ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުން 2-0 އިން ބާސެލޯނާ ބަލިވި މެޗުގައި، އެ ޓީމަށް ޕެނަލްޓީއެއް ދޭންޖެހޭ ކަމަށާއި މާކް ޕުބިލްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަން ޖެހޭނެ ކަމަށް ބުނެ ހަންސީ ފްލިކް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ސްޕޮޓިފައި ކޭމްޕް ނޯގައި ކުޅުނު މި މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އަދި އެލެގްޒެންޑާ ސޯލޮތްއެވެ. މި މެޗުގައި ބާސެލޯނާގެ ޕާއު ކުބާސީއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، އަންނަ އަންގާރަ ދުވަހު މެޑްރިޑްގައި ކުޅޭ ދެވަނަ ލެގަށް ކުރިމަތިލާއިރު އެތުލެޓިކޯ ލިބިފައިވާ އެޑްވާންޓޭޖް ވަނީ ބޮޑުވެފައެވެ.

ރޭ ކުޅެވުނު މިމެޗްގައި ކޯޗު ފްލިކް އެންމެ ބޮޑަށް ކޯފާވީ މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއަށް ޕެނަލްޓީއެއް ނުދިނުމުންނެވެ. އެ ހާދިސާ ހިނގީ އެތުލެޓިކޯގެ ކީޕަރު ހުއާން މުސޯ ގޯލް ކިކެއް ޖެހި ކަމަށް ބެލެވުނު ވަގުތު، އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ޕުބިލް އަތުން ބޯޅަ ހުއްޓުވުމުންނެވެ. އޭރު ޕުބިލް އޮތީ ކުރިން ރީނދޫ ކާޑެއް ހޯދާފައެވެ.
"ގޯލްކީޕަރު ކުޅުން ފަށައި، ޑިފެންޑަރު އަތުން ބޯޅަ ހުއްޓުވާފައި އަލުން ކުޅުން ކުރިއަށްގެންދިޔަ ހާލަތުގައި ވީގޮތެއް އަހަންނަކަށް ނޭނގޭ،"
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކް ބުނި.
"އަހަރެން ދެކޭގޮތުގައި އެއީ ސާފު ރަތް ކާޑެއް، ނުވަތަ ދެވަނަ ރީނދޫ ކާޑަކާއެކު ދޭންޖެހޭ ޕެނަލްޓީއެއް. ވީއޭއާރުން އެކަން ބަލައިނުގަތް ސަބަބު އެ ފަރާތަށް ބުނެދެވިދާނެ. އެއީ ރަތް ކާޑެއް ނޫން ކަމަށް ގަބޫލުކުރަން ދަތި. އެކަމުގެ އެކަންތައް ރެފްރީ ނިންމާފައިވާ ވަނީ ބޭ އިންސާފްކޮށް ކަމަށް އިހުސާސް ކުރެވޭ. ނަމަވެސް، އަހަރެމެން މި ނަތީޖާ ގަބޫލުކޮށް، އަންނަ އަންގާރަ ދުވަހު މެޗުން މޮޅުވުމަށް މަސައްކަތް ކުރާނަން."
ފްލިކް ބުނި.
މި މެޗުގައި ކުބާސީއަށް ރަތް ކާޑު ދެއްކީވެސް ވީއޭއާރުގެ އެހީގައެވެ. އެންމެ ފަހު ޑިފެންޑަރެއްގެ ގޮތުގައި ހުރެ ޖިއުލިއާނޯ ސިމިއޯނީއަށް ކުރި ފައުލަކަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް އެތުލެޓިކޯގެ ކުޅުން ތެރީންގެ ޝަކުވާތަކާއި ގުޅިގެން ވީއޭއާރުން ބެލުމަށްފަހު ރެފްރީ އެ ނިންމުން ރަތް ކާޑަކަށް ބަދަލުކުރިއެވެ.
މި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުން އަލްވަރޭޒް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާގެ ނުވަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސޯލޮތް، މެޗުގެ 70 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، 2006 ވަނަ އަހަރަށްފަހު ކޭމްޕް ނޯގައި އެތުލެޓިކޯއަށް ފުރަތަމަ މޮޅު ހޯދައިދިނެވެ.
"އެމީހުން ދެ ލަނޑު ޖެހި، އެ ޓީމުގެ ފޯވާޑުންނަކީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިން،"
ފްލިކްބުނި .
"އެމީހުން ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫންކަން އަހަރެމެންނަށް އެނގޭ. ފުރަތަމަ ލަނޑު ދިފާއުކުރުމުގައި އަހަރެމެން މިއަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ. އަހަރެމެންގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާއެކު އެތުލެޓިކޯއިން ލަނޑު ޖެހި. މިއަދު ވީއޭއާރު އޮތީ އެތުލެޓިކޯއަށް ވަރަށް ބޮޑަށް ބުރަވެފައި. އެއީ ޖަރުމަނު މީހެއް، އެހެންވީމާ ޖަރުމަނަށް ޝުކުރިއްޔާ."
ފްލިކްބުނި.
ކުބާސީއަށް ރަތް ކާޑު ދެއްކުމުގެ ކުރިންނާއި ފަހުންވެސް ބާސެލޯނާއަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އަނިޔާގެ ސަބަބުން ނުކުޅެވުނު ރަފީނިއާގެ ބަދަލުގައި ކުޅުނު މާކަސް ރަޝްފޯޑް ހަތް ހަމަލާއެއް އުފެއްދި ނަމަވެސް، އެތުލެޓިކޯގެ ކީޕަރު މުސޯ ވަނީ މޮޅު ހަތް ސޭވްކޮށް ބާސެލޯނާ ހުއްޓުވާފައެވެ.
މެޗުން ބަލިވި ނަމަވެސް، ދެވަނަ ލެގަށް ދާއިރު ސެމީ ފައިނަލަށް ދިއުމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް ފްލިކް ގަބޫލުކުރެއެވެ.
"ފުރަތަމަ ހާފުގައި އަދި އެކަކު މަދުކޮށް ކުޅުނު ދެވަނަ ހާފުގައިވެސް އަހަރެމެން ރަނގަޅަށް ކުޅުނިން. އެކަކު މަދުވުމުންވެސް ކުޅުންތެރިން މުޅި ހިތްވަރު ނެރުނު، އެކަމަކު މިއަދު ނަސީބު ދެރައީ. އަހަރެމެން ދެވަނަ ލެގުގައި މޮޅުވުމަށް މަސައްކަތް ކުރާނަން. މިއީ އަދި ނިމުމެއް ނޫން. ސެމީ ފައިނަލަށް ދިއުން ދުރުގައި އޮތް ކަމަށް ފެނުނަސް، އަދި ފުރުސަތު އެބައޮތް، އަދި އަހަރެމެން އެކަމަށް މަސައްކަތް ކުރާނަން،"
ފްލިކް ބުނި.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

