ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ވެސް ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ވިލިމާލޭގައި 'މާލެ ޓެކްސީ ލައިން'ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ދަތުރުފަތުރުގެ ދާއިރާގައި ހުރި ދިގުލީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިރުޝާދުގެ ދަށުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ޕާކިންގްގެ މައްސަލަތަކާއި، އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ހުރި ދަތިތަކުގެ އިތުރުން ޓްރެފިކް ތޮއްޖެހުމަށް ހައްލު ހޯދުން ހިމެނެއެވެ.
ވިލިމާލޭގައި އަލަށް ފެށި ޓެކްސީ ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލެއާއި ހުޅުމާލޭގެ އިތުރުން މިހާރު ވިލިމާލޭގައި ވެސް މި ޚިދުމަތް ލިބިގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކާ އެއްގޮތަށް ކުރިއަށްދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާންމުންގެ ޚިޔާލާއި ޝަކުވާތަކަށް ބަލައި، ޚިދުމަތް ދޭ ކުންފުނި ކަމަށްވާ އެމް.ޓީ.ސީ.ސީ އާ ގުޅިގެން ނިޒާމު އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، ޓެކްސީ ޚިދުމަތަށް ޚާއްޞަ އެޕްލިކޭޝަންތައް ބޭނުންކުރަން ފެށުމާއެކު، ޚިދުމަތް ހޯދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "މި ޚިދުމަތުގެ ފެންވަރު ދަނީ ދުވަހުން ދުވަހަށް އަދި ހަފުތާއަކަށްފަހު ހަފުތާއެއް ރަނގަޅުވަމުން. އަދި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އިތުބާރު ވެސް ދަނީ ބޮޑުވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލޭގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ސައީދު ވިދާޅުވީ، ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކާއެކު ވިލިމާލެއަށް މިހާރު ލިބެމުންދާ ސަމާލުކަމަކީ ތާރީޚީ ކަމެއް ކަމަށެވެ. އަދި ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒު އެ ސަރަހައްދުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް އަމަލީގޮތުން ފުއްދަވަމުންދާ ކަމުގެ ހެއްކެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

