"މަސްޖިދު ލީގު" ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގެ ޓީމާއި މާމިސްކިތްޓީމް ހޮވިއްޖެވެ.
މަސްޖިދުލް އިބްރާހިމް މަޖުދުއްދީން މިމުބާރާތުގެ ފައިނަލަށް ހޮވުނީ އެންމެ ގިނަޕޮއިންޓް ލިބުނު ޓީމުގެ ގޮތުގައެވެ. މާމިސްކިތް ޓީމް ފައިނަލަށް ހޮވުނީ ޕޮއިންޓް ސިސްޓަމަށް ކުޅެވުނު މެޗްތަކުން 2 ވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބިގެންނެވެ.
މިމުބާރާތުގައި ޕޮއިންޓް ސިސްޓަމަށް ކުޅެވުނު އެންމެ ފަހު މެޗްގައި ހުކުރު ދުވަހު ހަވީރު ބައްދަލުކުރިީ މަސްޖިދުލް ހުސެންއަލީގެ ޓީމާ މަސްޖިދު އިބްރާހިމް މަޖުދުއްދީންގެ ޓީމެވެ.
މިމެޗުން އިބްރާހިމް މަޖުދުއްދީން ބަލިކޮށް ޕޮއިންޓް ޓޭބަލްގެ ދެވަނަ ހޯދައިގެން މަސްޖިދުއް ހުސެން އަލީއަށް ފައިނަލަށް ދެވެން އޮތެވެ. އެހެން ނަމަވެސް މިމެޗުން މަސްޖިދުއް ހުސެން އަލީ ވަނީ 5 ލަނޑު 1 ލަނޑުގެ ބޮޑުތަފާތަކުން ބަލިވެފައެވެ.
މި މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝެއިޚް މުހައްމަދު ޠައްޔިބު ވިދާޅުވީ، މި މަސްޖިދު ލީގުގެ މައިގަނޑު ބޭނުމަކީ ކުދިން އެންމެ ޝައުގުވެރިވާ ކުޅިވަރުގެ ވަސީލަތް ބޭނުންކޮށްގެން، ފުޓުބޯޅައިގެ ތެރެއިން ދީނީ ކަންކަމަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުން ކަމަށެވެ.
ޝެއިޚް ޠައްޔިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "މަސްޖިދު ލީގު" ގެ ހަރަކާތްތައް ބައްޓަންކުރެވިފައިވަނީ ހަމައެކަނި ކުޅިވަރަކަށް ނޫނެވެ. މި ލީގުގައި ބައިވެރިވާ ކޮންމެ ކުއްޖަކީވެސް ފަސް ވަގުތު ނަމާދުކުރާ ކުއްޖަކަށްވުމަކީ މުބާރާތުގައި ބައިވެރިވުމުގެ އަސާސީ ޝަރުޠެކެވެ. މީގެ އިތުރުން، ކުދިންގެ އަޚްލާގީ މިންގަނޑު ހަރުދަނާކުރުމަށްޓަކައި ކޮންމެ ހަފުތާއަކު އެއްދުވަހު މިސްކިތުގައި ހާއްސަ ދީނީ ކްލާސްތަކެއްވެސް ކުރިއަށްދާކަމަށް ޝެއިޚް ވިދާޅުވިއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ސ. މީދޫ އަވަށު އޮފީހުގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝެއިޚް ވަނީ އެ އޮފީހަށް ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، މިސްކިތްތަކަށް އަހުލުވެރި ޖީލެއް ބިނާވުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނެ ތާރީޚެއް ވަރަށް އަވަހަށް ނިންމައި ޓީމުތަކަށް އަންގާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

