މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަޙުމާނު (އައްދު)، މީދޫ ދާއިރާގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޚާއްސަ ބައްދަލުވުމެއް މީދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ މީދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން، ދާއިރާގެ މެންބަރަކު މިފަދަ ގޮތަކަށް އެ ރަށުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
ރޭ އަތޮޅުމަދަރުސާގައި ބޭއްވުނު މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްދު ވިދާޅުވީ، އޭނާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ ބައްދަލުވުންތަކެއް ބޭއްވި، އޭގެ ހެޔޮ ނަތީޖާ ފެންނާނެ ފަދަ މަސައްކަތްތަކެއް އެންމެންގެ ބައިވެރިވުމާއެކު ކުރެވިގެން ދިއުން ކަމަށެވެ. ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ދާއިރާގެ ތަރައްޤީއަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީދޫގައި ބޭއްވުނު މި ބައްދަލުވުމުގައި، އެ ދާއިރާގެ ކައުންސިލަށް އަލަށް އިންތިޚާބުވި ބޭފުޅުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް އިންތިޚާބުވި މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގެ ތެރެއިން، ހާޒިރުވި ޒުވާނުންނަށް ވަނީ މެންބަރާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޒުވާނުން ހުށަހެޅި އެކި ސުވާލުތަކަށާއި، ދާއިރާގެ ތަރައްޤީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް އައްދު ވަނީ ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.
މި ބައްދަލުވުމަކީ ޒުވާނުންނާއި މެންބަރާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ރަށުގެ ކުރިއެރުމަށް ޒުވާނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިވެގެންދިޔަ މުހިންމު ފެށުމެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

