ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ބާސެލޯނާއަށް 7 ޕޮއިންޓްގެ ލީޑެއް މިލިބުނީ ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ މަޔޯކާ އަތުން 2-1 އިން ބަލިވުމުންނެވެ. އެހެންކަމުން ރޭ އެތުލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާއަށް ލިބުނު މޮޅާއެކު ލީގު ދިފާއުކުރުމާ ގާތަށް އެޓީމް ވަނީ ޖެހިލާފައެވެ.
ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ޖޫލިއާނޯ ސިމިއޯނީ ލަނޑެއް ޖަހާ އެތުލެޓިކޯއަށް ކުރި ހޯދައިދީފައި ވަނިކޮށް، މާކަސް ރަޝްފޯޑް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިމެޗްގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެތުލެޓިކޯގެ މިޑްފީލްޑަރު ނިކޯ ގޮންޒާލޭޒަށް ރަތް ކާޑު ދެއްކުމުން، އެ ޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.
ދިހަ ކުޅުންތެރީންނާއެކު ކުޅެގެންވެސް އެތުލެޓިކޯއިން މެޗްގެ ބޮޑުބައި ބާސެލޯނާއަށް އިތުރު ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓިއެވެ. އެހެންނަމަވެސް ތަޖުރިބާކާރު ފޯވާޑް ލެވަންޑޯސްކީ ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމް މޮޅުކޮށްދީފައެވެ. މިލަޑަކީ ޔާއޯ ކަންސޭލޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ލެވަންޑޯސްކީ ބޮލުންޖަހާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ކުރިއަށް އޮތް ކޮޕާ ޑެލް ރޭގެ މެޗަށް ވިސްނާ، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ރޭގެ މެޗަށް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަނެއްކޮޅުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ލެވަންޑޯސްކީއަށް އަރާމުކުރުމުގެ ފުރުސަތު ދިނުމަށް ޑެނީ އޮލްމޯ "ފޯލްސް ނައިން" އެއްގެ ގޮތުގައި ބޭނުންކޮށް، އަނިޔާގައި ހުރި ރަފީނިއާގެ ބަދަލުގައި ރަޝްފޯޑަށް ފުރުސަތު ދީފައެވެ.
ރޭ ކުޅެވުނު މިމެޗްގެ ކުޅުމަށް އިތުރަށް ބަލާލާއިރު
# މެންޗެސްޓާ ޔުނައިޓެޑުން ލޯނު އުސޫލުން ބާސެލޯނާއަށް ކުޅެމުންދާ ރަޝްފޯޑް ވަނީ މެޗުގެ ކުރީކޮޅު ހިލޭ ޖެހުމަކުން ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. # އަދި މިއީ ސީޒަން ނިމުމުން އެމެރިކާގެ އޯލަންޑޯ ސިޓީއަށް ބަދަލުވާނެކަން އިއުލާންކުރި ފަހުން އެންޓޮއިން ގްރީޒްމަން އެތުލެޓިކޯއަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ މިމެޗްގައި އުފެއްދި ހަމަލާއެއް ބާސެލޯނާގެ ކީޕަރު ހުށިޔާރުކަމާއެކު ދިފާއުކޮށްފައިވެއެވެ،
# ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު، ފާމިން ލޮޕޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ
# ދެވަނަ ހާފުގައި ބާސެލޯނާގެ ޖެރާޑް މާޓިންއަށް ރަތް ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. މިއީ އެތުލެޓިކޯގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ނުރުހުން ރެފްރީއަށް އަމާޒުވި ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

