ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމަށް ބެލެވޭ ޓީމެއް ނަމަވެސް، އެ ޓީމާ މެދު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ 2022 އާއި 2026 ގެ ވޯލްޑް ކަޕާ ދެމެދު ޕޯޗުގަލް ޓީމަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމެވެ.
ކޮންގޯ ޑީއާރު އާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ އުމުރުން 41 އަހަރުވީއިރުވެސް ބޮޑެތި މުބާރާތްތަކުގައި ފުރަތަމަ އެގާރައިގައި ކުޅެންޖެހޭތޯ ކުރެވޭ ބަހުސް ވަނީ އަލުން ހޫނުވެފައެވެ.
މިއީ އާ ސުވާލެއް ނޫނެވެ. ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒްއަށް ކުރިމަތިވަމުންދާ މި ސުވާލުތަކަކީ، މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި އޮތް ވޯލްޑް ކަޕްގައި އޭރުގެ ކޯޗު ފެނާންޑޯ ސަންޓޯސްއަށް ވެސް އުނދަގޫ ކުރިމަތިކުރުވި ސުވާލުތަކެކެވެ. ނަތީޖާއެއްގެ ގޮތުން، ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ސަންޓޯސް ވަނީ ރޮނާލްޑޯ ބެންޗަށް ބަދަލުކޮށްފައެވެ. ނަމަވެސް، މާޓިނޭޒް އަދިވެސް ދެމިހުރީ ރޮނާލްޑޯއަށް އިތުބާރު ކުރުމުގައެވެ.
މި ހާލަތަށް ކަންކަން ދިޔަ ގޮތަކީ ގިނަ ސަޕޯޓަރުންނަށް އޮޅުން ނުފިލާ ކަމެކެވެ. 2022 ގެ ވޯލްޑް ކަޕަކާ އެކީ މި ބަހުސްގެ ނިމުނު ކަމަށް ބެލެވުނެވެ. ސަބަބަކީ އޭރުވެސް އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ފަރާތުން ބޭނުންވާ ކުޅުމެއް ނުފެނުމުންނެވެ. އަދި ސްވިޒަލޭންޑާއި މޮރޮކޯއާ ދެކޮޅަށް ކުޅުނު މުހިންމު މެޗުތަކުގައި އޭނާ ބެންޗަށް ބަދަލުކުރުމަކީ ހައިރާންކަމެއް ގެނުވި ކަމެއް ނަމަވެސް، އެކަމުގެ ފަހަތުގައި ސަބަބުތަކެއް ހުއްޓެވެ.
ގަތަރު ވޯލްޑް ކަޕަށްފަހު ސަންޓޯސްގެ ބަދަލުގައި މާޓިނޭޒް ކޯޗުކަމާ ހަވާލުވިއެވެ. އަދި ރޮނާލްޑޯ ޔޫރަޕްގެ މަތީ ފަންތީގެ ލީގުތައް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބާ ގުޅުނެވެ. ގިނަ ބަޔަކަށް ހީވީ މިއީ ޕޯޗުގަލް ޓީމުގެ އާ ދައުރެއްގެ ފެށުން ކަމަށާއި، ރޮނާލްޑޯ ނެތް ޓީމެއް ފެންނާނެ ކަމަށެވެ. ނަމަވެސް، ބެލެވުނު ގޮތާ ހިލާފަށް އެ ބަދަލެއް ނައެވެ.
ރޮނާލްޑޯގެ ފަރާތުން ރިޓަޔަރ ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ނުލިބުނެވެ. އަދި ސަންޓޯސް ފަދައިން މާޓިނޭޒް ވެސް ގެންދެވީ އޭނާ ޓީމުގައި ރޮނާލްޑޯ ހިމަނަމުންނެވެ. އެހެންކަމުން، ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި މުބާރާތަށްފަހު ހަތަރު އަހަރު ވީއިރުވެސް، އަދިވެސް މި ތިބީ ހަމަ އެއް މައްސަލައެއްގައެވެ.
