މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިނުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނުކުންނައިރު، ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލް މި މުބާރާތުގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭނެއެވެ. ލަމީން ޔަމާލް މިރޭ ސައުދީއާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ކުޅުމަށް ހަމަޖެހިފައިވާއިރު ބާސެލޯނާގެ މި ވިންގަރަށް ސީޒަންގެ ފަހުކޮޅު އަނިޔާގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެވޭވަރަށް އޭނާ ވަނީ ފިޓްވެފައެވެ. ފުރަތަމަ މެޗުގައި އޭނާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މިރޭގެ މެޗުގައި ސްޕެއިންގެ ސަޕޯޓަރުން އުއްމީދުކުރާ ފަދަ މޮޅު ކުޅުމެއް ދައްކައި، މެޗުގެ ނަތީޖާއަށް ބަދަލު ގެންނާނެ ކަމަށް ބެލެވެއެވެ.
އަނެއްކޮޅުން، ސައުދީ އަރަބިއްޔާއިން ވަނީ ވަރުގަދަ އުރުގުއޭއާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، އެންމެން ހައިރާންކޮށްލާފައެވެ.
ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިނުން މުޅި މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ތިން ޕޮއިންޓް ހޯދޭގޮތެއް ނުވިއެވެ. ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް ސްޕެއިނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއިރު، ގޯލަށް އަމާޒުކޮށް ފޮނުވާލި ހަތް ހަމަލާއިން ވެސް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ.
މިރޭގެ ފޯރިގަދަ މެޗު އޮންނާނީ އެމެރިކާގެ އެޓްލާންޓާގައި ހުންނަ އެޓްލާންޓާ ސްޓޭޑިއަމްގައެވެ. މިއީ ގިނަ ބަޔަކަށް "މާސިޑީޒް-ބެންޒް ސްޓޭޑިއަމް" ގެ ނަމުން މަޝްހޫރުވެފައިވާ ދަނޑެކެވެ. މި ދަނޑަކީ އެންއެފްއެލްގެ އެޓްލާންޓާ ފެލްކަންސް އަދި އެމްއެލްއެސްގެ އެޓްލާންޓާ ޔުނައިޓެޑްގެ ހޯމް ގްރައުންޑެވެ. ސްޕެއިނާއި ކޭޕް ވާޑް ބައްދަލުކުރި މެޗުގެ އިތުރުން ޗެކް ރިޕަބްލިކާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗު ވެސް ވަނީ މި ދަނޑުގައި ކުޅެފައެވެ. ކުރިއަށް އޮތް ތަނުގައި މޮރޮކޯ އާއި ހައިޓީ، ކޮންގޯ އާއި އުޒްބެކިސްތާން، ގަދަ 32 ގެ މެޗެއް، ގަދަ 16 ގެ މެޗެއް އަދި ދެވަނަ ސެމީ ފައިނަލް މެޗު ވެސް މި ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ސައުދީ އަރަބިއްޔާގެ އުކުޅުތައްލޯރެންސް ރަޔަން
ސްޕެއިނާ ދެކޮޅަށް ނުކުންނައިރު ސައުދީ އަރަބިއްޔާގެ ޓެކްޓިކްސްއަށް ކުޑަ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން މުޙައްމަދު ކަންނޯ އާއި މުޙައްމަދު އަބޫ އަލް ޝާމަތުގެ ބަދަލުގައި، އަލީ ލަމާޖް އާއި ނާޞިރު އަލް-ދައުސަރީ ވަނީ ފުރަތަމަ އެގާރައަށް ނެރެފައެވެ. މީގެ އިތުރުން، އުރުގުއޭއާ ދެކޮޅަށް ބޭނުންކުރި 4-4-2 ފޯމޭޝަންގެ ބަދަލުގައި، މިރޭގެ މެޗަށް އެޓީމުން ނުކުންނާނީ 5-3-2 ގެ ފޯމޭޝަނަކަށެވެ.
ގްރޫޕް އެޗްގައި ހިމެނޭ އެންމެ ރޭންކިން ދަށް ޓީމު ކަމަށްވާ ކޭޕް ވާޑްއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވުމަކީ ސްޕެއިނަށް ލިބުނު ވަރަށް ބޮޑު މާޔޫސީއެކެވެ. އެ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ ވަނީ އެއްރޭ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 15 މިލިއަނަށް އަރާފައެވެ. ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސް ކުޅެން އެރި ނަމަވެސް، ސްޕެއިނަށް ކޭޕް ވާޑްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ބާކީ ދެ މެޗު އޮތުމާއެކު ގްރޫޕްގެ ކުރި ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، ކޭޕް ވާޑް މެޗަކީ ކަރުދާހުގައި ސްޕެއިނަށް އެންމެ ފަސޭހަވާނެ ކަމަށް ބެލެވުނު މެޗެވެ.
މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތީ އުރުގުއޭއެވެ. އެއީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލެއް ޖަހައި، އެއްވެސް ރީނދޫ ކާޑެއް ހޯދާފައި ނުވާތީއެވެ. ދެވަނައިގައި ސައުދީ އަރަބިއްޔާ އޮތީ ގޯލެއް ޖެހި ނަމަވެސް، އަބްދުލްއިލާހް އަލް އަމްރީއަށް ރީނދޫ ކާޑެއް ލިބިފައިވާތީ އަޚްލާގީ ރެކޯޑަށް ބަލާފައެވެ. ސްޕެއިނާއި ކޭޕް ވާޑް ވެސް އޮތީ ހަމަހަމަ ޕޮއިންޓާއެކުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

