2026 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ފަރަންސޭސި ވިލާތުން، ވޯލްޑް ކަޕްގައި އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ފަރަންސޭވިވިލާތުން މިމެޗް ކާމިޔާބުކުރީ ސެނެގޯލްއާއި ބައްދަލުކޮށް 3 ލަނޑު 1 ލަނޑުންނެވެ.
ފަރަންސޭސި ވިލާތް މިމެޗުން މޮޅުވި ނަމަވެސް، އެޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނިގެންދިޔަ ދަށް ކުޅުމަށްފަހު، ދެވަނަ ހާފުގައި ފަރަންސޭސި ޓީމުން ވަނީ މުޅިން ތަފާތު ކުޅުމެއް ދައްކާފައެވެ.
މިމެޗް ފެށިގެން މެޗްގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެމްބާޕޭގެ އަތުން ބޯޅަ ގެއްލުމުން ލިބުނު ފުރުސަތެއްގައި، ސެނެގޯލްގެ ނިކޮލަސް ޖެކްސަން ފޮނުވާލި ހަމަލާއެއް ފަރަންސޭސިވިލާތުގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ބޭރަށް ގޮސްފައިވެއެވެ. މީގެ އިތުރުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސެނެގޯލްގެ އިސްމާއިލާ ސާރަށް ވަނީ ގޯލާ އެންމެ އަށް ޔާޑު ދުރުން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފު ފެށުމާއެކު ފަރަންސޭސި ޓީމުން ރަގަޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. ޑެޒިރޭ ދުއޭ، މައިކަލް އޮލީސޭ އަދި އެމްބާޕޭ ފޮނުވާލި ހަމަލާތަކާއެކު، ސެނެގޯލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއަށް ބާރުބޮޑުވިއެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 60 ވަނަ މިނެޓާ ގާތްވަނިކޮށް، އޭރިއާ ތެރެއިން ސާޑިއޯ މާނޭ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ދަނޑު ކައިރީގައި ހުރި މޮނީޓަރުން ވީ.އޭ.އާރް ބެލުމަށްފަހުވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
އެހެންނަމަވެސް، މާގިނަ އިރުތަކެއް ނުވެ މެޗްގެ 66 ވަނަ މިނިޓްގައި އެމްބާޕޭ ވަނީ ލަނޑެއް ޖަހައި ޓީމަށް ކުރިހޯދައިދީފައެވެ. މިލަނޑަކީ އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލްގެ ތިރީކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ސެނެގޯލްގެ ޖެކްސަން ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް، 82 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔާ ބާކޯލާ ވަނީ އެޑްރިއަން ރަބިއޮޓްގެ ތަނަވަސްކޮށްދިން ބޯޅައަކުން ފަރަންސޭސި ވިލާތުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެހެންނަމަވެސް މެޗުގެ ފަހުވަގުތު ( އިތުރު ވަގުތުގެ 95 ވަނަ މިނިޓްގައި ) ސެނެގޯލްގެ އިބްރާހިމް އެމްބާއޭ މޮޅު ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، އެމްބާޕޭ ވަނީ 30 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން މެޗްގެ އިތުރުވަގުތުގެ 96 ވަނަ މިނިޓްގައި ފަރަންސޭސި ވިލާތުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިލަނޑާއެކު އެމްބާޕޭ ވަނީ ފަރަންސޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

