މުސްލިމް އުންމަތަށް ބަރަކާތުން ފުރިގެންވާ އަޟްޙާޢީދު ބައްދަލުކުރަނީ މާތްވެގެންވާ ޙައްޖު މަހުގެ ތެރޭގައެވެ. ﷲ ތަޢާލާ ހުރުމަތްތެރި ކުރެއްވި ހަތަރު މަހުގެ ތެރެއިން އެންމެ މާތްކުރެއްވި އެއް މައްސަރަކީ ޙައްޖު މަހެވެ. އަދި މި ދުނިޔެއަށް އިރުއަރައިގެން އަންނަ އެންމެ މާތް ދިހަ ދުވަހުގެ ގޮތުގައި އެކަލާނގެ ލައްވާފައިވަނީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިއީ އަޅުކަމާއި، ޒިކުރުކުރުމާއި، ތަޤުވާވެރިކަން އިތުރުކުރުމުގެ މަތިވެރި ދުވަސްތަކެކެވެ.
ނަމަވެސް، ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން މި ބަރަކާތްތެރި ދުވަސްތައް ފާހަގަ ކުރަމުންދާ ގޮތެވެ.
އީދަށް ތައްޔާރުވުމުގެ ނަމުގައި، ﷲ ހަރާމްކުރެއްވި ކަންކަމަށް ވަގުތާއި މުދާ ހޭދަކުރަމުންދާ ތަން ފެނެއެވެ. ލަވަޔާއި މިއުޒިކް ކުޅުމާއި، ނެށުމުގެ ޕްރެކްޓިސްތައް ކުރުމާއި، މުނިފޫހިފިލުވުމުގެ ޝޯތައް ބޭއްވުމަށް ބޮޑެތި ބަޖެޓްތައް ހޯދައި ސްޕޮންސަރުން ހޯދުމަކީ މިއަދު އީދު ތައްޔާރީގެ މައިގަނޑު އަސާސަށް ވަނީ ވެފައެވެ. ބައެއް ވިޔަފާރިތަކުންވެސް މިފަދަ ކަންކަން އިންތިޒާމުކޮށް ފޯރިގަދަކުރުމަށް ބޮޑެތި ޚަރަދުތައް ކުރަމުންދެއެވެ.
އަޅުގަނޑުމެން މި ދައްކަނީ މުސްލިމުންގެ ބަރަކާތްތެރި އަޟްޙާޢީދުގެ ވާހަކައެވެ. އެތައް މިލިއަން މުސްލިމުންނެއް ﷲ ގެ ކިބަޔަށް ކުއްތަންވުމަށްޓަކައި އަރަފާތު ބިމުގައި ކަރުނައަޅައި ދުޢާކުރަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދަނޑިބުރި ހިފައިގެން ބޮޑުބެރު ޖަހައި މަޖާކުރުމުގައި މަސްއޫލުވެ އުޅުމަކީ ބުއްދިވެރި ގޮތެއް ހެއްޔެވެ؟ މިއީ ހަމަކަށަވަރުންވެސް ޝައިޠާނާ ބޭނުންވާ ގޮތެވެ. ﷲ ހުރުމަތްތެރި ކުރެއްވި މައްސަރެއްގެ ހުރުމަތް އަޅުގަނޑުމެން ލައްވައި ކަނޑުވައި، ފާފަތަކަށް އަހުލުވެރިކުރުވުމަކީ ޝައިޠާނާގެ ރޭވުމެކެވެ.
ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ "لَا تَتَّخِذُوا خُطُوَاتِ الشَّيْطَانِ" މާނައީ: (ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވާށޭ) އަންގަވާފައެވެ. ވީމާ، އަޅުގަނޑުމެން އެސޮރުގެ މަޅީގައި ނުޖެހި، ހެޔޮ ބުއްދީގެ ބޭނުންކޮށް ހޭލުންތެރިވާން އެބަޖެހެއެވެ.
މިހާރުވެސް ގިނަ ކައުންސިލް ތަކާއި އެހެނިހެން ފަރާތްތަކުން ރޭވުންތަކެއް ރޭވެމުންދަނީ މި ބަރަކާތްތެރި ދުވަސްތަކުގެ ހުރުމަތް ކަނޑައި، ﷲ އަށް އުރެދުމުގެ ތެރޭގައި އީދު ފާހަގަކުރުމަށެވެ.
މި ވާހަކަ ދެއްކުމުން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހިދާނެއެވެ. ނަމަވެސް، މި ހަގީގަތް ގަބޫލުކޮށް، އަމިއްލަ ނަފްސު އިސްލާހުކޮށް، ﷲ ރުހިވޮޑިގަންނަވާ މަގުން އީދު ފާހަގަކުރާ މީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް އޮތީ އުފާވެރިކަމެވެ. އީދަކީ ﷲ އަށް ޝުކުރުވެރިވުމާއި، އާއިލީ ގުޅުން ބަދަހިކުރުމާއި، ހެޔޮ އަމަލުތައް ގިނަކުރަންޖެހޭ ދުވަހެކެވެ. ވީމާ، ޝައިޠާނާގެ މަޅިތަކުން ސަލާމަތްވެ، އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން އީދު ފާހަގަކުރުމަށް އެންމެހާ މުސްލިމުން ކުރަން ޖެހޭ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

