ދިވެހިރާއްޖޭގެ އިޤްތިޞާދީ ނާރެހަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. ރަށު ފެންވަރުގައި ކުރިއަށްދާ ކުދި ފިހާރަތަކުން ފެށިގެން، އަތްތެރި މަސައްކަތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަކީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދޭ މައިގަނޑު އަސާސެވެ.
މިގޮތުން އައްޑޫ މީދޫއާއި އައްޑޫ ހުޅުދޫގައި ހަރަކާތްތެރިވާ ވިޔަފާރި ވެރިންންށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، މާލީ އެހީތެރިކަން ހޯދާނެ ސީދާ މަގުތައް ނޭނގި އޮތުމަކީ ވިޔަފާރިވެރިންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، "އެސް.އެމް.އީ އެންގޭޖްމަންޓް" ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް މިވަނީ ތައްޔާރުވެފައެވެ.
މާދަމާ ހުޅުދޫ ސިޓީ ޑެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތުގެ މައިގަނޑު އަމާޒަކީ މީދޫއާއި ހުޅުދޫގައި މިހާރުވެސް ވިޔަފާރިކުރަމުންދާ ފަރާތްތަކާއި، އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

މާދަމާ ކުރިއަށް ގެންދެވޭ މިހަރަކާތުގައި ވިޔަފާރިވެރިންނަށް ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށް ހުރި ލޯނު އެހީތަކާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ވިޔަފާރިތަކަށް ލިބިދޭ ލުއިފަސޭހަތަކާ ގުޅޭގޮތުން މި މިހަރަކާތުގައި ތަފްޞީލީ މަޢުލޫމާތު ދެވޭނެއެވެ. މިއީ ހަމައެކަނި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނޫނެވެ. މިއީ ވިޔަފާރިވެރިންގެ ހިތުގައި ހުރި ސުވާލުތަކާއި، ދިމާވާ ދަތިތައް ކަމާބެހޭ މުއައްސަސާތަކާ ހިއްސާކޮށް، އެކަންކަމަށް ވަގުތުން ޖަވާބު ހޯދުމަށް ލިބޭ ރަނގަޅު މާޙައުލެކެވެ. އަމިއްލަ މަސައްކަތެއް ފަށައިގެން ކުރިއަށްދާން ބޭނުންވާ ކޮންމެ މީހަކަށްވެސް މިހަރަކާތަކީ އެމީހެއްގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅެވެ.
މި ހަރަކާތް އޮންނާނީ މާދަމާ ، ޖޫން މަހުގެ 16 ވާ އަންގާރަ ދުވަހުއެވެ.
ހުޅުދޫގެ "ސިޓީ ޑެކް" ގައި ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް ކުރިއަށްދާ މި ހަރަކާތުގައި ވިޔަފާރިވެރިންނަށް އެމީހުންގެ މަސައްކަތުގެ ތެރެއިން ވަގުތު ހޯދައިގެން ބައިވެރިވުމަށް ފަސޭހަވާނެހެން ރޭވިފައިވާ ހަރަކާތެކެވެ. މިފަދަ ހަރަކާތުގެ ސަބަބުން ރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، އައު އުފެއްދުންތަކާއި ޚިދުމަތްތައް ބާޒާރަށް ތަޢާރަފުވުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ މީދޫއާއި ހުޅުދޫގެ ކޮންމެ ވިޔަފާރިވެރިއެއްގެވެސް ކުރިއެރުމަށް ލިބޭނެ ބޮޑު އެހީއެކެވެ.
