މަތީގައިވާ ފޮޓޯއާއި ތިރީގައި ވާ ފޮޓޯތަކުން ފެނިވަޑައި ގަންނަވަނީ އައްޑޫސިޓީ މީދޫގައި އިމާރާތް ކުރަމުންދާ 700 މީހުންގެ ޖާގައިގެ މިސްކިތް.
މިސްކިތް ބިނާ ކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ،17 ޖުލައި 2023 ވަނަ އަހަރު އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މި ރަސްމީއްޔާތުގައި މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ހުޅުދޫ ދައިރާގެ ކައުންސިލަރ ހުސެއިން ފައިޒުއް-ރަޙްމާން ބައިވެރިވަޑައިގެންނެވިއެވެ.
މިމިސްކިތް ބިންގާ އެޅުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ކަނޑައެޅިފައިވާ މުއްދަތައް މިސްކިތް ނިންމައިދޭން އެދިފައެވެ. އަދި އެ މިނިސްޓްރީން އިމާރާތްކުރުވާ މިސްކިތްތަކަކީ މުޅިން ތަފާތު ޑިޒައިންތަކަށް ބިނާ ކުރެވޭ މިިސްކިތްތަކެއް ކަން ޑރ. ޒާހިރު ފާހަގަ ކުރެއްވިއެވެ.
މީދޫގައި އިމާރާތް ކުރަމުންދާ މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި) ޚަރަދުކޮށްގެން އިމާރާތް ކުރެވޭ މިސްކިތެއްކަމަށް އޭރު އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ.
މިސްކިތް ބިނާ ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވަނީ ނޫރައްދީން އިންވެސްޓްމެންޓާއިއެެވެ. އަދި މިސްކިތް ނިންމުމަށް ދީފައިވަނީ މަސައްކަތްފަށާތާ އެއް އަހަރު މުއްދަތެވެ.
މިމިސްކިތް އިމާރާތް ކުރުމަށް ހަވާލް ކުރެވުނު ދުވަސްވަރު އާއްމުކޮށްފައިވާ ކުރެހުންތަކާއި މިހާރު އިމާރާތް ކުރަމުންދާ މިސްކިތާއި ވަރަށްބޮޑަށް ތަފާތުކަން ފާހަގަކުރެވެއެވެ.
އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރާ މި މިސްކިތުގެ އިތުރުން، ހުޅުދޫގައިވެސް ސަރުކާރުން ދަނީ މިސްކިތެއް އިމާރާތް ކުރަމުންނެވެ.







ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

