އައްޑޫ މީދޫގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީގެ ޕްލޭން (ޑިވެލޮޕްމަންޓް ޕްލޭން) އެކުލަވައިލުމުގެ މުހިންމު މަސައްކަތްތަކެއް މީދޫ ކައުންސިލުން ދަނީ ކުރަމުންނެވެ. ޔޫއެންޑީޕީގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، ރަށުގެ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ ބޭނުންތަކާއި ޚިޔާލުތައް ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.
މިގޮތުން، ޖޫން މަހުގެ 3 އިން 4 އަށް މީދޫގައި ހުރި އެކި އިދާރާތަކުގެ ބޭފުޅުންނާއެކު ވަނީ ކޮންސަލްޓޭޝަން ސެޝަންތަކެއް ބާއްވާފައެވެ. ނަމަވެސް، މި ޕްލޭނަކީ މުޅި ރަށުގެ ކުރިމަގާ ގުޅިފައިވާ ފުރިހަމަ ލިޔުމަކަށް ހެދުމަށްޓަކައި، ރަށުން ބޭރުގައި ދިރިއުޅޭ މީދޫގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ކައުންސިލުން ނުހަނު އިސްކަންދޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން މީދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުން ބޭރުގައި (ޚާއްޞަކޮށް މާލޭގައި) ދިރިއުޅޭ މީދޫގެ ރައްޔިތުންގެ ފަންނީ ލަފަޔާއި އިރުޝާދު މި ޕްލޭނަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެހެންކަމުން، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބާއްވާ ކޮންސަލްޓޭޝަން ސެޝަން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) 20:30 ގައި ވިލާ ކޮލެޖްގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ބައްދަލުވުމުގައި ޔޫއެންޑީޕީގެ ފަންނީ މާހިރުންގެ އިތުރުން، މީދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު ޝާޠިރު ބައިވެރިވެވަޑައިގަންނަވާނެއެވެ. ކައުންސިލްގެ އުންމީދަކީ މި ބައްދަލުވުމުގައި އެކި ދާއިރާތަކުން ފަންނީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި މީދޫގެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ، ރަށުގެ ތަރައްގީއަށް ބިނާކުރުވަނިވި ޚިޔާލުތައް ދެއްވުމެވެ.
މީދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި، މިފަދަ ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުން އެދޭފަދަ، ދެމެހެއްޓެނިވި ތަރައްގީއެއް ރަށަށް ގެނައުމަށްޓަކައި އެންމެންގެ ބައިވެރިވުން ހިމެނޭ ފުރިހަމަ ޕްލޭނެއް އެކުލަވައިލުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

