
އަޟްހާ އީދުގެ މުނާސަބަތުގައި މީދޫގައި ކުރިއަށްދިޔަ ކުލަގަދަ ހަރަކާތްތައް، "ރެދަން ބޮޑުބެރު" ގްރޫޕުގެ ހާއްސަ ހުށަހެޅުންތަކާއި ހަވާއެރުވުމުގެ ހަރަކާތްތަކާއެކު ރޭ ވަނީ ރަސްމީކޮށް ނިންމާލާފައެވެ.
އީދުގެ ހަރަކާތްތައް ނިންމުމަށްޓަކައި މީދޫ ބަނދަރު ސަރަހައްދުގައި ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި، މި އަހަރުގެ އަޟްހާ އީދުގެ ހަރަކާތްތައް ރޭވުމުގައާއި ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ކައުންސިލްގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި، ރަށުގެ އެއްބައިވަންތަކަމާއި އީދު ފޯރި ދެމެހެއްޓުމުގައި ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ދެއްވި އެއްބާރުލުން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، އީދާ ގުޅުވައިގެން ބޭއްވުނު ތަފާތު މުބާރާތްތަކާއި ކުޅިވަރު ހަރަކާތްތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުން އޮތެވެ. މީގެ އިތުރުން، ރޭގެ އެންމެ ފޯރިގަދަ އެއް ހަރަކާތަކަށް ވެގެންދިޔައީ އުޑުމަތި ދިއްލާލި ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތެވެ.

މީދޫ އަވަށުގެ ދައުވަތަކަށް މި ހަރަކާތްތަކުގައި ބައިވެރިވި "ރެދަން ބޮޑުބެރު" ގްރޫޕުން ވަނީ އެ ގްރޫޕަށް މީދޫން ލިބުނު ހޫނު މަރުހަބާއާއި މެހްމާންދާރީއަށްޓަކައި ނުހަނު ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އެ ގްރޫޕްގެ ފޭސްބުކް ޕޭޖްގައި ޝާއިއުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ:
" މީދޫގެ ލޮބުވެތި ރައްޔިތުން ރޭގެ ވަގުތުތަކުގައި އަޅުގަނޑުމެންނަށް ދެއްވި ފުރިހަމަ ތަރުހީބާއި، ބެހެއްޓެވި ގާތްކަމާއި، ދެއްކެވި ފޯރިއަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މި ރަށުގެ ރައްޔިތުންނާއެކު އަޅުގަނޑުމެންގެ ސަގާފީ ހަރަކާތްތަކާއި ބޮޑުބެރުގެ ފޯރި ހިއްސާކޮށްލަން ލިބުނު ފުރުސަތަކީ ހިތުން ފިލައިގެން ނުދާނެފަދަ އުފާވެރި ތަޖުރިބާއެކެވެ. ތިޔަބޭފުޅުންގެ ކޮންމެ ހިނިތުންވުމަކާއި، ކޮންމެ އަތްތިލަބަޑިއަކީ 'ރެދަން ބޮޑުބެރު' ގްރޫޕުގެ ހުރިހާ މެންބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ."
އެ ގްރޫޕުން އިތުރަށް ބުނެފައިވަނީ މީދޫ ރައްޔިތުންގެ ފަރާތުން ލިބުނު މެހެމާންދާރީއަކީ ނަމޫނާ މެހެމާންދާރީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މީދޫ ރައްޔިތުންނާ ބައްދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މީދޫގައި މިއަހަރު ބޭއްވުނު އަޟްހާ އީދުގެ ހަރަކާތްތަކަކީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޒިޔާރަތްތެރިންގެ ބައިވެރިވުމާއެކު ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވުނު ހަރަކާތްތަކެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

