މަސްޖިދު ލީގު" އަކީ ސ. މީދޫގެ ކުޑަކުދިން މިސްކިތާއި ގުޅުވައި، ނަމާދަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޚާއްޞަ ޙަރަކާތެކެވެ. މި ޕްރޮގްރާމަކީ 2025 ވަނަ އަހަރު ސ. މީދޫ އަވަށު އޮފީހުން އިންތިޒާމްކުރި "ކުދިންގެ ނަމާދު ޕްރޮގްރާމް" އަށް ލިބުނު ބޮޑު ތަރުޙީބަށް ބިނާކޮށް، އެ ކުދިން މިސްކިތާއި ނަމާދާ އޮތް ގުޅުން ދެމެހެއްޓުމަށްޓަކައި ފެށުނު މަސައްކަތެކެވެ.
ގިނަ ފަހަރަށް ދީނީ ޕްރޮގްރާމްތައް ނިމުމަށްފަހު، ދެން އިތުރު ޙަރަކާތެއް ރޭވުމަށް ގިނަ ދުވަސްތަކެއް ހޭދަވެއެވެ. މީގެ ސަބަބުން ކުދިން މިސްކިތާ ދުރުވުމާއި، ދަސްވި ކަންކަން ހަނދާން ނެތުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން، މި ކުދިންނާއި މިސްކިތާ ދެމެދު އުފެދުނު ގުޅުން ކެނޑިގެން ނުދާނެ ގޮތަކަށް ކަންކަން ރޭވުމަށް ކުރެވުނު މަޝްވަރާގެ ތެރެއިން "މަސްޖިދު ލީގު" ގެ ޚިޔާލު އުފަންވިއެވެ. ކުދިން އެންމެ ޝައުޤުވެރިވާ ކުޅިވަރުގެ ވަސީލަތް ބޭނުންކޮށްގެން، ފުޓުބޯޅަ ލީގެއްގެ ތެރެއިން ދީނީ ކަންކަމަށް ބާރުއެޅުމަކީ މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކީވެސް ނަމާދުކުރާ ކުއްޖަކަށްވުމަކީ އަސާސީ ޝަރުޠެކެވެ. އަދި ކުދިންގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމަށްޓަކައި ހަފްތާއަކު އެއް ދުވަހު މިސްކިތުގައި ޚާއްޞަ ކްލާސްތަކެއް ކުރިއަށް ގެންދެވެއެވެ. މި ހުރިހާ ކަމެއްގައި ސ. މީދޫ އަވަށު އޮފީހުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދެއެވެ.
މި ޕްރޮގްރާމް ހިންގުމުގައި ޝެއިޚް ޠައްޔިބު ބައިވެރިވަނީ އެއްވެސް މުއައްސަސާއެއް ނުވަތަ ޖަމްޢިއްޔާއެއް ތަމްސީލުކުރާ މީހެއްގެ ގޮތުގައެއް ނޫނެވެ. މިއީ އެއްވެސް އުޖޫރައަކާ ނުލައި، އާންމު ފަރުދެއްގެ ހައިސިއްޔަތުން ކުރާ ދީނީ އަދި އިޖްތިމާޢީ މަސައްކަތެއްކަމަށް ޝެއިޚް ޠައްޔިބުވަނީ ވިދާޅުވެފައެވެ. މިކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެވެސް އުންމީދަކީ މާތް ﷲ ގެ ހަޟްރަތުން ލިބޭނެ ސަވާބާއި ދަރުމުގައިވެސް ޝެއިޚް ޠައްޔިބު ވިދާޅުވެފައެވެ.
ކުޅިވަރުގެ ފަންނީ ކަންކަން ފުރިހަމަކުރުމަށްޓަކައި، މި ދާއިރާގެ ތަޖުރިބާކާރުންނާއި ލައިސަންސް އޮތް ރެފްރީންގެ އެހީތެރިކަން ވަނީ ހޯދިފައެވެ. އެ ބޭފުޅުން ހިލޭސާބަހަށް މެޗުތައް އިންސާފުކޮށްދެއްވާއިރު، މިސްކިތުގެ މުވައްޒަފުންވެސް ޓީމުތަކުގެ އޮފިޝަލުންގެ ގޮތުގައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވައެވެ.
ޕްރޮގްރާމް ފެށިއިރު ބައިވެރިވި ބައެއް އޮފިޝަލުންނަށް ވަގުތު ދިނުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ބެލެނިވެރިންގެ ފަރާތުން ލިބުނު ޔަޤީންކަމަކީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. ކުރިއަށް ހުރި މެޗުތައް ބެލެނިވެރިންގެ އެއްބާރުލުމާއެކު މާ ފުރިހަމަކޮށް ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ.
މަސްޖިދު ލީގުގެ ޓީމުތައް އެކުލަވާލާފައިވަނީ ހަމަހަމަ އަދި ވާދަވެރިކޮށް ކުޅެވޭނެ ގޮތަށެވެ. ކުދިންގެ ކިޔެވުމަށާއި އެހެނިހެން ޙަރަކާތްތަކަށް ބުރޫނާރާނެހެން މެޗުތައް ރޭވުމަށް ވަނީ އިސްކަންދީފައެވެ. އެއްވެސް ސަބަބަކާ ހުރެ ކުއްޖަކަށް މެޗަށް ނާދެވޭނަމަ ނުވަތަ ޕްރޮގްރާމްގައި ކުރިއަށް ނުގެންދެވޭނަމަ، އެކަން ދުރާލާ އެންގުމަށް ބެލެނިވެރިންގެ ކިބައިން މިޕްރޮގްރާމް ހިންގަވާ ޝެއިޚް ޠައްޔިބު ވަނީ އެދިވަޑައިގެންފައެވެ.
" އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމްގެ ސަބަބުން މިސްކިތާއި ނަމާދަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު ކުދިންތަކެއް މުޖުތަމަޢަށް އުފަން"
ޝެއިޚް ޠައްޔިތު ވިދާޅުވިއެވެ.
"މަސްޖިދު ލީގު" ގައި ހިމެނޭ ދެޓީމެއްގެ ދެމެދުގައި ކުޅެވޭ މެޗެއް މިއަދު ހަވީރު 16:15 ގައި މީދޫ ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ.
ވީމާ މިމެޗްގެކުޅުން ބެއްލެވުމަށް ވީހާ ގިނަފަރާތްތަކަކުން ވަޑައިގެންދެއްވުމަކީ މިކަން އިންތިޒާމްކުރާ ފަރާތްތަކުގެ ވަރަށްބޮޑުއެދުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

