ދިވެހި ސަރުކާރުގެ ކެބިނެޓުގައި އެންމެ ނުފޫޒުގަދަ އަދި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޒަމީރު މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، މިހާތަނަށް އެނާ މަގާމުން ވަކިވެވަޑައިގަތް ވަކި ސަބަބެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
މޫސާ ޒަމީރަކީ މި ސަރުކާރު ފެށުނުއިރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް، 30 ސެޕްޓެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެނައި ބަދަލުތަކާއެކު އޭނާ ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ. އޭގެ ފަހުން، މި އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް ގެނައި ބަދަލުތަކާއެކު، ޕަބްލިކް އެންޓަޕްރައިސަސް (ޕީއީއޯ) އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ޒަމީރުގެ މަސްއޫލިއްޔަތުތައް ވަނީ ކުރިއަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ.
ކެބިނެޓްގެ ވަޒީރުކަމުގެ އިތުރުންވެސް، ދައުލަތުގެ މުހިންމު އެހެން ބައެއް ޒިންމާތައް ޒަމީރު ދިޔައީ އުފުއްލަވަމުންނެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ޗެއާގެ މަގާމާއި، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމު ފާހަގަކޮށްލެވެއެވެ.
ޒަމީރު އިސްތިއުފާ ދެއްވި ދަނޑިވަޅަކީ ރާއްޖޭގެ މާލީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ވަގުތެކެވެ. އެގޮތުން، ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން މިދިޔަ ހަފުތާގައި ވަނީ މަތިކޮށްފައެވެ. މީގެ އިތުރުން، ދައުލަތުން ބޭރަށް ދައްކަންޖެހިފައި އޮތް ބޮޑު ލޯނެއް ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ވެސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކާ ޚަލާޞްކޮށްފައެވެ.
މިފަދަ މުހިންމު ކާމިޔާބީތަކެއް މާލީ ދާއިރާއިން ހޯދަމުން ދަނިކޮށް، ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު އިސްތިއުފާ ދެއްވުމަކީ ސިޔާސީ ގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

