ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގެ އެންމެ ފޯރިގަދަ އެއް މެޗު މިރޭ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅެވޭނެއެވެ. މި މެޗުގައި ބްރެޒިލާއި ޖަޕާން ބައްދަލުކުރާއިރު، މޮޅުވާ ޓީމަކަށް ގަދަ 16 ގެ ޖާގައެއް ކަށަވަރުވެ، ނެދަލެންޑްސް ނުވަތަ މޮރޮކޯއާ ބައްދަލުކުރުމުގެ ފުރުސަތު ބޮޑެވެ.
ބްރެޒިލް މި ބުރަށް ދަތުރުކުރީ ގްރޫޕް 'ސީ' ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މޮރޮކޯއާ 1-1 އިން އެއްވަރުވެ މުބާރާތް ފެށި ނަމަވެސް، ބްރެޒިލް ވަނީ ފަހުން ކުޅުނު ދެ މެޗުވެސް 3-0 އިން ކާމިޔާބުކޮށް ވަރުގަދަ ފޯމަކަށް އައިސްފައެވެ. ޚާއްޞަކޮށް ވިނީޝިއަސް ޖޫނިއާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ބްރެޒިލްގެ ތާރީޚަށް ބަލާއިރު، ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ބްރެޒިލްގެ ކުޅުންތެރިއަކު ލަނޑު ޖަހައިފި ނަމަ، އެ ފަހަރަކު ބްރެޒިލުން ތަށި އުފުލާލާފައިވެއެވެ.
ޖަޕާން މި ބުރަށް އައީ ގްރޫޕް 'އެފް' ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ޖަޕާން އޮތީ އެންމެ ފަހުން ކުޅުނު 10 މެޗުން ބަލިނުވެ ވަރަށް ވަރުގަދަކޮށެވެ. މީގެ ތެރޭގައި މާޗް މަހު އިންގްލެންޑާއި ސްކޮޓްލޭންޑް އަތުން ހޯދި މޮޅު ހިމެނެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޖަޕާންގެ މިހާރުގެ ސްކޮޑަކީ އެ ގައުމުން މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ޓީމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި މުބާރާތުގައި މިހާތަނަށް ބަލިވެފައިނުވާ ޖަޕާނަކީ، އެންމެ ފަހުން ބްރެޒިލާ ބައްދަލުކޮށް އެ ޓީމު ބަލިކުރި ހަމައެކަނި ޓީމެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހު ޓޯކިޔޯގައި ކުޅުނު އެކުވެރިކަމުގެ މެޗުން 3-2 އިންނެވެ.
ބްރެޒިލް:
ހެއިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރަފީނިއާ މި މެޗުގައިވެސް ނުކުޅޭނެއެވެ. އެހެންކަމުން ބާސެލޯނާގެ މި ވިންގަރަށް އަދި ފުރިހަމަ ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެވެއެވެ. ކޯޗު އަންޗެލޮޓީ މި މެޗަށް ނެރޭނީ ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު ޓީމު ކަމަށް ބެލެވެއެވެ. އެހެންކަމުން މިމެޗުން ޒުވާން ކުޅުންތެރިޔާ ރަޔާން ފެނުމުގެ ފުރުސަތު ބޮޑެވެ.
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ލަނޑު ޖެހި ވިނީޝިއަސް ޖޫނިއާއާ އެކު އެޓޭކުގައި ހިމެނޭނީ ލޫކަސް ޕަކޭޓާ އަދި މަތިއަސް ކޫންޔާއެވެ. ގާތްގަނޑަކަށް 1000 ދުވަހަށްފަހު އަނިޔާއިން ސަލާމަތްވެގެން ނޭމާ މިދިޔަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިފައިވާއިރު، މި މެޗުގައިވެސް އޭނާ ފެންނާނީ ބެންޗުންނެވެ. ކަސެމީރޯ އަދި ޑަނީލޯއަށް ރީނދޫ ކާޑެއް ލިބިފައިވާތީ، ގަދަ 16 އަށް ދިއުމަށްޓަކައި މި މެޗުގައި މިދެކުޅުންތެރީން ސަމާލުވާން ޖެހޭނެއެވެ.
ޖަޕާން:
ސްވިޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ބޭލި ކޯ އިޓަކޫރާގެ އަނިޔާ ސީރިއަސް ނޫންކަމަށް ބެލެވޭތީ، އޭނާ ޓީމުގެ ކެޕްޓަންކަން ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ. ނަމަވެސް ބަދަލުގައި ޝޯގޯ ތަނިގޫޗީ ހުރީ ތައްޔާރަށެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ޓަކެފޫސާ ކޫބޯއަށް އަދިވެސް ކުޅެވޭ ގޮތެއް ނުވެއެވެ. މި މެޗުގެ މެދުތެރެއިން ކައިޝޫ ސާނޯ ފެނުމުގެ ފުރުސަތު ބޮޑެވެ. ކޯޗު މޮރިޔާސޫ އާންމުކޮށް ބޭނުންކުރާ 3-4-2-1 ފޯމޭޝަނަށް މި މެޗުގައިވެސް ބަދަލެއް ގެންނާނެ ކަމަކަށް ނުބެލެވެއެވެ.
ލަފާކުރެވޭ ފެށޭ އެގާރަ:
ބްރެޒިލް (4-3-3): އެލިސަން؛ ޑަނީލޯ، މާކީނިއޯސް، ގަބްރިއެލް، ސަންޓޯސް؛ ގިމަރޭސް، ކަސެމީރޯ، ޕަކޭޓާ؛ ރަޔާން، ކޫންޔާ، ވިނީޝިއަސް ޖޫނިއާ.
ޖަޕާން (3-4-2-1): ސުޒުކީ؛ އިޓޯ، ޓޮމިޔާސޫ، އިޓަކޫރާ؛ ޑޯން، ސާނޯ، ތަނަކާ، ނަކަމޫރާ؛ ކަމާޑާ، މައެޑާ؛ އުއެޑާ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

