ކަނޑުގެ އިންތިހާ ފުންމިނާއި، އެތަނުގެ ކަނު އަނދިރިކަމަކީ އިންސާނާގެ ހިތްތަކަށް ބިރުވެރިކަން ގެނުވާ ކަމެކެވެ. ނަމަވެސް، އިޓަލީގެ ތަޖުރިބާކާރު ޑައިވަރުންތަކެއް ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ދިޔައީ އެމީހުންގެ ކިބައިގައި ހުރި މޮޅު ހުނަރާއި، ޒަމާނީ ވަސީލަތްތަކަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. އެހެނަސް، އެ ދަތުރު ވެގެންދިޔައީ އެމީހުންގެ މަރުގެ ދަތުރަށެވެ.
މި ހާދިސާއިން އަޅުގަނޑުމެންނަށް އިބުރަތްތެރި ފިލާވަޅުތަކެއް ލިއްބައިދެއެވެ. އިންސާނާ ކިތަންމެ މަތީ އިލްމެއް ހާސިލުކޮށް، ކިތަންމެ މޮޅު ހުނަރެއް ދަސްކުރި ކަމުގައި ވީނަމަވެސް، މަރުގެ ވަގުތު ޖެހުމުން އެކަމުން ސަލާމަތްވުމުގެ ބުއްދިއެއް ނުވަތަ ޚިޔާލެއް އިންސާނާގެ ކިބައިގައި ނުވާކަން މި ހާދިސާއިން ހާމަވެއެވެ. މަރުން ދުރަށް ދެވޭނެ އެއްވެސް އާރެއް ނުވަތަ ބާރެއް އިންސާނާއަކަށް ލިބިގެނެއް ނުވެއެވެ.
ދުނިޔޭގެ ހުޅަނގު ބިތުގައި، އަގުބޮޑު ގަނޑުވަރުތަކާއި މުދަލާއި ތަނަވަސްކަމުގައި ދިރިއުޅުނު މި މީހުން، އެ ހުރިހާ ނިޢުމަތްތަކެއް ދޫކޮށް ދުނިޔޭގެ އިރުމަތީ ބިތަށް ދަތުރުކުރީ ހިތްހަމަޖެހުމާއި އުފާ ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް، އެމީހުންނަށް ނޭނގި ނަމަވެސް އެ ކުރެވުނު ދަތުރަކީ އެމީހުންގެ މަރުގެ އަނދަވަޅަށް އެރެން ކުރެވުނު ދަތުރެކެވެ. އަނދިރިކަމާއި ނާމާންކަމުން ފުރިގެންވާ ކަނޑުގެ އެންމެ ފުނަށް ފީނަމުން އެ ދިޔައީ، އެ ނާމާން ހޮހޮޅައިގެ ތެރޭގައި އެބައިމީހުންގެ ކައްވަޅު ހުރިކަން އެނގިގެންނެއް ނޫނެވެ.
ﷲ ތަޢާލާ އިންސާނާއަށްޓަކައި މުޅި ދުނިޔޭގައި ލައްވާފައިވާ އެތައް ހާސް ކިލޯގެ އޮކްސިޖަން ދޫކޮށްލާފައި، ކުޑަ ފުޅިއަކަށް އަޅާފައިވާ އޮކްސިޖަންކޮޅެއް ހިފައިގެން އެމީހުން ކަނޑުގެ ފުނަށް ފޭބިއެވެ. އެކަމަކު، އެއީ އެމީހުންގެ އެންމެ ފަހުގެ ނޭވާކޮޅު ކަމުގައި ލިޔެވިފައިވާކަން އެމީހުންނަށް ރޭކާވެސް ނުލައެވެ. އިންސާނާ މި ދުނިޔެއަށް އުފަންވާއިރު، އެމީހެއްގެ މަރުގެ ވަގުތާއި، މަރުވާނެ ތަނާއި، ދިރިއުޅުމުގެ ހުރިހާ ކަމެއް ވަނީ ލިޔެވި ހުސްވެފައެވެ. ﷲ ތަޢާލާ މެނުވީ އެކަން ބަދަލުކުރުމުގެ އެއްވެސް ބާރެއް އެއްވެސް މަޚްލޫޤަކަށް ލިބިގެން ނުވެއެވެ.
މި ހިތާމަވެރި ހާދިސާ އަކީ ކޮންމެ ނަފުސެއްމެ މަރުގެ ރަހަ ދެކޭނެކަމުގެ ދިރިހުރި މިސާލެކެވެ. އިންސާނާގެ ބާރުވެރިކަމާއި މުއްސަނދިކަން މަރުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވެއެވެ. ކޮންމެ މީހަކުވެސް ކަނޑައެޅިފައިވާ ވަގުތު ޖެހުމުން މި ދުނިޔެއާ ވަކިވާން ޖެހޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

