ހޯމަ ދުވަހު އެޓްލާންޓާގައި ކުޅުނު މެޗުގައި ކޭޕް ވާޑުން ސްޕެއިން 0-0 އިން ހިފަހައްޓައި، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ހައިރާން ކުރުވަނި ނަތީޖާ ފެނިގެން ހިގައްޖެވެ.
މުބާރާތުގައި އަލަށް ވާދަކުރާ ކޭޕް ވާޑަށް، ޔޫރަޕްގެ ޗެމްޕިއަނުންގެ މައްޗަށް މިވަރުގެ ނަތީޖާއެއް ހޯދިދާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ. ނަމަވެސް، އެޓީމުގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ ވަނީ ސްޕެއިންގެ ހަމަލާތައް ހުއްޓުވައި، ދުނިޔޭގެ ފުޓްބޯޅައިގެ ސަމާލުކަން ހޯދާފައެވެ.

ދުނިޔޭގެ ރޭންކިންގްގެ 64 ވަނައިގައި އޮތް ޓީމަކާ ދެކޮޅަށް ކުޅުނުއިރު، ސްޕެއިނަށް އެދެވޭ ވަރަށް ފުރުސަތުތަކެއް މިމެޗްގައި ތަނަވަސްކުރެވިފައެއް ނުވެއެވެ. ޕެޑްރީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ފެރާން ޓޮރޭޒާއި އެހެނިހެން ފޯވާޑުންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ޚާއްޞަކޮށް، މެޗުގެ ފުރަތަމަ ހާފުގައި ފެރާން ޓޮރޭޒަށް ލިބުނު ރަން ފުރުސަތެއް އޭނާ ވަނީ ބޭކާރުކޮށްލާފައެވެ. އަދި މިކޭލް އޮޔާޒަބާލަށް ވެސް ސްޕެއިންގެ ފޯވާޑެއްގެ ގޮތުގައި އޭނާގެ ފެންވަރު ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން، މެޗުން މޮޅުވުމަށްޓަކައި ކޯޗު ލުއިސް ޑި ލަ ފުއެންޓޭއަށް ޖެހުނީ ފަހު 20 މިނެޓަށް ލަމީން ޔަމާލް ކުޅެން ނެރުމަށެވެ. ބާސެލޯނާގެ މި ޒުވާން ކުޅުންތެރިޔާގެ ސަބަބުން ޓީމުގެ ހަމަލާތަކަށް ދިރުމެއް އައި ނަމަވެސް، ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައި ސްޕެއިން ވަނީ ނާކާމިޔާބުވެފައެވެ.
މިއީ ހައިރާންކުރުވަނިވި ނަތީޖާއެއް ނަމަވެސް، ދަނޑުމަތީގައި ދެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު މިއީ ހައްގު ނަތީޖާއެކެވެ. ކޭޕްވާޑުން އެމީހުންގެ ތާރީޚީ މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، ސްޕެއިންގެ ފަރާތުން ފެނުނީ އެ ޓީމުގެ ފެންވަރާ ނުބައްދަލު ދަށް ކުޅުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

