ޔޫއެފްއޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގާ ބާސެލޯނާ ކުރިމަތިލާއިރު، މިއީ އެ ޓީމަށް އުނދަގޫ ހާލަތެކެވެ. ފުރަތަމަ ލެގުން ބަލިވެފައި އޮތުމުން، މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމަށް އޮތީ ބޮޑު ގޮންޖެހުމެކެވެ.
މިދިޔަ ހަފުތާގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 90 މިނެޓަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑަށް ވުރެ ބާސެލޯނާގެ ކުޅުން ރަނގަޅެވެ. ނަމަވެސް، ބާސާގެ ޕާއޫ ކުބާސީއަށް ދެއްކި ރަތް ކާޑާއެކު އެތުލެޓިކޯއަށް ލިބުނު ފުރުސަތުގެ ބޭނުންހިފާ، އެ ޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.
މި ނަތީޖާ އަނބުރާލުމަށްޓަކައި ބާސެލޯނާއަށް މަދުވެގެން ތިން ގޯލު ބޭނުންވެއެވެ. އަދި ހަމައެއާއެކު، ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ. ކޮޕާ ޑެލް ރޭ އިން ބާސެލޯނާ ކަޓުވާލި އެތުލެޓިކޯއާ ދެކޮޅަށް މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
އެހެންނަމަވެސް، ބާސެލޯނާގެ ޑްރެސިން ރޫމާއި ސަޕޯޓަރުންގެ މެދުގައި އަދިވެސް އުއްމީދު އެބައޮތެވެ. މިރޭގެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، މިއީ ބަލާލަން ފޯރިގަދަ ކުރިމަތިލުމަކަށް ވާނެއެވެ.
ދެ ގޯލުގެ ފަރަގަކާއެކު އެތުލެޓިކޯގެ ދަނޑަށް ނިކުމެ ކުޅުމަކީ އުދަގޫކަމަމަށް ވެދާނެއެވެ. މި ސީޒަނުގައި ބާސެލޯނާ އިން ވަނީ ތިން ފަހަރު އެތުލެޓިކޯ ބަލިކޮށްފައެވެ. އަދި މިދެ ޓީމު ބައްދަލުކުރި މެޗްތަކުގައި ގިނަ ވަގުތު މޮޅަށް ކުޅެފައިވަނީ ވެސް ބާސެލޯނާއެވެ.
ދެ ގޯލުގެ ލީޑަކީ ބޮޑު ލީޑެއް ނަމަވެސް، ބާސެލޯނާ ކަހަލަ ވަރުގަދަ އެޓޭކިންގް ފޯސްއެއް އޮތް ޓީމަކާ ދެކޮޅަށް އެއީ ފުދޭވަރުގެ ނަތީޖާއެއް ނޫންކަމަށް ކުޅިވަރު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެއެވެ. ކުޅިވަރު ދިރާސާ ކުރާފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި މެޗުގެ އޮއިވަރު ބިނާވެފައި އޮންނާނީ އެތުލެޓިކޯ އިން މެޗަށް ކުރިމަތިލާ ގޮތެއްގެ މައްޗަށެވެ. ކޯޗު ޑިއޭގޯ ސިމިއޯނީ މިހާރުވެސް ވަނީ އޭނާގެ ރޭވުންތެރިކަން ހުރި ގޮތުގެ އިޝާރާތެއް ދީފައެވެ.
އެތުލެޓިކޯ އިން ލީޑު ދިފާއުކުރަން ފަހަތަށް ޖެހިއްޖެނަމަ، ބާސެލޯނާގެ ހަމަލާތައް ވަރުގަދަވެ، ގޯލެއް ފެނުމުގެ ފުރުސަތު ބޮޑުވާނެއެވެ. އަދި އެތުލެޓިކޯ އިން ކުރިއަށް އަރާ މެޗު ކުޅެފިނަމަ، ބާސެލޯނާއަށް ފަހަތުން ޖާގަ ލިބިގެންދާނެއެވެ. ކޮންމެ ހާލަތެއްގައި ވެސް ދެޓީމަށްވެސް މެޗުގެ އުއްމީދު އަދި އެބައޮތެވެ.
ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާއަކީ ގިނަ ފުރުސަތުތަކެއް އުފައްދާ ޓީމެކެވެ. ނަމަވެސް މި ސީޒަނުގައި އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ގޯލަކަށް ބަދަލުކުރުމުގައި ހުރި ނާކާމިޔާބީއެވެ. ޗެމްޕިއަންސް ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު ދެ ލެގުގެ ތަފާތުން ވެސް މިކަން ވަރަށް ރަނގަޅަށް އެނގިގެންދިޔައެވެ.
ފްލިކްގެ ޓީމަށް މިރޭގެ މެޗަށް ކުޅުންތެރިން ނެގުމުގައި ބޮޑު ނިންމުންތަކެއް ނިންމަން ޖެހޭނެއެވެ. ފެރާން ޓޮރޭޒް ނުވަތަ ރޮބާޓް ލެވަންޑޯސްކީގެ ތެރެއިން އިސްކަންދޭނެ ކުޅުންތެރިއަކު ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މާކަސް ރަޝްފޯޑް ނުވަތަ ޖޮއާއޯ ކަންސޭލޯގެ ބޭނުން ހިފާނެ ގޮތަކުން މެޗުގެ ބައްޓަމަށް ބޮޑު ބަދަލެއް އަންނާނެއެވެ. ފާމިން ލޮޕޭޒް ނުވަތަ ޑެނީ އޮލްމޯގެ ތެރެއިން ފަށާނެ ކުޅުންތެރިއަކާ މެދު ވެސް ސުވާލު އުފެދެއެވެ.
ބާސެލޯނާގެ މިޑްފީލްޑަށް މި ދުވަސްވަރު ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ޕެޑްރީ އަނިޔާއިން ސަލާމަތްވީތަނާ ފްރެންކީ ޑި ޔޮންގަށް އަނިޔާވިއެވެ. އަދި އޭނާ އެނބުރި އަންނަން ކައިރިވެފައި ވަނިކޮށް މާކް ބާނަލްއަށް ވެސް ވަނީ އަނިޔާވެފައެވެ.
މިރޭގެ މެޗުގައި މިޑްފީލްޑުން ޔަގީނުން ވެސް ފެންނާނީ ޕެޑްރީއެވެ. ނަމަވެސް އޭނާއާއެކު ދެން ކުޅޭނީ ކާކުކަން ނިންމުމަކީ ކޯޗަށް އޮތް ބޮޑު އިމްތިހާނެކެވެ. ޑި ޔޮންގަކީ އެންމެ އެކަށީގެންވާ ކުޅުންތެރިޔާ ކަމަށް ވިޔަސް، އޭނާ މިފަދަ ވަރުގަދަ މެޗަކަށް ފިޓުތޯ ސުވާލު އުފެދެއެވެ. ގަވީ ވެސް އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައިސްފައިވީ ނަމަވެސް، މިފަދަ މުހިންމު މެޗަކުން އޭނާ ފެއްޓުމަކީ ފްލިކް ޖެހިލުންވެދާނެ ކަމެކެވެ. މީގެ އިތުރުން އެރިކް ގާސިއާ ނުވަތަ ރޮނާލްޑް އަރައުހޯ ބޭނުންކޮށްގެން ވެސް ބަދަލެއް ގެނެވިދާނެއެވެ. މިޑްފީލްޑަށް ނަގާ ކުޅުންތެރިއަކުން، މުޅި މެޗު ކޮންޓްރޯލް ކުރުމުގެ ބާރު ބާސެލޯނާއަށް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

