އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މިއާންޒް އިންޓަރނޭޝަނަލް ކޮލެޖް (އެމް.އައި. ކޮލެޖް) ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ސެޓްފިކެޓް 3 ގެ ކޯހެއް ޢިއުލާނުކޮށްފިއެވެ.
މި ކޯހަކީ އެމް.އައި. ކޮލެޖުން ހިންގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫކުރާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. މި ކޯހުގައި ކިޔަވާދެއްވާނީ އެމް.އައި.ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗަރގެ ފަންނީ ބޭފުޅުންނެވެ. މި ކޯސް ހެދުމުން މިފަދަ އެހެން ކޯސްތައް ހެދުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި މިދާއިރާއިން ވަޒީފާތައް ހޯދުމަށް މަގުފަހިވާނެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން މި ކޯސް ހިންގުމުގެ މަޤްޞަދަކީ ރަށުގައި ދަނޑުވެރިކަން ކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމާއި، ރައްކާތެރި، ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަން ކުރާނެގޮތްތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން ރައްކާތެރިކަމާއިއެކު ދަނޑުހައްދަން ބޭނުންކުރާ ކެމިކަލް ބޭނުންކުރާނެ ގޮތާއި ގަސްތައް ހެއްދުމަށް ބޭނުންވާ ކާނާ ދިނުމުގައި ސަމާލުވާންޖެހޭ ކަންކަން މި ކޯހުގައި ކިޔަވައި ދޭވޭނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ނައުމާ ޢަބްދުﷲ ވިދާޅުވީ މީދޫގައި ދެމެހެއްޓެނިވި، ރައްކާތެރި ދަނޑުވެރިކަން ކުރާ އަންހެންން އިތުރުކުރެއްވުމަށް މި ފެށި މަސައްކަތުގައި ގިނަ އަންހެނުން ބައިވެރިވެ ކޯސް ފުރިހަމަ ކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ. މީގެ ސަބަބުން ހޯމް ގާޑެނިންގ ގެ ތެރެއިންނާއި އަދި ސީދާ ދަނޑުވެރިކަމުން އަންހެނުންނަށް އާމްދަނީ ހޯދޭނެ ފުރުސަތުތައް މިހާރަށްވުރެ އިތުރުކޮށް، ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އަންހެނުން އުފައްދާ އެކިއެކި އުފެއްދުންތައް ބާޒާރާއި ހަމައަށް ގެންގޮސް ދިނުމަށް މީދޫ ކޯޕަރޭޓިވް ސޮސައިޓީއާއެކު މަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އީ.ޓުކުރި ފަދަ އޮންލައިން ވިޔަފާރިތައް އަންހެނުންނަށް ތަޢާރަފްކޮށް، އަންހެނުން އެފަދަ ވިޔަފާރިތަކަށް އަހުލުވެރިކޮށް އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ނައުމާ ވިދާޅުވިއެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2026 ގެ ނިޔަލަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން އެޕްލިކޭޝަން ފުރިހަމަކުރުމަށް އެ އޮފީހުން އެދިފައިވެއެވެ. މި ކޯހުގައި ދެ ޖިންސުގެ މީހުން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. ކޯހުގައި ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ މީދޫގައިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން މިވަނީ ވަރަށް ކުރު މުއްދަތެއްގައި އަންހެނުން ބާރުވެރި ކުރުވުމަށާއި، ވިޔަފާރީގައި އަންހެނުން ދައުރު ފުޅާކޮށް އިތުރުކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ރާވައި ހިންގަން ފަށާފައިކަން ފާހަނގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

