އައްޑޫ މީދޫގެ ސްވިމިންގ ޓްރެކް ސާފުކުރުމަށްޓަކައި ކުރިއަށްގެންދާ ކޮމިއުނިޓީ ހަރަކާތުގެ ތެރެއިން، ހުކުރު ދުވަހުވެސް ވަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މީދޫގެ ސްވިމިންގ ޓްރެކަކީ ހުޅުދޫއާއި މީދޫގެ ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށްވެފައި، ޓްރެކް ސާފުތާހިރުކޮށް ބޭއްވުމަކީ މުޅި މުޖުތަމައުގެ ފައިދާއަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހުކުރު ދުވަހު ކުރިއަށްދިޔަ މި ހަރަކާތުގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ، ރަށުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމެވެ.
ރަށުގެ އިޖުތިމާއީ ކަންކަމުގައި ބިދޭސީން ބައިވެރިވެ، ސްވިމިންގ ޓްރެކް ސާފުކުރުމުގައި އެމީހުން ވަނީ ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދީފައެވެ. މިއީ މީދޫގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ ރީތި ނަމޫނާއެކެވެ.
މި ހަރަކާތް ކުރިއަށްދިޔަ ވަގުތު، މީދޫ ކައުންސިލުން ވަނީ މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، މަސައްކަތްތެރިންނަށް ބޭނުންވާ ކެއުމާއި ސައިގެ އިންތިޒާމުތައް ކައުންސިލާއި ހެޔޮއެދޭ ފަރާތުން ހަމަޖައްސައިދީފައިވެއެވެ. މީގެ އިތުރުން، ޓްރެކް ސާފުކުރުމަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތަކާއި އެހެނިހެން އެހީތެރިކަންވެސް ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ އާންމުން ބޭނުންކުރާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދެއެވެ. މީދޫ ސްވިމިންގ ޓްރެކް ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީދޫގެ ރައްޔިތުންގެ ނަމުގައި ކައުންސިލުން ވަނީޝުކުރު އަދާކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

