ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ނުވަތަ މިނިވަން އެކާހައްޓި ކުލަގަދަގޮތެއްގައި އައްޑޫ މީދޫގައި ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މީދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެ އިދާރާގެ މީޓިންގ ރޫމްގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މިނިވަންދުވަހުގެ މުނާސަބަތުގައި ރަށު ފެންވަރުގައި ބާއްވާ ހަރަކާތްތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު، ފޯރިގަދަ އަދި ކުލަގަދަ ހަރަކާތްތަކަކަށް ހެދުމެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރަށުގެ އެކި ކްލަބް ޖަމްއިއްޔާތަކުގެ އިސްވެރިންނާއި، ރަށުގައި އިޖުތިމާއީ މިފަދަ ހަރަކާތްތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވިއެވެ. ބައްދަލުވުމުގެ ބައިވެރިން ވަނީ މިނިވަންދުވަހާ ގުޅުވައިގެން ރަށުގައި ކުރިއަށް ގެންދެވިދާނެ ތަފާތު ކުޅިވަރުތަކާއި، ސަގާފީ ހަރަކާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށްފައެވެ.
މީދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުން ނިންމުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތާވަލު ފައިނަލްކޮށް އާންމުކުރެވޭނެއެވެ. އަދި މި ހަރަކާތްތަކަކީ ރަށުގެ އެންމެހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ، އެއްބައިވަންތަކަން އިތުރުވެގެންދާނެ ހަރަކާތްތަކަކަށް ހެދުމަށް ކައުންސިލުން ބާރުއަޅައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

