މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫ ހުޅުދޫ ކައުންސިލާއި 'ވިލުނު' ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ގުޅިގެން ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ރޭ ސ. އަތޮޅު މަދަރުސާގައި ބޭއްވުނު މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އެ މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލާ ނާޒްނީން އެވެ. މި ޖަލްސާގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ނުރައްކަލާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، މި ވަބާއިން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ހާމަކުރުމެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުޅުދޫ ކައުންސިލްގެ ރައީސް ޖާދުﷲ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމަޢަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، މިކަމުން ޒުވާނުން ސަލާމަތްކުރުމަށް ކައުންސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި 'ވިލުނު' ސެންޓަރު ހިންގުމާ ހަވާލުވެހުންނެވި އިބްރާހިމް ޝުކުރީގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ޖަލްސާގެ ޝަރަފްވެރި މެހްމާނު، ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ނާޒްނީން ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންނާއި ޒުވާނުން މިފަދަ ނުރައްކާތަކުން ދުރުހެލިކުރުވުމުގައި ތަޢުލީމީ ދާއިރާގެ ދައުރާއި، ބެލެނިވެރިންގެ ޒިންމާގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ޖަލްސާގައި އައްޝައިޚް ޙަސަން ލަޠީފް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޝައިޚްގެ ވާހަކަފުޅުގައި، އިސްލާމީ ނަޒަރަކުން މަސްތުވާތަކެތީގެ ޙަރާމްކަމާއި، އޭގެ ސަބަބުން ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އާއިލާތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުގެ މައްޗަށް ނަޞޭޙަތްތެރިވެލެއްވިއެވެ.
މި ޖަލްސާގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ "ސަކްސަސް ސްޓޯރީ" ނުވަތަ ކާމިޔާބީގެ ވާހަކަ ހުށަހަޅައިދިނުމެވެ. މި ބައި ކުރިއަށް ގެންގޮސްދެއްވީ މެރެތަން, އިބްރާހިމް ސަމީއު އެވެ. އޭނާގެ ވާހަކައިގައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އަމިއްލަ ތަޖުރިބާ ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ "މިންޖު" ގެ ނަމުގައިވާ ޚާއްސަ ޕްރޮގްރާމެއްވެސް މި ޖަލްސާގައި ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމަކީ މި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މި ޖަލްސާގައި ހުޅުދޫގެ ބައެއް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ބައެއް މެމްބަރުންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުން އަދި މީދޫ ޑަބްލިއުޑީސީގެ ބައެއް މެމްބަރުންގެ އިތުރަށް ވިލުނު ސެންޓަރުގައި ފަރުވާ ހޯދަމުންދާ ބައިވެރިން ބައިވެރިވެފައިވެއެވެ.
މިފަދަ ޖަލްސާއެއް ބޭއްވުމުގެ މައިގަނޑު ނަތީޖާއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުޅި ރަށް ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާވުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

