ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ މިރޭ އެތުލެޓިކޯއާ ދެކޮޅަށް ނުކުންނަނީ، ލަލީގާގެ ތާވަލުގެ ކުރީގައި އޮތް ފަރަގު ދެމެހެއްޓުމަށް ނުވަތަ އިތުރުކުރުމުގެ އުންމީދުގައެވެ.
މިއީ ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޑިއޭގޯ ސިމިއޯނީގެ ޓީމާ ދެކޮޅަށް ކުޅެން އޮތް ދެ މެޗުގެ ކުރިން ކުޅެވޭ ވަރަށް މުހިންމު މެޗެކެވެ.
މި ސީޒަނުގައި މިހާތަނަށް މި ދެ ޓީމު ތިން ފަހަރު ބައްދަލުކޮށްފައިވާއިރު، ޑިސެމްބަރު މަހު ލަލީގާގައި ބާސެލޯނާ މޮޅުވި ނަމަވެސް، ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި އެޓީމު ވަނީ އެތުލެޓިކޯ އަތުން ބަލިވެފައެވެ.
މިރޭގެ މިމެޗަށް ބާސެލޯނާ ނިކުންނައިރު އެޓީމްގެ މުހިއްމު ކުޅުންތެރިޔާ ރަފީނިއާ ބްރެޒިލްގެ ގައުމީޓިމަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާއި ގުޅިގެން މެއި މަހާ ހަމައަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން،
މިމެޗުން ބާސެލޯނާއަށް ކާމިޔާބީ ހޯދައިދިނުމުގެ ބޮޑު ޒިންމާއެއް އޮތީ 18 އަހަރުގެ ޔަމާލްގެ ކޮނޑުގައެވެ.
އަނިޔާގެ ސަބަބުން މި ސީޒަނުގެ ކުރީކޮޅު އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، މިހާރު ކުޅުމާ މެދު އުފާވާ ކަމަށް ޔަމާލްވަނީ ބުނެފައިވެއެވެ. އަދި މިސީޒަނުގައި ވިއަރެއާލްއާ ދެކޮޅަށް އޭނާގެ ފުރަތަމަ ހެޓްރިކް ހެދުމަށްފަހު އޭނާ ބުނީ "މިހާރު ދަނޑުމަތީގައި ހިނިތުންވުމާއެކު ކުޅެވޭ" ކަމަށެވެ.
ފަހަކަށް އައިސް ބާސެލޯނާ ބޮޑަށް ބަރޯސާވަނީ އެޓޭކުގައި ޔަމާލް އަށާއި ގޯލު ބެލެހެއްޓުމުގައި ޖޯން ގާސިއާ އަށެވެ. ލެވަންޑޮސްކީ އާއި ފެރާން ޓޮރޭޒްގެ ފޯމު ދަށްވެފައިވާއިރު، މާކަސް ރަޝްފޯޑަށް ފުރުސަތު ލިބެނީ މަދުންނެވެ. ނަމަވެސް ރަފީނިއާގެ އަނިޔާއާއެކު، މެންޗެސްޓަރ ޔުނައިޓެޑުން ލޯނު އުސޫލުން އައިސް ހުރި ރަޝްފޯޑަށް މިމެޗްގައި ފުރުސަތު ލިބިގެން ދާނެކަމަށް ބެލެވެއެވެ.
އެތުލެޓިކޯ މެޑްރިޑް އޮތީ ލީގުގެ ހަތަރުވަނައިގައެވެ. ލީގުގައި އެޓީމަށް މާބޮޑު ފުރުސަތެއް ނެތް ނަމަވެސް، ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ ކުރިން ފޯމު ރަނގަޅު ކުރުމަކީ އެޓީމުގެ އަމާޒެވެ. ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މި ދެ ޓީމު ތިން ފަހަރު ބައްދަލުކުރާނެއެވެ.
އެންމެ ފަހުން ކުޅުނު ކޮޕާ ޑެލް ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބާސެލޯނާ މޮޅުވީ 3-0 އިންނެވެ. ނަމަވެސް ފުރަތަމަ ލެގު އެތުލެޓިކޯ ކާމިޔާބުކުރީ 4-0 އިންނެވެ.
މި ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގައި ބާސެލޯނާ މޮޅުވީ 3-1 އިންނެވެ.
މިދިޔަ ސީޒަނުގައި އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމު ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ބާސެލޯނާއިން ވަނީ ފަހަތުން އަރައި 4-2 އިން މެޗު ކާމިޔާބުކޮށްފައެވެ.
މިރޭގެ މެޗަކީ މި ދެ ޓީމު ބައްދަލުކުރާ 252 ވަނަ ފަހަރެވެ. މީގެ ކުރިން ބާސެލޯނާ 114 ފަހަރު މޮޅުވެފައިވާއިރު، އެތުލެޓިކޯ މޮޅުވީ 80 ފަހަރެވެ.
މިރޭ މިދެޓީމް ބައްދަލުކުރާ މެޗްފެށޭނީ ރާއްޖޭގެގަޑިން 0:00 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

