މާތްﷲ މުސްލިމުންނަށް މިންވަރުކުރައްވާފައިވާ ދެ އީދަކީ އުފާފާޅުކުރުމާއި، ގުޅުންތައް ބަދަހިކުރުމާއި، ﷲ އަށް ޝުކުރުވެރިވުމުގެ މާތް މުނާސަބަތުތަކެކެވެ. ނަމަވެސް، މި އުފާވެރި ދުވަސްތައް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ގޯސް ކަމަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟ އާދެ، އެއީ އެއްވެސް ޝައްކެއްނެތް ގޮތުގައި، ﷲ ސުބުހާނަހޫ ވަތައާލާ ހުރުމަތްތެރި ކުރެއްވި އީދުގެ ހުރުމަތް ކަނޑާލުމެވެ.
ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން މި އުފާވެރި މުނާސަބަތުގައި ﷲ ތައާލާގެ ހުދޫދުތަކުން ފަހަނަޅައިދާ ކަމެވެ. އީދުގެ އުފާ ފާޅުކުރުމުގެ ނަމުގައި ނުބައިކަމާއި، މުންކަރާތްތަކާއި، ފާހިޝް ކަންތައްތަކަށް އަރައިގަންނަ މަންޒަރުތައް ބައެއް ފަހަރު ފެނިގެންދެއެވެ. މިއީ އިސްލާމީ ރިވެތި އުސޫލުތަކާ މުޅިން ޚިލާފު، އަދި އީދުގެ މަގުސަދާ ބީރައްޓެހި އަމަލުތަކެކެވެ.
ހަރާމް ކަމަކަށް އަރައިނުގަނެ އީދުގެ އުފާ ފާޅުކުރަން ނޭނގުމަކީ ޖާހިލުކަމުގެ އިންތިހާއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އުފާވެރިކަން ލިބޭނީ މިއުޒިކާއި، މަސްހުނިވުމާއި، އިސްލާމީ މިންގަނޑުތަކުން ބޭރުވެގެން ކަމަށެވެ. ނަމަވެސް މިއީ ބޮޑުވެގެންވާ ކުށްހީއެކެވެ. ހަގީގީ އުފަލަކީ ހިތަށް ލިބޭ ހަމަޖެހުމެވެ. އެ ހަމަޖެހުން ލިބޭނީ ހަމައެކަނި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެގެންނެވެ.
ކޮންމެ ބޭފުޅަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ﷲ ސުބުހާނަހޫ ވަތައާލާގެ އިންޒާރުގެ ބަސްފުޅުތަކެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ: "إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ" މާނައީ: "ހަމަކަށަވަރުން، މުއުމިނުންގެ ތެރޭގައި ފާޙިޝް (ނުބައި، ހުތުރު) ކަންތައްތައް ފެތުރުމަށް ލޯބިކުރާ މީހުން ދަންނާށެވެ! އެފަދަ ފަރާތްތަކަށް ﷲ ތައާލާ ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު ތައްޔާރު ކުރައްވާފައިވެއެވެ. އަދި މާތް ﷲ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށް ނޭނގެއެވެ."
މި އާޔަތުގެ ތަފްސީލީ މާނައަށް ބަލާއިރު:
އިއްނައްލަޒީނަ ޔުހިއްބޫނަ ތަޝީއަން ފާހިޝަތުން: މުއުމިނުންގެ ތެރޭގައި ހުތުރުކަން ބޮޑުވެގެންވާ ކަންކަމާއި (އެއްވެސް މީހެއްގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް) ފާފަތައް ފެތުރި، އާންމުވެ، އެކަންކަމަށް މީހުން އަހުލުވެރިވާން އެދޭ މީހުންނެވެ.
ފިއްލަޒީނަ އާމަނޫ: އަދި އީމާންވި މީހުންގެ ތެރޭގައި މިފަދަ ނުބައި އަމަލުތައް ހިންގާ މީހުންނެވެ.
ލަހުން އަޒާބުން އަލީމުން: އެމީހުންނަށް އާޚިރަތުގައި ވޭންދެނިވި ގަދަފަދަ އަޒާބެއް ހުއްޓެވެ.
ފިއްދުންޔާ ވަލްއާޚިރާ: އަދި އެފަދަ ނުބައި ކަންކަން ފަތުރާ، މީހުންގެ އަބުރާ ކުޅޭ މީހުންނަށް ދުނިޔޭގައި ވެސް (މާތް ﷲ ގެ ކޯފާއާއި ނިކަމެތިކަން) އަދި އާޚިރަތުގައި ވެސް ވޭންދެނިވި އަޒާބު ހުއްޓެވެ.
މި އާޔަތުން އެނގެނީ މުއުމިނުންގެ މެދުގައި ފާޙިޝް އަމަލުތަކާއި، ދޮގު ވާހަކަތަކާއި އަދި ފަސާދަ ފެތުރުމަކީ މާތް ﷲ ކޯފާލައްވާ، ބޮޑުވެގެންވާ އަޒާބު ހުރި ކަމެއްކަމެވެ. އީދުގެ އުފާ ފާޅުކުރުމުގެ ނަމުގައި ބާއްވާ ހަފުލާތަކުގައި އިސްލާމީ އަދަބުތަކުން ބޭރުވުމަކީ މި ދެންނެވި ނުރައްކާތެރި ފާފައަށް މަގުފަހިވާ ކަމެކެވެ.
ވީމާ، އީދުގެ އުފާ ފާޅުކުރާއިރު، އެއީ ﷲ އަށް ކިޔަމަންތެރިވުމުގެ ތެރެއިން ކުރެވޭ ކަމަކަށް ހަދަންޖެހެއެވެ. ފާޙިޝް އަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ކަންކަމުން ދުރުހެލިވެ، މުޖުތަމައުގައި ހެޔޮކަން ފެތުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. ޖާހިލުކަމުގެ މަގު ދޫކޮށް، އީދުގެ ހަގީގީ އުފަލަކީ ﷲ ގެ ރުހުން ލިބޭނެ ފަދަ ގޮތަކަށް ދުވަސް ހޭދަކުރުންކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. އީދަކީ އަޅުކަމެކެވެ. އެއީ ފާފަކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫނެވެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