ސަންޓޯސްއަށްވުރެ ވެސް ބޮޑަށް މާޓިނޭޒް ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯއަކީ އަދިވެސް މި ފެންވަރުގައި ކުޅެވޭނެ ކުޅުންތެރިއެކެވެ. 2022 ގެ ވޯލްޑް ކަޕްގެ ކުރިން ސަންޓޯސް އާއި އޭނާގެ ސްޓާފުން ވަނީ ރޮނާލްޑޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރުމާ މެދު މަޝްވަރާކޮށްފައެވެ. ނަމަވެސް މާޓިނޭޒް އެފަދަ ގޮތަކަށް ވިސްނާކަށް ނޫޅެއެވެ. އަދި އޭނާ މިހާރު ހުރީ މި ސުވާލުތަކާ މެދު ފޫހިވެފައެވެ.
ޔޫރޯ 2024 ގެ ކުރިން ރޮނާލްޑޯގެ ކުޅުމާ މެދު ކުރެވުނު ސުވާލުތަކަށް ޖަވާބު ދެމުން މާޓިނޭޒް ވަނީ ނޫސްވެރިޔާއާ ސުވާލެއް ކުރިމަތިކޮށްފައެވެ.
"ކަލޭމެންނަށް އެނގޭތަ ކްރިސްޓިއާނޯ މިދިޔަ ސީޒަނުގައި އަލް ނަސްރަށް ކިތައް މިނެޓު ކުޅުނުކަން؟"
މާޓިނޭޒް އެހިއެވެ.
ރޮނާލްޑޯ ހުރިހާ މެޗެއްގައި ކުޅުނު ކަމަށް ނޫސްވެރިޔާ ބުނުމުން، މާޓިނޭޒް ހިނިތުންވުމަކާއެކު ބުނީ، "ކަލޭގެ ސުވާލުގެ ޖަވާބު ތިޔަ އޮތީ ލިބިފައި" ކަމަށެވެ. މާޓިނޭޒް ދެކޭ ގޮތުގައި ގައުމީ ޓީމަށް ކުޅުނު ފަހު 30 މެޗުން 25 ލަނޑު ޖަހާފައިވާ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ލިބޭ ބޮޑު ނަސީބެކެވެ.
ރޮނާލްޑޯ ވަނީ 2024-25 ގެ ނޭޝަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދައި، އެ މުބާރާތް ޕޯޗުގަލްއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ ކްލަބް ރެކޯޑުތަކަކީ ވެސް ފާހަގަކޮށްލެވޭ ފަދަ ރެކޯޑުތަކެކެވެ. ނަމަވެސް، ފާޑުކިޔާ މީހުން ބުނަނީ ސައުދީ ލީގުގެ ފެންވަރު ޔޫރަޕާ އަޅާނުކިޔޭނެ ކަމަށެވެ. މީގެ އިތުރުން، 2021 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގައި އޯޕަން ޕްލޭއިން ރޮނާލްޑޯއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
ބައެއް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މާޓިނޭޒް، ރޮނާލްޑޯއަށް މާ ބޮޑަށް އިސްކަން ދެނީ ވޯލްޑް ކަޕަށްފަހު އޭނާ އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވާން އުޅޭތީއެވެ. ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމަށް ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ތިއަރީ އޮންރީ އާއި ޕޯލް ސްކޯލްސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޕޯޗުގަލް ޓީމަށް އޮތް އެންމެ ބޮޑު ބިރަކީ ރޮނާލްޑޯގެ މި ބަހުސްގެ ސަބަބުން ޓީމުގެ ސަމާލުކަން ގެއްލުމެވެ. ނަމަވެސް، ޓީމުގެ ކުޅުންތެރިން ބުނަނީ މިފަދަ ފާޑުކިޔުންތަކަށް އެމީހުން ތިބީ ތައްޔާރުވެގެން ކަމަށާއި، ޓީމުގެ އެއްބައިވަންތަކަން ނުގެއްލޭނެ ކަމަށެވެ.
އެންމެ ފަހުގެ ހަގީގަތަކީ، ރޮނާލްޑޯ ލަނޑު ޖަހަން ފަށައި، އޭނާއަކީ ޓީމަށް ބޭނުންތެރި ކުޅުންތެރިއެއްކަން ސާބިތުކޮށްދީގެން ނޫނީ މި ބަހުސް ނުހުއްޓޭނެ ކަމެވެ. މިރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ރޮނާލްޑޯއަށް މި ފާޑުކިޔުންތަކަށް ޖަވާބު ދިނުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

