މިއަދު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެފް.އޭ ކަޕްގެ ކުއާޓާ ފައިނަލްގައި އާލިންގް ހާލަންޑް ހެދި ހެޓްރިކާއެކު 4-0 އިން ލިވަޕޫލް ބަލިކޮށް، މެންޗެސްޓަރ ސިޓީން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު ލިވަޕޫލްގެ ކޯޗު އާން ސްލޮޓަށް އޮތް ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ހާލަންޑް ދެ ލަނޑު ޖެހިއިރު، ދެވަނަ ހާފުގައި ސެމެންޔޯ ކާމިޔާބުކުރި ލަނޑަށްފަހު ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ލިވަޕޫލް ހަތަރު ލަނޑުން ފަހަތުގައި އޮއްވައި، މުޙައްމަދު ޞަލާޙަށް ލިބުނު ޕެނަލްޓީ ސިޓީގެ ކީޕަރު ޖޭމްސް ޓްރަފޯޑް ވަނީ ދިފާއުކޮށްފައެވެ. މިއީ މިހާރުވެސް ފާޑުކިއުންތައް އަމާޒުވެފައިވާ ކޯޗު ސްލޮޓަށް ކުރިމަތިވި އިތުރު މާޔޫސްކަމެކެވެ.
ލިވަޕޫލްގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު، ސިޓީގެ ސަޕޯޓަރުން ވަނީ ސްލޮޓަށް މަލާމާތްކޮށް، އޭނާ ވަޒީފާއިން ވަކިކުރާނެ ކަމަށް ގޮވާ އަޑުއުފުލާފައެވެ.
ލިވަޕޫލް ދެން ކުރިމަތިލާނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބުދަ ދުވަހު ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އާ ދެކޮޅަށެވެ. އެ މެޗުން މޮޅުވުމަކީ ސްލޮޓަށް މިވަގުތު ކޮންމެހެން މަޖުބޫރު ކަމެކެވެ.
އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ ދެ މެޗުން މޮޅުވެފައިވާ ލިވަޕޫލް މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ފަސްވަނަ މަގާމުގައެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ލީގު ތަށި ހޯދުމާ ގާތަށް ދިޔަ ޓީމަކަށް ބަލާއިރު ވަރަށް ބޮޑު ދަށް ނަތީޖާއެކެވެ.
ސިޓީން ވަނީ މި މޮޅާއެކު ޖެހިޖެހިގެން އަށްވަނަ ފަހަރަށް އެފް.އޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މެޗުގެ ކުރީކޮޅު ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޞަލާޙަށް ލިބުނު ރަނގަޅު ފުރުސަތެއް އޭނާ ވަނީ ބޭކާރުކޮށްލާފައެވެ.
ސިޓީން މެޗުގެ ލީޑު ނެގީ 39 ވަނަ މިނެޓުގައެވެ. މެތިއަސް ނޫނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ލިވަޕޫލްގެ ވާޖިލް ފަން ޑައިކް އޭރިއާ ތެރެއިން ނިކޯ އޯރިލީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހާލަންޑް އެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް، ސެމެންޔޯ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ހާލަންޑް ވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ސެމެންޔޯ ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ހާލަންޑްގެ ކެރިއަރުގައި ހެދި 28 ވަނަ ހެޓްރިކެވެ.
މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާ ޞަލާޙްގެ ފަރާތުން މި މެޗުގައިވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. ދެވަނަ ހާފުގައި އޭނާ އަތުން ބޭކާރުވި ޕެނަލްޓީއަކީ މީގެ ހެއްކެކެވެ.
މެޗަށްފަހު ވާހަކަދައްކަމުން ހާލަންޑް ބުނީ ފުރަތަމަ 30 މިނެޓުގައި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، އޭގެ ފަހުން ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އަނެއްކާވެސް ވެމްބްލީ ސްޓޭޑިއަމަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

