ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓި މެޗުގައި ގަވާއިދުތަކާ ހިލާފަށް ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ، އެ ކްލަބުން ޔޫއެފާ އަށް އަލުން މައްސަލަ ހުށަހަޅައިފިއެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން ވަނީ މީގެ ކުރިން ބާސެލޯނާ އިން ހުށަހެޅި މައްސަލައެއް ބޭރުކޮށްލާފައެވެ. އެއީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ހިނގި ހޭންޑްބޯޅަ ހާދިސާއަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

މި ހަފުތާގައި ކުރިން ހުށަހެޅި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، ބާސެލޯނާ އިން މިހާރު ވަނީ އިތުރު ޝަކުވާތަކަކާއެކު އަލުން މައްސަލަ ހުށަހަޅާފައެވެ. އެގްރިގޭޓުން 3-2 އިން އެތުލެޓިކޯ މޮޅުވި މި ކުރިމަތިލުމުގައި ރެފްރީން ނިންމި ބައެއް ނިންމުންތަކަކީ ފުޓްބޯޅައިގެ ގަވާއިދުތަކާ ހިލާފު ނިންމުންތަކެއް ކަމަށް ބާސެލޯނާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ވީއޭއާރުގެ ނިޒާމުން ބަލަންޖެހޭ މުހިންމު ކަންތައްތަކެއްގައި އެކަށީގެންވާ ގޮތެއްގައި ރެފްރީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށްވެސް އެ ކްލަބުން ތުހުމަތުކުރެއެވެ.
ދެ މެޗުގައި ވެސް ބާސެލޯނާގެ ކުޅުންތެރިން ކަމަށްވާ ޕާއު ކުބާސީ އާއި އެރިކް ގާސިއާ އަށް ރަތް ކާޑު ދެއްކުމުން، އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. ބާސެލޯނާ އިން ގަބޫލުކުރާ ގޮތުގައި ޕެނަލްޓީ ލިބެންޖެހޭ ދެ ހާދިސާއެއްގައި ވީއޭއާރުގެ އެހީތެރިކަން ހޯދާފައި ނުވުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ބޭއިންސާފެކެވެ.
ސްޕެއިންގެ ޗެމްޕިއަން ކްލަބުން އިތުރަށް ބުނެފައިވަނީ، ރެފްރީންނަށް ހެދުނު މި ގޯސްތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް ސީދާ އަސަރުކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ކްލަބަށް ކުޅިވަރުގެ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އަދި ކުރިން ޔޫއެފާ އަށް ހުށަހެޅި ކަންތައްތަކަށް އަލުން ރިއާޔަތްކުރުމަށް އެދި، ރެފްރީންގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އިންސާފުވެރި އަދި ދެފުށް ފެންނަ ގޮތަކަށް ގަވާއިދުތައް ތަންފީޒުކުރުމަށް ޔޫއެފާއާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށްވެސް ބާސެލޯނާ އިން ބުނެފައިވެއެވެ.
މިދިޔަ އަންގާރަ ދުވަހު ޔޫއެފާ އިން ބޭރުކޮށްލީ، ފުރަތަމަ ލެގުގެ މެޗުގައި އެތުލެޓިކޯގެ ޑިފެންޑަރު މާކް ޕުބިލް ގޯލް ކިކެއް ޖަހަން އުޅުމުގެ ތެރޭގައި އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ. އެ މެޗުން އެތުލެޓިކޯ މޮޅުވީ 2-0 އިންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

