ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓުތަކަށް، މި މަސް ނިމުމުގެ ކުރިން ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބޭންކަށް ލިބޭ ބޭރު ފައިސާއަށްވުރެ ޑޮލަރުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން ވިޔަފާރިތައް ކުރުމުގައި ބޭންކުން ވަނީ މިދިޔަ މަހުން ފެށިގެން ވަކި އިންތަކެއް ކަނޑައަޅާފައެވެ. މިގޮތުން، ދުވާލެއްގެ މައްޗަށް ވަކި މިންވަރެއް ކަނޑައަޅައި، އެ މިންވަރު ހަމަވުމުން އީ-ކޮމާސް ސައިޓުތަކުން މުއާމަލާތް ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. ބޭންކުގެ މި ނިންމުމާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ މި ބަދަލުތައް ގެނައުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މި ލުއިތައް ލިބިގެންދާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.
އީ-ކޮމާސް ލިމިޓުތައް ހުރި ނަމަވެސް، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މިހާރުވެސް މުއާމަލާތް ކުރެވެއެވެ. މީގެ އިތުރުން، އެއާލައިން ޓިކެޓާއި، ހޮޓާ ބުކިން އަދި ހޮސްޕިޓަލްތަކުގެ ބިލްތައް ދެއްކުމަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ. އަދި ބޭސްފަރުވާއާއި ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާ ފަރާތްތަކަށް ބޭންކުން އިތުރު އެހީތެރިކަން ފޯރުކޮށްދެމުންދާކަންވެސް ފާހަގަކުރެއެވެ.
ކަސްޓަމަރުންގެ ބޭނުންތަކަށް ވީހާވެސް ގިނައިން ބޭރު ފައިސާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ޖުމްލަ 345 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރަކީ ކާޑު މުއާމަލާތްތަކަށް ދޫކުރި ފައިސާއެވެ. ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.
ބޭންކުން ހާމަކުރި ގޮތުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު އަންނަނީ ދޫކުރަމުންނެވެ. އަދި މި ގެނެވޭ ބަދަލާއެކު، ބޭރުގެ މުއާމަލާތްތައް ކުރުމުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