މި ހަރަކާތުގެ އެންމެ މުހިންމު އެއް ބަޔަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި މާލީ ދާއިރާގެ އެންމެ އިސް މުއައްސަސާތަކުން މި ޕްރޮގްރާމުގައި ބައިވެރިވުމެވެ. މިގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (BCC) އިން މި ހަރަކާތުގައި ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުން ފެށިގެން، މާކެޓިންގް ޕްލޭން އެކުލަވައިލުމާއި، ހިސާބުތައް ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާ ގުޅޭގޮތުން ބީ.ސީ.ސީގެ ތަޖުރިބާކާރުން އިރުޝާދު ދެއްވާނެއެވެ. ގިނަ ފަހަރަށް ވިޔަފާރިތައް ހުއްޓެން މެދުވެރިވަނީ ހަމައެކަނި ފައިސާ ނެތުމަކުން ނޫނެވެ. އޭގެ ބަދަލުގައި، ވިޔަފާރި ހިންގާނެ ފަންނީ ހުނަރު ނެތުމަކީވެސް ވަރަށް ބޮޑު ސަބަބެކެވެ. ބީ.ސީ.ސީގެ ބައިވެރިވުމާއެކު، މީދޫއާއި ހުޅުދޫގެ ވިޔަފާރިވެރިންނަށް މިފަދަ ތަމްރީނުތަކާއި އިރުޝާދުތައް ހޯދޭނެ މަގުތައް ސާފުވެގެންދާނެއެވެ.
މީގެ އިތުރުން، ވިޔަފާރިއެއް ފުޅާކުރުމަށް އެންމެ ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (BML) އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (SDFC) އިން މި ހަރަކާތުގައި ބައިވެރިވާނެއެވެ.
ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ދޫކުރާ ލޯނުތަކަކީ ކޮބައިކަމާއި، އެ ލޯނުތަކަށް އެދި ހުށަހަޅާނެ ގޮތާއި، ބޭނުންވާ ލިޔެކިޔުންތަކަކީ ކޮބައިކަން މި ހަރަކާތުގެ ތެރެއިން އޮޅުންފިލާނެއެވެ. ގިނަ ވިޔަފާރިވެރިންނަކީ ބޭންކުތަކުން ހުންނަ ފުރުޞަތުތަކުގެ މަޢުލޫމާތު ފުރިހަމައަށް ނޭނގުމުގެ ސަބަބުން އެކަންކަމަށް ކުރިމަތިލާން ޖެހިލުންވާ ފަރާތްތަކެވެ. ނަމަވެސް، ސީދާ ބޭންކުގެ އޮފިޝަލުންނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބުމުން، މި ޖެހިލުންވުންތައް ފިލައި، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މާލީ ބާރުވެރިކަން ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މީދޫއާއި ހުޅުދޫގެ އިޤްތިޞާދީ މުސްތަޤުބަލަށްޓަކައި މިއީ ރަނުގެ ފުރުޞަތެކެވެ. ރަށުގެ ޒުވާނުންނާއި، ގޭގައި ތިއްބަވައިގެން އަމިއްލަ މަސައްކަތް ކުރައްވާ ކަނބަލުންނާއި، މިހާރުވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ފަރާތްތަކުން މި ހަރަކާތަށް ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ޕްރޮގްރާމަކީ ހަމައެކަނި މަޢުލޫމާތު ހޯދާލުމަށް ބާއްވާ ކަމެއްގެ ބަދަލުގައި، އަމިއްލަ ފަރުދުންނާއި މުޅި މުޖުތަމަޢުގެ ތަނަވަސްކަން އިތުރުކުރުމަށް އެޅޭ ބިންގަލެއްގެ ގޮތުގައި ދެކެންޖެހެއެވެ.
އެހެންކަމުން، 16 ޖޫން ވާ އަންގާރަ ދުވަހު ސިޓީ ޑެކަށް ވަޑައިގެން، ތިޔަބޭފުޅުންގެ ވިޔަފާރީގެ މުސްތަޤުބަލު އުޖާލާކުރުމަށް މި ލިބުނު ފުރުޞަތުގެ ބޭނުން ހިއްޕަވާށެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ހުޅުމީދޫގެ އިޤްތިޞާދަށް އާ ދިރުމެއް ލިބި، ރަށުގެ ރައްޔިތުންނަށް އިތުރު ފުދުންތެރިކަމެއް ލިބިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

