އައްޑޫ މީދޫގެ އިގްތިސާދީ ދުވެލި ހަލުވިކޮށް، ދަނޑުވެރިކަމުގެ އާ ފުރުސަތުތައް ފަހިކުރުމަށްޓަކައި މީދޫގައި ނާސަރީއެއް އުފެއްދުމުގެ އަމަލީ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް އިފްތިތާހުކުރުމުގެ ގޮތުން އިއްޔެ މީދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ނާސަރީގެ ނަންބޯޑު ހަރުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މީދޫ ކައުންސިލްގެ ރައީސް އަޙުމަދު ޝާޠިރު ވިދާޅުވީ، މި ނާސަރީ އުފެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ. އެގޮތުން ނާސަރީން އުފައްދާ ގަސްތައް ރިސޯޓްތަކަށާއި އާންމު ފަރާތްތަކަށް ވިއްކައިގެން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަކީ ކައުންސިލްގެ މުހިއްމު އަމާޒެއްކަމަށް ޝާޠިރު ވިދާޅުވިއެވެ. މީގެ އިތުރުން، ރަށުގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތަކުގައި އިންދަންޖެހޭ ގަސްތައް އުފައްދައި ބެލެހެއްޓުމަކީވެސް މި ނާސަރީގެ ތެރެއިން ކުރިއަށްދާނެ މަސައްކަތެއްކަން ޝާޠިރު ފާހަގަކުރެއްވިއެވެ.

ޝާޠިރު އިތުރަށް ވިދާޅުވީ، މި ނާސަރީއަކީ ހަމައެކަނި ގަސް ހައްދާ ތަނެއްގެ އިތުރުން، ރަށަށް ޒިޔާރަތްކުރާ މެހުމާނުންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދުމަށް ވިސްނަވާފައިވާ ކަމަށެވެ.
"މާގަސްތަކާއި އެހެނިހެން ގަސްތައް މިތަނުގައި އަތުރާލެވިފައި ހުންނަ ފުރިހަމަ ގޮތުގެ ސަބަބުން މިތަނުގެ ރީތިކަން ފެނި، ޒިޔާރަތްކުރާ މީހުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވޭ،"
ޝާޠިރު ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ޒަމާނީ ވަސީލަތްތައް ތައާރަފްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ކައުންސިލް ރައީސް ވިދާޅުވީ، ހައިޑްރޯޕޯނިކްސް ސިސްޓަމްތަކާއި، ވާޓިކަލް ފާމިންގ އަދި އޮޓޯޕޮޓް ސިސްޓަމް ފަދަ ޒަމާނީ ދަނޑުވެރިކަމުގެ ސާމްޕަލްތައް މި ނާސަރީން ފެންނަން ހުންނާނެ ކަމަށެވެ. މިއީ ރައްޔިތުންގެ މެދުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފައްދައި، އައު ޒަމާވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމުގައި ޝާޠިރު ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި މި މަޝްރޫއަކީ އައްޑޫ މީދޫ ކައުންސިލަށް އިތުރު އާމްދަނީ ލިބި، ރައްޔިތުންގެ ޖީބުތަކަށް އޭގެ ފައިދާ ކުރާނެ ފަދަ ތަނަކަށް ވެގެންދާނެ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ.
މި ނާސަރީ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުއެވެ. ކައުންސިލްގެ އަމާޒަކީ އެ ދުވަހު ނާސަރީގެ ފުރަތަމަ ފޭސް ނިންމައި، ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު ހިދުމަތް ފެށުމެވެ.
އިއްޔެ ބޭއްވުނު މި ރަސްމިއްޔާތުގައި މީދޫ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ މެންބަރުންގެ އިތުރުން، އަވަށު އޮފީހުގެ މުވައްޒަފުންނާއި ރަށުގެ ޒުވާން ދަނޑުވެރިޔާވެސް ބައިވެރިވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

