މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށްޓަކައި އައްޑޫ މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ހަރަކާތްތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ރޭ މީދޫގައި ބާއްވައިފިއެވެ.
މި އިވެންޓަކީ އައްޑޫ މީދޫ ކައުންސިލާއި، ރަށުގެ ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން އެހެނިހެން ފަރާތްތަކާ ގުޅިގެން ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި އިވެންޓް އިފްތިތާޙުކޮށްދެއްވަމުން މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާޠިރު ވިދާޅުވީ، މިނިވަން ދުވަހާ ގުޅުވައިގެން ގިނަ އަދަދެއްގެ ކުޅިވަރުތަކާއި އިޖުތިމާޢީ ހަރަކާތްތަކެއް ރަށުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ 4 ކިލޯމީޓަރުގެ ދުރުމިނަށް ބާއްވާ "މީދޫ ވަން ރަން" އެވެ. މީގެ އިތުރުން ފެތުމުގެ މުބާރާތަކާއި، "މިނިވަން ބާޒާރު" ގެ ނަމުގައި ކުރިއަށްދާ ޚާއްޞަ ބާޒާރަކާއި، ވޮލީ، ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތްތައް ވެސް ބޭއްވުމަށް ވަނީ ރޭވިފައިވާކަމަށް ޝާޠިރު ވިދާޅުވިއެވެ.
ޝާޠިރުގެ ވާހަކަފުޅުގައި މީދޫއަކީ އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ރަށަކަށް ހެދުމަށް ކައުންސިލުން ކުރާ އުންމީދުތައް ހިއްސާކުރެއްވިއެވެ.
އަދި މިނިވަން ދުވަހުގެ މި ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމްތަކުގެ ތެރެއިން ކެންޓީނުތައް ވެސް ހުޅުވިފައި ހުންނާނެ ކަމަށް ޝާޠިރު ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ ކުޅިވަރު އެރީނާ ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވެސް ބާރުސްޕީޑުގައި ކުރިއަށްދާކަން ޝާޠިރު ފާހަގަކުރެއްވިއެވެ. އެގޮތުން ހޭންޑްބޯލް ކޯޓާއި ބެޑްމިންޓަން ކޯޓު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ސްވިމިންގ ޓްރެކް ހިމެނޭ ސަރަޙައްދު ޕިކްނިކް އޭރިއާއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކައުންސިލަރު އިތުރަށް ވިދާޅުވީ، މިފަދަ ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރަށަށް އިތުރު ކުރިއެރުން ހޯދައިދިނުން ކަމަށެވެ.
ރަށުން ބޭރުން އަންނަ މެހުމާނުންނަށް މީދޫއަކީ ހިތްހަމަޖެހޭ، ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ މެހުމާންދާރީ ރަނގަޅު ރަށެއްގެ ގޮތުގައި ފެނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމަށްވެސް ޝާޠިރު ވިދާޅުވިއެވެ.
ނިންމާލަމުން ޝާޠިރު ވަނީ، މީދޫގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، މިދިޔަ ޢީދު ފާހަގަކުރި ގޮތަށްވުރެ މާ ފުރިހަމަކޮށް މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މީދޫއަކީ ނަމޫނާ ރަށަކަށް ހެދުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ބައިވެރިވުން ދެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

