ނ. މާފަރު ކައުންސިލްގެ އިންތިހާބީ ރައީސް މުހައްމަދު އަބްދުލްޣަނީ (މޯޑު ޣަނީ)، އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އަދި އަގުހުރި ހަދިޔާއެއް ދެއްވުމަށް ނިންމަވައިފިއެވެ. މިގޮތުން އޭނާގެ ފަސް އަހަރުގެ ދައުރުގައި، ކޮންމެ އަހަރަކު ރަށުގެ ރައްޔިތުންގެ ތެރެއިން ހޮވާލެވޭ އެކަކަށް އުމްރާ ދަތުރެއް ދެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
މި އުފާވެރި ޚަބަރު މޯޑު ޣަނީ ހާމަކުރެއްވީ، މިމަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ރަށުގެ ރައްޔިތުންނަށް ބޭއްވި ހާއްސަ ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ޣަނީ ވިދާޅުވީ، މިއީ މާފަރުގެ ރައްޔިތުން އޭނާއަށް ދެއްވި އިތުބާރާއި ލޯތްބަށްޓަކައި ދެއްވާ ހަދިޔާއެއް ކަމަށެވެ.
މި ހަދިޔާ ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމްދީނުގެ މާތް އަޅުކަންތަކަށް އޮތް ލޯބި އިތުރުކޮށް އާލާކުރުން ކަމަށް ޣަނީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ ތެރެއިން އެކަކަށް މި ފުރުސަތު ދެވިގެންދާނެއެވެ.
މާފަރު ކައުންސިލްގެ ރައީސްގެ ގޮނޑި މޯޑު ޣަނީ ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މޯޑު ޣަނީއަށް 363 ވޯޓު ލިބިވަޑައިގަތްއިރު، އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްސަލާމް އަބްދުއްރަހްމާނަށް ލިބިވަޑައިގަތީ 253 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު ހަސަން ހުސައިނަށް ލިބިވަޑައިގަތީ 59 ވޯޓެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ މާފަރުގެ ތާރީހުގައި ވެސް ކައުންސިލްގެ ރައީސްގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު މިހާ ބޮޑު ތަފާތަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ރައްޔިތުންނަށް ދެއްވި މި ދީނީ ހަދިޔާއާއެކު، މޯޑު ޣަނީގެ މި ނިންމެވުމަށް ރަށުގެ ގިނަ ރައްޔިތުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

