2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުރިމަތިވި ހިތްދަތި ނަތީޖާއަށްފަހު، ޓިއުނީޝިއާގެ ގައުމީ ޓީމުގެ ހެޑް ކޯޗު ސަބްރީ ލަމޫޝީ މަގާމުން ވަކިކޮށްފިއެވެ.
2004 ވަނަ އަހަރުގެ އެފްރިކާގެ ޗެމްޕިއަންކަން ހޯދި ޓިއުނީޝިއާ، ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅުނު ސްވިޑަން އަތުން ބަލިވީ 5-1 ގެ ބޮޑު ތަފާތަކުންނެވެ.

މި ބައްޔާއެކު، ގްރޫޕްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު، ޓިއުނީޝިއާއަށް ވަނީ މުބާރާތުން އަވަހަށް ވަކިވާންޖެހިދާނެކަމުގެ ބިރު ހީވެފައެވެ.
ހޯމަ ދުވަހުގެ ހެނދުނު ( ޖޫން 15 ވަނަ ދުވަހު ) މޮންޓެރޭގެ އެސްޓާޑިއޯ ބީބީވީއޭގައި ކުޅުނު މި މެޗުގައި، ޓިއުނީޝިއާ ގެ މައްޗަށް ސްވިޑަންއިން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދުމެއް ހޯދާފައެވެ.
ޓިއުނީޝިއާގެ ނަސްލަށް ނިސްބަތްވާ ޔާސީން އަޔާރީ މި މެޗުގައި ސްވިޑަންއަށް ދެ ލަނޑު ކާމިޔާބުކުރިއިރު، ސްވިޑަންގެ ތަރިން ކަމަށްވާ އެލެގްޒެންޑާ އައިސާކް އަދި ވިކްޓާ ގިޔޮކެރޭސް ވެސް ވަނީ ލަނޑު ޖަހާފައެވެ. މީގެ އިތުރުން މަޓިއަސް ސްވަންބާގް ސްވިޑަންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ އައިސާކް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ގާޑިއަންގެ ރިޕޯޓަރު ރޯމައިން މޮލީނާ އަދި ޓިއުނީޝިއާގެ ނޫސްވެރިޔާ މަޓިއޯ ޓްރަބްލެސީ ހާމަކުރި ގޮތުގައި، ލަމޫޝީ ވަކިކުރުމުގެ މައިގަނޑު ސަބަބަކީ މެޗުގެ ނަތީޖާގެ އިތުރުން، ޗޭންޖިންގ ރޫމްގައި އޭނާގެ އަމަލުތައް ހުރި ގޮތާއި ޓީމު އެކަތިގަނޑަކަށް ހެދުމުގައި އޭނާ ނުކުޅެދުމެވެ. ޓްރަބްލެސީ ބުނި ގޮތުގައި ޓީމުގެ އެތެރޭގެ މައްސަލަތަކުގެ ވާހަކަ ދެއްކުމުން ކުރިން އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ތުހުމަތު ކުރެވުނު ނަމަވެސް، ފުރަތަމަ މެޗަށްފަހު އޭނާ ވަކިކުރުމުން އެކަންކަން މިވަނީ ސާފުވެފައެވެ.
މުބާރާތުގެ ގްރޫޕް ފިޔަވަހިން ވަކިވާން ޖެހިދާނެ ފަދަ ނުރައްކާތެރި ހާލަތެއްގައި އޮތް ޓިއުނީޝިއާއަށް ދެން އޮތީ ޖޫން 21 ގައި މޮންޓެރޭގައި ޖަޕާނާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ގްރޫޕްގެ ފަހު މެޗުގައި ކެންސަސްގައި ނެދަލޭންޑްސްއާ ބައްދަލުކުރާނެއެވެ.
ޖަޕާނާއި ނެދަލޭންޑްސް ބައްދަލުކުރި ފުރަތަމަ މެޗު އެއްވަރުވެފައިވުމުން، އެ ދެ ޓީމުން ވެސް މަސައްކަތްކުރާނީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެ ދެވަނަ ބުރަށް ދަތުރުކުރުމަށެވެ.
ޓިއުނީޝިއާގެ ކޯޗް
ޓިއުނީޝިޔާގެ ކޯޗް ލަމޫޝީއަކީ ޓިއުނީޝިއާގެ މައިންބަފައިންނަށް އުފަން، ފަރަންސޭސިވިލާތަށް ނިސްބަތްވާ ކޯޗެކެވެ. އޭނާގެ ކުޅުންތެރިއެއްގެ ހަޔާތުގައި މޮނާކޯ، އިންޓަ މިލާން އަދި މާސޭ ފަދަ މަޝްހޫރު ކްލަބުތަކަށް މެދުތެރޭގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވެއެވެ.
ފަރަންސޭސި ގައުމީ ޓީމަށް 12 މެޗު ކުޅެދިން ނަމަވެސް، 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުން އޭނާއަށް ޖާގަ އެއް ލިބިފައެއް ނުވެއެވެ.
ކޯޗިންގ ކެރިއަރުގައި އައިވަރީ ކޯސްޓް، ނޮޓިންގްހަމް ފޮރެސްޓް، އަލް-ދުހައިލް އަދި ކާޑިފް ސިޓީ ފަދަ ޓީމުތަކަށް އިރުޝާދު ދީފައިވާ ލަމޫޝީ ޓިއުނީޝިއާގެ ކޯޗުކަމާ ހަވާލުވީ 2026 ވަނަ އަހަރުގެ ކުރީކޮޅު އެ ޓީމު އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ދެއްކި ދަށް ކުޅުމާ ގުޅިގެން ޓީމު ރަނގަޅު ކުރުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

