
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ މެދުގައި ބޭއްވި ޚާއްޞަ ބަހުސެއް މިދިޔަމަހުގެ 31 ވަނަ ދުވަހުގެރޭ މީދޫގައި ބާއްވައިފިއެވެ.
"ރާއްޖެ ޓައިމްސް" އިން އިންތިޒާމުކޮށްގެން ކުރީގެ ޝަމްސުއްދީން ސްކޫލްގައި ބޭއްވި މި ބަހުސްގައި، މީދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ތިން ކެނޑިޑޭޓުންގެ ތެރެއިން ދެ ކެނޑިޑޭޓަކު ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ އަހުމަދު ޝާތިރު އާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު އަންޖުމް ނޫމާނެވެ.

މި ބަހުސްގައި ދެ ކެނޑިޑޭޓުން ވަނީ މީދޫގެ ތަރައްޤީއަށް ގެންގުޅުއްވާ ތަޞައްވުރާއި، ރަށަށް ދިމާވެފައިވާ އެކި މައްސަލަތައް ޙައްލުކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.
ކެނޑިޑޭޓުންގެ މެދުގައި ބޭއްވި މި ބަހުސްގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ކައުންސިލަރު އާމިނަތު ސާލިހާ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މީދޫގައި ބޭއްވި ޕީއެންސީ ޕްރައިމަރީ ކާމިޔާބުކޮށް ޕީއެންސީގެ ނަމުގައި މި މަގާމަށް ވާދަކުރައްވަމުން އައި މިހާރުވެސް އެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އާމިނަތު ސާލިހާ މި ބަހުސްގައި ބައިވެރިވެވަޑައިނުގަތީ، ޕީއެންސީގެ ޓިކެޓުގައި އޭނާ ވާދަކުރެއްވި ނަމަވެސް، ކުއްލި ގޮތަކަށް އެ ޕާޓީން އޭނާއަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. އެހެންކަމުން، ޕީއެންސީގެ ނަމުގައި ބަހުސްގައި ބައިވެރިނުވާން އޭނާ ނިންމެވީ ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމުގެ ތެރެއިން، ރަށެއްގެ ތަރައްޤީއާއި ކުރިމަގު ބައްޓަންކުރުމުގައި ކައުންސިލްގެ ރައީސަކީ ނުހަނު މުހިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އެގޮތުން، ދާއިރާގެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަކީ، ރައްޔިތުންނަށް އެ ބޭފުޅުންގެ ތަޞައްވުރާއި ޤާބިލުކަން ވަޒަންކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެކެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބާ ދިމާކޮށް މީދޫގައި ބޭއްވުނު ކެނޑިޑޭޓުންގެ ބަހުސަކީ މީދޫގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިއްމު ޙަރަކާތެކެވެ.

ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަން ފެށިފަހުން، މީދޫގައި މިފަދަ ބަހުސެއް ބޭއްވުނު މިއީ ފުރަތަމަ ފަހަރެވެ. މި ތާރީޚީ ފެށުމަކީ ރަށުގެ ސިޔާސީ ހޭލުންތެރިކަން އިތުރުވެ، ޑިމޮކްރެޓިކް ހަމަތަކަށް ރައްޔިތުން ލޯބިކުރާ މިންވަރު ހާމަކޮށްދިން ކަމެކެވެ.
ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާ ކެނޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުން މުހިއްމުވާ ސަބަބުތަކަށް ބަލާއިރު، އެންމެ އިސްކަމެއް ދެވޭނީ ކެނޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށެވެ. މިފަދަ ބަހުސެއްގެ ސަބަބުން، ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެ ކެނޑިޑޭޓަކު ގެންގުޅުއްވާ ޕްލޭންތަކާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުގައި އެ ބޭފުޅުން ދެކޭގޮތް ސީދާ ރައްޔިތުންނަށް އޮޅުންފިލައިގެންދެއެވެ.
މިގޮތުން މީދޫގައި ބޭއްވުނު ފުރަތަމަ ބަހުސަކީ ކެނޑިޑޭޓުން ރައްޔިތުންނަށް ފޯރުކޮށްދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ވޯޓުލުމުގެ ނިންމުން ނިންމުމަށް މަގުފަހިވެގެންދިޔަ ބަހުސްއެކެވެ.
ކެނޑިޑޭޓުންނާ ކުރެވުނު ސުވާލުތަކާއި، އެ ބޭފުޅުން ދެއްވި ޖަވާބުތަކުން ރަށުގެ ކުރިމަގު އޮތް ގޮތާ މެދު ރައްޔިތުންގެ މެދުގައި އައު އުންމީދުތަކެއް އުފެދިގެންދިޔައެވެ.
ނިންމާލަމުން ފާހަގަކޮށްލަންޖެހެނީ، މީދޫގައި މި ފެށުނު ރީތި އާދައަކީ ކުރިއަށް އޮތް އިންތިޚާބުތަކުގައިވެސް ދަމަހައްޓަންޖެހޭ މުހިއްމު ސަގާފަތެއް ކަމެވެ. މިފަދަ ބަހުސްތަކުގެ ސަބަބުން ކައުންސިލްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ކެނޑިޑޭޓުން ހޭލުންތެރިވެ، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ރޫޙު އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މި ބަހުސް މޮޑަރޭޓްކޮށް ހުށަހަޅުއްވައިދެއްވީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

