ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ފެންނަމުންދާ މަންޒަރުތަކަކީ ހަގީގަތުގައިވެސް ސުވާލު އުފެދޭ، އަދި އެހާމެ ހިތާމަވެރި މަންޒަރުތަކެކެވެ. އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް އަންނަ ކެންޑިޑޭޓުންގެ އަމަލުތަކާއި، އެ މީހުން ދައްކާ ވާހަކަތަކުން ހީވަނީ މުޅި ގައުމަކީ އެއް އާއިލާއެއްގެ ގޮތުގައެވެ. ނަމަވެސް، މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ކޮން މަގުސަދެއްތޯ ސުވާލުކޮށްލުމަކީ މިއަދު މަޖުބޫރު ކަމެކެވެ.
މިއަދުގެ ހާލަތަށް ބަލާއިރު، ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަން ހުރި މިންވަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. މިސާލަކަށް މީދަލެއް ނެރެފައި މިއަށް ވޯޓުލާށޭ ބުނެފިނަމަ، އެއްވެސް ފިކުރެއް ނެތި އެކަންވެސް ކޮށްފާނެ ރައްޔިތުންތަކެއް މިއަދު މި ގައުމުގައި ތިބިކަމީ ގަބޫލުކުރަންޖެހޭ ހިތި ހަގީގަތެކެވެ. މިއީ ވަކި މީހަކަށް ނުވަތަ ވަކި ކުލައަކަށް އޮންނަ އަދިވެރިކަމެއްގެ ސަބަބުން، ގައުމުގެ މުސްތަގުބަލަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރުމުގެ ނަތީޖާއެވެ.

މިއީ ތަރައްގީއާއި ތަހުޒީބޭ ކިޔޭނަމަ އެގޮތަށް ކިޔަންވީއެވެ. އިންތިޚާބު ކައިރިވުމުން، "ލޮބުވެތި ރައްޔިތުންނަށް" ޚިދުމަތް ކުރުމުގެ ނަމުގައި ކެންޑިޑޭޓުން ނުކުންނަނީ އާދަޔާ ޚިލާފު ޖޯޝެއްގައެވެ. ރައްޔިތުންގެ ބަދިގެތަކަށް ވަދެ ކައްކައިދީ، ގޭގޭގެ ގުލާނުކަން ކޮށްދިނުމަކީ މިހާރު އާންމު ކަމެކެވެ. ފައިމަގުގައި މުޅި ރަށުގައި ހިނގާ، އާންމު ނާލު ބައްތެލިތަކުގައި ދަތުރުކޮށް، ރައްޔިތުންނާ އެއްވަރުވެގެން އުޅޭކަން ދެއްކުމަށް މަސައްކަތް ކުރެއެވެ. މިފަދަ ދަނޑިވަޅުތަކުގައި، ކުލަ ބަދަލުވާ ބޯވާތަކެއް ފަދައިން، މަސްލަހަތަށް ބަލައި އަމަލުތައް ބަދަލުކުރާ މީހުން މަދެއް ނޫނެވެ.
މި ހުރިހާ ކަމެއް ކުރާއިރު، ދައްކާ ވާހަކައަކީ ހައްތާވެސް ރައްޔިތުންނަށް ހެޔޮއެދޭ ވާހަކައެވެ. ގައުމީ ޚިދުމަތުގައި ލޯލާރިއެއްގެ ބޭނުމުގައި މިކަމަށް ކުރިމަތިލީ ހަމަ އެންމެ މީހަކުވެސް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް، ހަގީގަތަކީ މިއީތޯއެވެ؟ އެއްވެސް އަމިއްލަ އެދުމެއް ނެތި، ހަމައެކަނި ގައުމަށްޓަކައި މިހާ ބޮޑު ހޭދައެއްކޮށް، މިފަދަ "ގުލާނުކަން" ކުރާނީ ކިތައް މީހުންތޯއެވެ؟
ނިންމާލަމުން ދަންނަވަން އޮތީ، ސިޔާސީ މީހުން ދައްކާ ކޮންމެ މަންޒަރަކީ ހަގީގަތެއް ނޫންކަން ރައްޔިތުން ދަންނަންޖެހެއެވެ. އިޚުލާޞްތެރިކަމާއި، އަމިއްލަ އެދުމުން އެއްކިބާވެފައިވާ ޚިދުމަތްތެރިން ގައުމަށް ބޭނުންވެއެވެ. ނަމަވެސް، މިއަދު ފެންނަ މަންޒަރުތަކުން ސުވާލު އުފެދެނީ، މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ހަމަ ހަގީގީ އިޚުލާޞްތެރިކަންތޯ ނުވަތަ އަމިއްލަ މަންފާތޯއެވެ؟ މިކަމާމެދު ފުންކޮށް ވިސްނާލުން މުހިންމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

