އޭޝިއަން ކަޕަށްފަހު އޮސްޓްރޭލިއާގައި މަޑުކުރި އީރާނުގެ ދެ ފުޓްބޯޅަ ކުޅުންތެރިން ބުނި ގޮތުގައި، އެ މީހުން ބޭނުންވަނީ "ރައްކާތެރިކަމާއެކު" އާ ދިރިއުޅުމެއް ބިނާކުރުމަށެވެ.
އީރާނުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ފާތިމަތު ޕަސަންދީދާ އާއި އާތިފާ ރަމަޟާނީޒާދާ، އޮސްޓްރޭލިއާ ސަރުކާރުން އެ މީހުންނަށް "ރައްކާތެރި މާހައުލެއް" ފޯރުކޮށްދިނުމުން އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި އާ ދިރިއުޅުމެއް ބިނާކުރުމަށްފަހު އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް އުންމީދުކުރާ ކަމަށްވެސް އެ ކުޅުންތެރިން ބުނެފައިވެއެވެ.

އިންސާނީ އެހީގެ ވިސާ ލިބުނު ފަހުން އާންމުކޮށް ދިން ފުރަތަމަ ބަޔާނުގައި އެ ކުޅުންތެރިން މިއަދު ބުނީ، އެ މީހުންނަށް ވެދެއްވި އޯގާތެރިކަމާއި ލިބުނު އެހީތެރިކަމުގެ ސަބަބުން، ރައްކާތެރިކަމާއެކު ދިރިއުޅެ، ކުޅިވަރުގެ މުބާރާތްތަކުގައި ވާދަކުރެވޭނެ މުސްތަގުބަލަކަށް އުންމީދު އާވެފައިވާ ކަމަށެވެ.
"އޮސްޓްރޭލިއާ ސަރުކާރަށާއި، ހާއްސަކޮށް ދާހިލީ ވަޒީރު ޓޯނީ ބާކްއަށް، މި ރީތި ގައުމުން އަޅުގަނޑުމެންނަށް އިންސާނީ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދެއްވީތީ ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،"
އެ ކުޅުންތެރިން ބުންޏެވެ.
އޭޝިއަން ކަޕްގެ މެޗުތަކަށް އީރާނު ޓީމު އޮސްޓްރޭލިއާއަށް ދިޔަ ދުވަސްވަރު، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، އޮސްޓްރޭލިއާއިން ފުރަތަމަ ހަ ކުޅުންތެރިއަކަށާއި އެހީތެރިއަކަށް އިންސާނީ އެހީގެ ވިސާ ދިނެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ފަހުން ނިންމީ އެނބުރި ގައުމަށް ދިއުމަށެވެ. އެހެންކަމުން އޮސްޓްރޭލިއާގައި މަޑުކުރީ ހަމައެކަނި ޕަސަންދީދާ އާއި ރަމަޟާނީޒާދާ އެވެ.
މި ދެ ކުޅުންތެރިން މިދިޔަ މަހުން ފެށިގެން އޮސްޓްރޭލިއާގެ އޭ-ލީގު ވިމެންސް ޓީމެއް ކަމަށްވާ ބްރިސްބޭން ރޯއާއާއެކު ފަރިތަކުރުންތައް ވަނީ ފަށާފައެވެ.
"މިވަގުތު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ އަޅުގަނޑުމެންގެ ރައްކާތެރިކަމަށާއި، ސިއްހަތަށާއި، އަދި އަލުން ދިރިއުޅުން ބިނާކުރުމުގެ މަސައްކަތް ފެށުމަށް،"
އެ ކުޅުންތެރިން ބުންޏެވެ.
"އަޅުގަނޑުމެންނަކީ އެތުލީޓުން، އެހެންކަމުން އޮސްޓްރޭލިއާގައި އަޅުގަނޑުމެންގެ ކުޅިވަރުގެ ކެރިއަރު ކުރިއަށް ގެންދިއުމަކީ ދެކޭ ހުވަފެނެއް،" އެދެކުޅުންތެރީން ބުނެފައިވެއެވެ.
އީރާނުގެ މި ކުޅުންތެރިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުނީ، އޭޝިއަން ކަޕްގެ މެޗެއްގެ ކުރިން ގައުމީ ސަލާމް ކިޔުމަށް ބައެއް ކުޅުންތެރިން ދެކޮޅު ހެދުމާ ގުޅިގެން، އީރާނުގެ ދައުލަތުގެ މީޑިއާއިން އެ މީހުންނަކީ "ހަނގުރާމައިގެ ހާއިނުން"ގެ ގޮތުގައި ސިފަކުރުމުންނެވެ.
ޓީމުގެ ބާކީ ތިބި ކުޅުންތެރިން އެނބުރި އީރާނަށް ގޮސްފައިވަނީ މިދިޔަ މަހު ތުރުކީގެ ބޯޑަރު ހުރަސްކޮށް، ދަތި އުނދަގޫ ދަތުރަކަށް ފަހުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

