަކޭޓާއަށް ވަނީ ފަހު މެޗުގައި އަނިޔާވެފައެވެ. އަދި އަނިޔާގައި ހުރި ރަފީނިއާ ވަނީ އަލުން ތަމްރީނުތަކުގައި ބައިވެރިވާން ފަށާފައެވެ. ނޯވޭގެ ޖޫލިއަން ރަޔާސަންއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ.
ބްރެޒިލްގެ ފެށޭނެ ކަމަށް ބެލެވޭ 11:އެލިސަން، ޑެނީލޯ، މާކީނިއޯސް، ގެބްރިއަލް، ސަންޓޯސް، ގިމަރޭސް، ކަސެމީރޯ، މާޓިނެލީ، ރަޔާން، ކޫންޔާ، ވިނީޝިއަސް.
ނޯވޭގެ ފެށޭނެ ކަމަށް ބެލެވޭ 11:ނީލަންޑް، ޕެޑަރސަން، އަޔާ، ހެގޭމް، މޮލާ ވުލްފް، އޮޑެގާޑް، ބާޖް، ބާގް، ސޯލޮތް، ހާލަންޑް، ނޫސާ.



ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

