އައްޑޫމީދޫގައި އޮންނަ "މަތިކިޅި އީކޯ ގާޑަން" އަކީ އެ ރަށުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. މި ތަނުގެ ބުރިޖް ވޯކްވޭގެ ބައެއް ހަލާކުވުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ވަގުތީ ގޮތުން އެ ބައި މަރާމާތުކޮށް މިއަދު މި ވަނީ އަލުން ހުޅުވާފައެވެ.
މަތިކިޅި އީކޯ ގާޑަންގެ ވޯކްވޭ އަލުން ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މީދޫ ކައުންސިލްގެ ރައީސް ޝާޓިރުއާއި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ ރައީސާ ނައުމާއެވެ. މި ރަސްމިއްޔާތުގައި މީދޫ ކައުންސިލްގެ މެންބަރުންނާއި، އތމ ކޮމިޓީގެ މެންބަރުން ބައިވެރިވިއެވެ.
މިފަދަ މަޝްރޫއުތަކުގައި ކައުންސިލާއި ކަމާބެހޭ މުއައްސަސާތަކުގެ ބައިވެރިވުން ލިބުމަކީ މިފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
މިއަދު މިތަން ވަގުތީ ގޮތުން މަރާމާތުކޮށް ނުރަސްމީކޮށް ހުޅުވިކަމުގައިވިޔަސް މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެންމެ ބޮޑު އެއް މައްސަލައަކީ މިތަނަށް ދިއުމަށް އޮންނަ ސަރަހައްދެވެ. އެހެންކަމުން، މިތަނަށް ދާން އޮންނަ ވޯކްވޭ ރަސްމީކޮށް "ހެރަސްމަގުން" ގުޅާލުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
މީގެ އިތުރުން، މި ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އުޅަނދުފަހަރު ޕާކުކުރާނެ ވަކި ހާއްސަ ސަރަހައްދެއް މިހާރު މިތަނަށް ވަންނަން އޮންނަ މަގުގެ ސަރަހައްދުގައި ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތިތަކާ ދިމާވެއެވެ.
ވީމާ، މަތިކިޅި އީކޯ ގާޑަންއަކީ ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މިތަނަށް ދިއުމަށް ފަސޭހަ މަގެއް ހެދުމާއި، އުޅަނދުފަހަރު ޕާކުކުރާނެ ސަރަހައްދެއް ގާއިމުކުރުމަށް މީދޫ ކައުންސިލުން އިސްކަންދެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ބަދަލުތަކާއެކު، މި ތަނަކީ ރަށުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

